Roadha Mihaaru

ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި އަޒްމިރާލްދާ އާއި މަހާޒު ތިއްބެވުމުން އެ މައްސަލަ ބަލަނީ

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.

އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

07 މާޗް 2025

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމީ އިއްޔެ އެވެ.

ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން އިތުރު މައްސަލައެއްގެ ގޮތުގައި ބަލަން ޖޭއެސްސީގެ ފަހުގެ ބައްދަލުވުމުގައި ނިންމީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވުމުންނެވެ.

އެހެންވެ، އޮކްޓޫބަރު 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ.

ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު، އޭނާ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.

ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމައި އޮތީ "ޕާކް" ކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބެލި ކޮމިޓީން ވަނީ އެއީ ޖޭއެސްސީން ވަކި ގޮތެއް ނިންމަންޖެހޭ ކަމަށް ފެންނަ މައްސަލައެއް ކަމަށް ބަޔާންކޮށް، ހުށަހަޅައިފަ އެވެ. އެހެންވެ، ޖޭއެސްސީގެ އަޣުލަބިއްޔަތުން ނިންމީ ސުއޫދު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތަސް އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ބަލާށެވެ.

އެއާ އެއްކޮޅަށް ވޯޓު ނުދެއްވަނީ އިއްޔެގެ ބައްދަލުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މުހައްމަދު ނިޔާޒާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް އިންތިހާބު ކޮށްފައިވާ ފަރުހާދު ރަޝީދެވެ.

ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލް އަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށްދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާކުރުމަށް ހައި ކޯޓުގައި އެދުމުން އެކަން ނުކޮށް ލަސްވުމުން، މުއްދަތުގެ ތެރޭގައި އިސްތިއުނާފް ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.

އަޒްމިރާލްދާ އާއި މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން މިހާރު ވެސް ދަނީ މައްސަލައެއް ބަލަމުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒާއި އަޒްމިރަލްދާ ޖޭއެސްސީން ސަސްޕެންޑްކުރީ މިދިޔަ މަހުގެ 26 ގަ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން އެ ބޭފުޅުން ސަސްޕެންޑްކުރީ އޭސީސީން ބަލާ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަމަކު، އެ މައްސަލައިގެ ތަފުސީލެއް އަދި ނޭނގެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައި އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރިއިރު އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ވެސް އެ ދުވަހު އޮތީ ތާވަލުކޮށްފަ އެވެ.