Roadha Mihaaru

ފަނޑިޔާރު މަހާޒް މާދަމާ، އަޒްމިރަލްދާ ހޯމަ ދުވަހު ޖޭއެސްސީ އަށް ހާޒިރުކުރަނީ!

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލަތައް ބަލަން އެ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލަތައް ބަލަން އެ ދެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ޖޭއެސްސީން ފަނޑިޔާރު މަހާޒަށް އަންގާފައިވަނީ މާދަމާ ހާޒިރުވާށެވެ. އަދި އަޒްމިރަލްދާ ހާޒިރު ކުރަނީ އަންނަ ހޯމަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ފަނޑިޔާރުން ހާޒިރުވާން އަންގާފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖަވާބުދާރީވުމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަހާޒާއި އަޒްމިރަލްދާ ސަސްޕެންޑް ކޮށްފައިވާއިރު، އެ ދެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ދެ މައްސަލައެއް ޖޭއެއްސީން އަންނަނީ ބަލަމުންނެވެ.

ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން ބަލާ އެއް މައްސަލައަކީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.

އޮކްޓޫބަރު 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ.

ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު، އޭނާ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން ދެ ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.