Roadha Mihaaru

ކަރްނާޓަކާގައި ފިލްމު ޓިކެޓެއް 200 ރުޕީސްއަށް ވުރެ ބޮޑުކޮށް ނުވިއްކޭ ގޮތް ހަދައިފި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ސިނަމާތަކުގައި ފިލްމު ޓިކެޓެއް 200 ރުޕީސް (35 ރުފިޔާ) އަށް ވުރެ ބޮޑުކޮށް ނުވިއްކޭ ގޮތަށް އެ ސްޓޭޓުގެ ސަރުކާރުން ހަދައިފި އެވެ.

ކަރްނާޓަކާގައި ފިލްމު ޓިކެޓެއް 200 ރުޕީސްއަށް

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ސިނަމާތަކުގައި ފިލްމު ޓިކެޓެއް 200 ރުޕީސް (35 ރުފިޔާ) އަށް ވުރެ ބޮޑުކޮށް ނުވިއްކޭ ގޮތަށް އެ ސްޓޭޓުގެ ސަރުކާރުން ހަދައިފި އެވެ.

ކަރްނާޓަކާ ސްޓޭޓުގެ ޗީފް މިނިސްޓަރު ސިއްދަރަމައިޔާ ވަނީ އެ ސްޓޭޓުން ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތަފުސީލް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ އިއުލާންކުރައްވައިފަ އެވެ.

ބަޖެޓުގެ ތަފުސީލް އިއުލާންކުރައްވަމުން އޭނާ ވިދާޅުވީ މަލްޓިޕްލެކްސްތައް ހިމެނޭ ގޮތަށް އެ ސްޓޭޓްގެ ހުރިހާ ސިނަމާއެއްގައި ޓިކެޓްގެ އަގު 200 ރުޕީސްގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި އެ ސްޓޭޓުގައި އުފައްދާ ކަނައްޑާ ފިލްމުތައް ޕްރޮމޯޓްކުރުމަށް ހާއްސަ ސްޓްރީމިން ޕްލެޓްފޯމެއް ވެސް ތައާރަފުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި މިހާރު އެންމެ ބޮޑު ތަރުހީބެއް ލިބޭ ދެކުނު އިންޑިއާގެ ފިލްމުތަކުގެ ތެރެއިން ކަނައްޑާ ފިލްމުތައް ސްޓްރީމްކުރާނެ ޕްލެޓްފޯމެއް ހޯދުމުގައި ވަރަށް ބޮޑަށް ދަތިވާ ކަމުގެ ޝަކުވާ އެ ސްޓޭޓުގެ ފިލްމު އުފެއްދުންތެރިން ވަރަށް ގިނައިން ކުރެ އެވެ.

ސަގާފީ، ތާރީހީ އަދި އިޖުތިމާއީ ގޮތުން އެ ސްޓޭޓްގެ އަގުހުރި ސިފަތައް ދައްކުވައިދޭ ފިލްމުތައް ރައްކާތެރިކުރެވޭނެ ރިޕޮސިޓަރީއެއް ހެދުމަށް ތިން ކްރޯޑް ރުޕީސް ކަނޑައަޅާފައިވާ ކަމަށް ވެސް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ޗީފް މިނިސްޓަރު ވަނީ އެ ސްޓޭޓުގައި އިންޑަސްޓްރީއެއްގެ ލެވަލްގައި ފިލްމުތައް އުފެއްދޭނެ ގޮތް މަގުފަހިކޮށްދީ، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުން 2.5 ހެކްޓަރުގެ ބިމެއްގައި މަލްޓިޕްލެކްސް ތިއޭޓަރެއް ހަދަން ނިންމާފައިވާކަން ވެސް އިއުލާންކުރައްވައިފަ އެވެ. އަދި 500 ކްރޯޑް ރުޕީސް ހަރަދުކޮށްގެން މައިސޫރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފިލްމު ސިޓީއެއް ހަދާނެކަން ވެސް އޭނާ އިއުލާންކުރެއްވި އެވެ.

ދެކުނު އިންޑިއާގެ ފިލްމުތަކަށް ލިބޭ ތަރުހީބު ބޮޑުވެ، ދެކުނު އިންޑިއާގެ އެކި ސްޓޭޓުތަކުގައި މި ދާއިރާ ކުރިއަރުވަން އޮތް ވާދަވެރިކަން މިހާރު އަންނަނީ ވަރަށް ބޮޑުވަމުންނެވެ.