Roadha Mihaaru

ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"

ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންގެ ވެރިޔަކަށް ހުރި އަނދަރިއަނދިރިންނަކީ ރާއްޖޭގައި ބޮޑުވި މީހެއްކަން ތާރީހުން އެނގެ އެވެ. ބުނެވޭ ގޮތުގައި، ޔޫރަޕު ނަސްލުގެ އަނދިރިއަނދިރިން ކުޑައިރު އުޅުނީ ގދ. ވާދޫގަ އެވެ. އެކަމަކު އެ ރަށުގެ ތާރީހު އެ ހިސާބަކުން ނުނިމެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު
ގދ. ވާދޫން ފާތިމަތު ޝަނާ މުހައްމަދު

09 މާޗް 2025

ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންގެ ވެރިޔަކަށް ހުރި އަނދަރިއަނދިރިންނަކީ ރާއްޖޭގައި ބޮޑުވި މީހެއްކަން ތާރީހުން އެނގެ އެވެ. ބުނެވޭ ގޮތުގައި، ޔޫރަޕު ނަސްލުގެ އަނދިރިއަނދިރިން ކުޑައިރު އުޅުނީ ގދ. ވާދޫގަ އެވެ. އެކަމަކު އެ ރަށުގެ ތާރީހު އެ ހިސާބަކުން ނުނިމެ އެވެ.

އަނދިރިއަނދިރިން އުފަންވީ ވެސް، ރާއްޖެ އިސްލާމް ވުމުގެ ކުރިން ހިނގައި ދިޔަ އެތައް ކަމެއްގެ ހެކިތަކާއި އާސާރުތަކާއި ތަރިކަތައް ހުރި ވާދޫގައި ކަމަށް ބުނެވެ އެވެ. އެކަމާ ގުޅުވައި ދައްކައި ވާހަކަތަކަށް ބާރުދޭ އެތައް ކަމެއް އެ ރަށުން ފެންނަން އެބަހުއްޓެވެ. އެކަމާ ގުޅޭ ވާހަކަތައް އެކި ގޮތަށް ދައްކަ އެވެ.

ބުނެވޭ ގޮތުގައި، އަނދަރިއަނދިރިންގެ މަންމަ އަކީ ކާންޒީ ކަމަނަ އެވެ. ކާންޒީ ކަމަނަ އުޅުނު ކަމަށް ބުނާ ސަރަހައްދުގައި ހަދާފައިވާ ބޮޑު ވެވެއް މިހާރު ވެސް ފެންނަން އެބަ އޮތެވެ. އެތަން އޮންނަނީ ވަރަށް ބޮޑަށް ވީރާނާވެ، ގަސް ބޯވެފައި އޮތް ސަރަހައްދެއްގައި ފޮރުވިފަ އެވެ.

ރަށުގެ އުމުރުން ދުވަސްވީ މީހަކު ބުނީ ކާންޒީ އަކީ އެ ރަށު ފަރަށް އެރި ޕޯޗުގީޒު ނަވަކުން ފޭބި އަންހެނަކު ކަމަށެވެ. އެއީ އެ ނަވުގެ ކެޕްޓަންގެ އަންހެނުން ކަމަށާއި އޭނާ އެ ރަށަށް އައި އިރު އިނީ ބަލިވެ ކަމަށް، ތުންތުންމަތިން ދެކެވޭ ވާހަކަތައް ކިޔައިދެމުން އޭނާ ބުންޏެވެ. އޭނާ ބަލިވެ އިނދެ، ރަށުގައި ވިހެއި ކުއްޖާއަށް ދިން ނަމަކީ އެންޑްރިއު އެންޑްރޭޑް (އަނދިރި އަނދިރިން) އެވެ.

ކާންޒީ ކަމަނާގެ ވެވު. އެތަނުގައި އައް ފޫޓުވަރު ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކާންޒީ ކަމަނާގެ ވެވު. އެތަނުގައި އައް ފޫޓުވަރު ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކާންޒީގެ ފިރިމީހާ އަށް ވީގޮތަކާ މެދު ވެސް އެކި ގޮތަށް ވާހަކަ ދެކެވެ އެވެ. އެކަމަކު ކާންޒީ ރާއްޖެއިން ގާފަރު ކަޅު އުނބުށޭމު ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށް މަތުއްކަލާ ނަމަކަށް ކިޔާ އިތުރު ކުއްޖަކު ލިބުނު ކަމަށް ވެ އެވެ.

ވާދޫ ކައުންސިލްގެ މެންބަރު ސާރާ މުހައްމަދު ވިދާޅުވީ، ފަސް އަޅައި ފޮރުވާފައި އޮއްވައި ކާންޒީގެ ވެވު ކޮނުނީ މީގެ ފަސް އަހަރު ކުރިން ކަމަށެވެ. ކުޑަވަރެއްގެ ޕޮންޑެއް ގޮތަށް އޮތް އެ ވެވުގެ މަތިން މިހާރު ހުރީ ގަސްތައް ހެދިފަ އެވެ. އަށް ވަރަކަށް ފޫޓުގެ އެ ވެވުގެ އެތެރެ އަދި ވަށައިގެން ހަދާފައި ވަނީ ގަލުގެ ރީތި ޑިޒައިންތަކުންނެވެ. އަދި ވެވުގައި ސިޑިބަރިއެއް ވެސް ހުއްޓެވެ. އެކަމަކު، އެތަން އޮތީ މިހާރު ވަރަށް ބޮޑަށް ކުނި އެޅި ސާފުކުރަން ޖެހިފަ އެވެ. ސާރާ ވިދާޅުވީ، އެ ސަރަހައްދު އެންމެ ފުރިހަމައަށް ރައްކާތެރިކޮށް ބާއްވަން ކުރަންޖެހޭ ކަންކަމަށް ބަޖެޓެއް ނެތް ކަމަށެވެ.

ފޯކްލޯރެއް މިއީ. އެކަމަކު ބިނާ ވަނީ އަސްލެއްގެ މައްޗަށް. އެއީ ދޮގެކޭ ވެސް ނުބުނެވޭނެ. ދޮގަކަށް ޕްރޫފް ކުރާނެ ހެއްކެއް ނެތް. ތެދެކޭ ވެސް ނުބުނެވޭނެ. ކާންޒީ ކަމަނައާ ގުޅޭ ތަންތަން ވެސް އެބަހުރިތާ. އައްޑޫ ހިތަދޫ ކޯއްޓޭ ކޮޅާއި ވާދޫގައި

ކާންޒީ ކަމަނަ، އެ ރަށުގައި އުޅުނީ ވަރަށް ބޮޑަށް އެހެން މީހުންނާ ވަކިންނެވެ. ގެއަކާއި ވެވެއް ހުއްޓަސް، އެއީ ރަށުގެ އެހެން މީހުން ގޮސް އުޅޭ ސަރަހައްދެއް ނޫނެވެ. ބިދޭސީއަކަށް ވުމުން ރަށުގެ އެހެން މީހުންނާ މާ ބޮޑަށް ވާހަކަ ދައްކައި ނޫޅޭތީ، ކުޑަކުދިން ބިރުގެންނެވުމަށް ވެސް ކާންޒީ ކަމަނަގެ ވާހަކަތައް ދައްކައި އުޅޭ ކަމަށްވެ އެވެ. ކާންޒީ ކަމަނަ، އޭނާގެ އާއިލާގެ ބައެއް މީހުން މެރި ވާހަކަތަކާއި އޭނާގެ ހަރުކަށި ކަމުގެ ވާހަކަތަކަކީ ވެސް އެ ރަށުގެ މުސްކުޅިން ކިޔައިދޭ ބައެއް ވާހަކަތަކެވެ.

ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ، ރިސާޗު އެނަލިސްޓު އަހުމަދު އަލާ ދީދީ ވެސް ވިދާޅުވީ، ވާދު އަށް ކާންޒީ ކަމަނާ އައީ ޕޯޗުގީޒު ނަވަކުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރުގެ ސުލްތާނު ފޮނުވި ހަނގުރާމަ މަތީ ނަވަކާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރެއިން އެ ނަވުގައި ތިބި ހުރިހާ އެންމެން މަރާލީ އެވެ. އެ ނަވުން ހަމައެކަނި ސަލާމަތްވީ ކާންޒީ ކަމަނަ އެވެ. ކާންޒީ ކަމަނަ ކައިވެނިކުރި ކަމަށް ބުނާ ކަޅު އުނބުށޭމު އަކީ އެ ނަވާ ދެކޮޅަށް ހަނގުރާމަކުރަން ދިޔަ މީހެއް ކަމަށާއި ކާންޒީ ސަލާމަތްކޮށްގެން ރަށަށް ބޭލީ އޭނާ ކަމަށްވެ އެވެ.

ކާންޒީ ކަމަނަ ވާދޫގައި އުޅުއްވުމަށް ފަހު، ފަހުން އައްޑޫ ހިތަދު އަށް ދިރިއުޅުން ބަދަލު ކުރި އެވެ. އަލާ ވިދާޅުވީ، އަނދިރި އަނދިރިން ރާއްޖޭގައި ބޮޑުވި ނަމަވެސް، އޭނާ އަކީ ފަރަންސޭސި ދަރިކޮޅުގެ މީހެއް ކަަމަށާއި އޭނާ ބޮޑުވުމަށް ފަހު، އަލުން ރާއްޖެއިން ބޭރަށް ގޮސް އައީ ޕޯޗްގީޒުންނާ އެކު ރާއްޖެ ހިފަން ކަމަށެވެ.

"ފޯކްލޯރެއް މިއީ. އެކަމަކު ބިނާ ވަނީ އަސްލެއްގެ މައްޗަށް. އެއީ ދޮގެކޭ ވެސް ނުބުނެވޭނެ. ދޮގަކަށް ޕްރޫފް ކުރާނެ ހެއްކެއް ނެތް. ތެދެކޭ ވެސް ނުބުނެވޭނެ. ކާންޒީ ކަމަނައާ ގުޅޭ ތަންތަން ވެސް އެބަހުރިތާ. އައްޑޫ ހިތަދޫ ކޯއްޓޭ ކޮޅާއި ވާދޫގައި،" އޭނާ ވިދާޅުވި އެވެ.

މި ޝައުގުވެރި ވާހަކައާ ހިސާބުން ވާދޫގެ ތާރީހެއް ނުނިމެ އެވެ.

ރާއްޖޭގައި އާސާރީ ތަންތަން އެންމެ ގިނަ އެއް ރަށް ކަމަށްވާ ވާދޫގައި ހާހެއްހާ އަހަރުގެ ކުރީގެ މިސްކިތްތަކާއި ޒިޔާރަތްތަކާއި އެ ރަށުގައި ވަޅުލާފައިވާ، ރަސްމަތި އާއިލާތަކުގެ ބޭބޭފުޅުންނާއި ހާއްސަ މީހުންގެ ވާހަކަ އެ ރަށުން ދިމާވާ ކޮންމެ މީހަކު ވެސް ދައްކަ އެވެ. ތާރީހީ އާދަޔާ ހިލާފު ވާހަކަތަކާއި ލޯބީގެ އަސަރުގަދަ ހާދިސާތަކާއި ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގި ހަނގުރާމަތަކުގެ ވާހަކަ އެވެ. ފޯކްލޯރްތަކުގެ ގޮތުގައި މިއީ މި ރަށުގައި ކުޑަކުދިންނަށް ކިޔައިދޭ ވާހަކަތަކަށް ވަނީ ވެފަ އެވެ.

އާސާރީ ދިހަ ވަރަކަށް ބިނާ ހުރި މި ރަށުގައި އާސާރީ ތަންތަނުގެ މާބޮޑު ތާރީހީ ދިރާސާތަކެއް ނެތަސް، އެ ރަށުގެ ކޮންމެ ކުއްޖަކު ބޮޑުވަނީ، އެތަންތަނުގެ ވާހަކަތައް އަޑުއަހައި އެ ވާހަކަތައް ގަބޫލުކޮށްގެންނެވެ. ބައެއް ވާހަކަތަކަކީ، ރަށުގެ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އައިސްފައި ހުރި ވާހަކަތަކެވެ. ތާރީހަށް ލޯބިކުރާ ޒުވާނުން މި ވާހަކަތައް، ރަށުގައި ފެށިފައިވާ ޓޫރިޒަމްގެ ތެރެއަށް ވައްދައި ބޭރު މީހުންނަށް ކިޔައިދޭން ވެސް ފަށައިފި އެވެ.

ގަލަ މިސްކިތް ޒިޔާރަތް: މަޝްހޫރު ވިހާ ގާ

އާސާރީ ތަންތަނުގެ ތެރެއިން ގަލަ މިސްކިތް ޒިޔާރަތަކީ އެ ރަށުގައި އެންމެ ހާއްސަ އެއް ތަނެވެ. އިހުޒަމާނުގައި މާބަނޑު މީހުން ގެންގޮސް އެތަނުގައި ހުންނަ ހާއްސަ ގަލެއްގެ މަތީގައި ބައިންދަ އެވެ.

ގަލަ މިސްކިތް ޒިޔާރަތް. އެތަނުގައި މީހުންތަކެއް ވަޅުލާފައިވާ މަހާނަތަކެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގަލަ މިސްކިތް ޒިޔާރަތް. އެތަނުގައި މީހުންތަކެއް ވަޅުލާފައިވާ މަހާނަތަކެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ޒިޔާރަތާ ގުޅޭ ގޮތުން އެރަށުގެ އުމުރުން ދުވަސްވީ މީހަކު ބުނީ، ވިހަން ކައިރިވުމުން، އާއިލާއާ އެކު ކޭން ހަދައިގެން އެ ގާ ހުންނަ ސަރަހައްދަށް ދިއުމަކީ ރަށުގައި އޮތް ވަރަށް ބޮޑަށް އާދައެއް ކަމަށެވެ. ކިޔައިއުޅެނީ އެ ގާ މަތީ އަންހެން މީހާ ބައިންދައި ކުޅިވަރު ކުޅެ، ކޭން ކެއުމަށް ފަހު އެނބުރި އައުމުން ފަސޭހައިން ވިހޭ ކަމަށެވެ.

ވިހާ ގަލަށް އަރަން ގާދޫގެ އިތުރުން އެހެން ރަށްރަށުގެ މީހުން ވެސް އައިސް އުޅުނެވެ.

"އެ ގަލުގައި އިށީނީމާ ފަސޭހައިން ވިހެވޭ ކަމަށް ވަނީ. އެކަމަކު އަސްލު ވިސްނާލީމަ އެނގޭ، އެހާ ދުރަށް ހިނގުމަކީ ވަރަށް ބޮޑު ކަސްރަތެއްކަން. ބުނޭތާ ގިނައިން ހިނގީމަ ވިހަން ފަސޭހަވާނެއޭ. އެކަހަލަ ކަމެއް އަސްލު މިވަނީ،" އެ ވާހަކަ ކިޔައިދިން މީހާ ބުންޏެވެ.

އެއީ ވިހާ ގަލާ ގުޅޭ ފަހުގެ ތާރީހެވެ.

ގަލަ މިސްކިތް ޒިޔާރަތާއި ގުޅޭ މާބޮޑު ތާރީހީ ދިރާސާއެއް ނެތް ނަމަވެސް، އެ ސަރަހައްދުގައި ހުރީ ވާދޫގެ އެހެން ޒިޔާރަތްތަކުން ވެސް ފެންނަ ފަދަ އިހުގެ، ކުރެހުންތައް ފެންނަ މަހާނަ ގާތަކެވެ. އެކަމަކު އެތަން އެއްކޮށްހެން އޮތީ ފެހިޖަހައި ހަލާކުވެފަ އެވެ. އެތަނުގައި ވަޅުލާފައި ވަނީ، ބުޑިސްޓު ޒަމާނުގައި އެރަށުގައި އުޅުނު، ފޫޅުމައިންނާއި ހާމުދުރުން ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެ އެވެ. އެ ތަނަށް 600 އެއްހާ އަހަރު ވެދާނެ ކަމަށް ބެލެވެ އެވެ.

މުހައްމަދު ޖަމާލުއްދީން މިސްކިތް: ވާދޫ ދަންނަކަލޭގެފާނު

މުހައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަކަލޭފާނު މިސްކިތް ހުންނަ ސަރަހައްދުގައި ވެސް ޒިޔާރަތް އެބަހުއްޓެވެ. އެއީ ވެސް ތާރީހީ މުހިއްމު އެތައް ވާހަކައަކުން ފުރިގެންވާ ސަރަހައްދެކެެވެ.

އެއީ ކުރިން ބުދުފައްޅިއެއް ހުރި ތަނެއް ނަމަވެސް، އެ ރަށުގެ މީހުން އިސްލާމުވުމަށް ފަހު އެތަން މިސްކިތަކަށް ބަދަލުކުރީ އެވެ. އަލާ ވިދާޅުވީ، ވާދޫ ދަންނަކަލޭފާނު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، އެނބުރި މާލެ ވަޑައިގެންނެވީ ބޮޑުތަކުރުފާނު، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސްވަރު ކަމަށެވެ.

"ވާދޫ ދަންނަކަލޭފާނު ކިޔަސް އެއީ މާލޭ ބޭފުޅެއް ކަމަށް ބުނަނީ. ސަލާހުއްދީން ލިޔުއްވާފައި ވެސް އޮވޭ އެއީ މާލޭ ބޭފުޅެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވާދޫ ދަންނަކަލޭގެ ފާނު މިސްކިތުގައި ހުރި ވަޅަކުން "މިހާރު" ގެ ނޫސްވެރިން ފެންނަ ނަގަނީ: އެ ރަށު މީހުން ބުއިމަށް އެ ވަޅު ފެން ވަރަށް ގިނަ ދުވަސް ވަންދެން ބޭނުންކުރި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވާދޫ ދަންނަކަލޭގެ ފާނު މިސްކިތުގައި ހުރި ވަޅަކުން "މިހާރު" ގެ ނޫސްވެރިން ފެންނަ ނަގަނީ: އެ ރަށު މީހުން ބުއިމަށް އެ ވަޅު ފެން ވަރަށް ގިނަ ދުވަސް ވަންދެން ބޭނުންކުރި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބޮޑުތަކުރުފާނު، ވާދޫ ދަންނަކަލޭފާނަށް ފަނޑިޔާރުކަން ހުށަހެޅުއްވި އެވެ. އެކަމަކު އެމަނކިފާނު އެކަން ބަލައިނުގަނެ ވާދުއަށް ދިރިއުޅުން ބަދަލުކުރެއްވީ ކަމަށް ތާރީހުގައިވެ އެވެ.

"ތިމަންނަ ފަނޑިޔާރުކަމެއް ބޭނުމެއް ނެތޭ. ތިމަންނަ ހުންނާނީ އެކަހެށީއިން އޮތް ފޮށިގަނޑެއްގައި. ވާދޫ ކަލޭފާނަށް އެކަހެށީ އޮތް ފޮށިގަނޑަކީ ވާދޫ،" އަލާ ވިދާޅުވި އެވެ.

ވާދޫ ދަންނަކަލޭފާނު އިސްވެ ހުންނަވައި އެރަށަކީ އިސްލާމީ ތައުލީމުގެ ރާއްޖޭގެ ހަބަކަށް ހެއްދެވިކަން ތާރީހުން ފެންނަން އެބަ އޮތް ކަމަށް އަލާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ނަން މަޝްހޫރު ބޭބޭފުޅުންނާއި މަލާބާރުންނާއި ފާރިސްކަރައިން ވެސް ބޭބޭފުޅުން އެރަށަކަށް އިލްމު އުނގެނުމަށް ދިޔަކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ޖަމާލުއްދީން އެ މިސްކިތުގައި، ކިޔަވައިދެއްވަން އިށީނދެވަޑައިގެން ތިއްބެވި ބައެއް ގޮނޑިތަކުގެ އިތުރުން ފޮތް ގޮނޑިތައް ވެސް އަދިވެސް އެބަހުއްޓެވެ.

ވާދޫ ދަންނަ ކަލޭގެފާނު މިސްކިތުގެ އެތެރެ. މިތަން ހަދާފައި ހުންނަނީ ދެ ބަޔަކަށް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވާދޫ ދަންނަ ކަލޭގެފާނު މިސްކިތުގެ އެތެރެ. މިތަން ހަދާފައި ހުންނަނީ ދެ ބަޔަކަށް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އިހުގެ ކުރެހުންތަކާއި ގަލުވަޑާމުން އެ މިސްކިތުގެ މުސްކުޅިކަން ފެނެ އެވެ. ދެ ބަޔަކަށް ހުރި އެ މިސްކިތުގެ މަތީގައި "އެޓިކް" އެއް ގޮތަށް އިތުރު ޖާގައެއްވެ އެވެ. ރަށުގެ ބައެއް މީހުން ބުނީ، އެ މިސްކިތުގެ މަތީގައި ހުރި ރަނުން ހަދާފައިވާ ކަނޑިތަކެއް ވެސް މާލެއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މިސްކިތުގެ ތެރޭގައި ގަޑިބެލުމަށް ބޭނުންކުރާ ވަގުތު ގަލެއް ވެސް ހުއްޓެވެ. އަދި ނަދުރު ބުނެގެން ކުދިން ކިރަން ބޭނުންކުރާ ސާމާނު ވެސް އެ މިސްކިތުގެ ތެރޭގައި އެބަހުއްޓެވެ. އެއީ ފަހުގެ ތާރީހުތަކަށް ނިސްބަތްވާ ތަކެއްޗެވެ. އެކަމަކު އެ ތަކެތި ވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފަ އެވެ.

އެރަށުގައި 1990 ގެ އަހަރުތަކާ ހަމައަށް ވެސް، ދަންނަކަލޭގެފާނުގެ ޒިޔާރަތަށް ގޮސް ނަދުރުބުނުން ވަރަށް ގަދައަށް އޮތެވެ. ބައެއް މީހުން، އެމީހުންގެ ދަރިންގެ ހިތް އަލިކުރުމަށް ކަމަށް ބުނެ، ދަންނަކަލޭފާނުގެ ޒިޔާރަތުގައި ހުންނަ ވެލި ވެސް ދަރިންނަށް ކާންދެ އެވެ. އެކަމަކު ދީނީ ހޭލުންތެރިކަމާ އެކު އެ ކަންކަން މިހާރު ވަނީ ހުއްޓިފަ އެވެ.

ތަބްރޭޒީ މިސްކިތް

މަލާޑު ނުވަތަ ތަބްރޭޒީ މިސްކިތަކީ އެރަށަށް ތަބުރޭޒީގެފާނު ޒިޔާރަތްކޮށް އެޅުއްވި މިސްކިތެވެ. އެރަށަށް ދީން ފެތުރުމަށް ތަބުރޭޒީގެފާނު ވަޑައިގެންނެވި އިރު ވެސް އެރަށުގައި ބުޑިސްޓުން އުޅޭ ކަމަށް އެރަށުގެ ތާރީހީ މައުލޫމާތު ދަންނަ މީހަކު ބުންޏެވެ.

ތަބްރޭޒީގެފާނު ވާދޫގައި އެޅި މިސްކިތް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ތަބްރޭޒީގެފާނު ވާދޫގައި އެޅި މިސްކިތް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ މީހުންގެ އުނދަގޫތަކާ ހެދި ތަބްރޭޒީއަށް އެރަށަށް އަރައިވަޑައިގަނެވުނީ ވެސް ވަރަށް ހާލުންނެވެ. ބައެއް މީހުން ބުނި ގޮތުގައި ތަބުރޭޒީ އާއި އެރަށުގައި އުނު ބުޑިސްޓުންނާ ދެމެދު ހަނގުރާމައެއް ވެސް ހިނގި އެވެ. އޭނާއަށް ރަށަށް އަރައިވަޑައިގަނެވުނީ ހަނގުރާމާގައި ބުޑިސްޓުން މެރުމަށް ފަހު ކަމަށް ކިޔައި އުޅެ އެވެ. މިއީ ތާރީހީ ގޮތުން މާބޮޑު ބުރަދަނެއް އޮތް ވާހަކައެއް ނޫނަސް، މިއީ އެރަށުގެ މުސްކުޅިން ކިޔައިދީ އުޅުނު ބައެއް ވާހަކަތަކެވެ.

ތަބްރޭޒީ މިސްކިތް އެޅުއްވީ ރަށަށް ފުރަތަމަ އަރައިވަޑައިގަތް ދިމާލުގަ އެވެ. އެއީ ރަށަށް އަރައިވަޑައިނުގެންނެވިގެން ވިދާޅުވި ނަދުރެއް ފުއްދެވުމަށް އެޅުއްވި މިސްކިތެކޭ ކިޔައި އުޅެ އެވެ. ރަށު އިރުމަތީ ފަރާތު، އަތިރިމަތީގައި ހުރި އެ މިސްކިތުގެ ގާތަކުން ފެންނަން ހުރީ އިހުގެ ރީތި ލިޔެލާގެ ޑިޒައިންތަކެވެ. މިހާރު އެ މިސްކިތް ވަށައިގެން ވަނީ ފާރެއް ނާރައި ކުލަ ލައިފަ އެވެ.

ރަށުގެ ދެ ހަވިއްތަ

ބުޑިސްޓުން އަޅުކަން ކުރުމަށް އެ ރަށުގެ ވަލު ސަރަހައްދުގައި ދެ ހަވިއްތަ ހުރެ އެވެ. އެތަނުން އެއް ތަނުގެ ވަށައިގެން 280 ފޫޓު ހުރި އިރު އެތަނުގެ އުސްމިނުގައި 15 ފޫޓު ހުއްޓެވެ. އެއީ އެރަށު މީހުން ކިޔާ ގޮތުން ބޮޑު ހަވިއްތަ އެވެ. އަދި ކުޑަ ހަވިއްތައިގެ އުސްމިނުގައި ގާތްގަނޑަކަށް 10 ފޫޓު ހުއްޓެވެ.

ރަށު މީހުން އިސްލާމުވުމަށް ފަހު ހަވިއްތައަށް ފަސް އެޅީ އެވެ. އެއީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި އެކަން ކޮށްފައި ހުރި ގޮތެވެ.

ހަވިއްތަތަކާ ގުޅޭ ގޮތުން އެރަށުގައި ދެއްކޭ އެންމެ ބޮޑު އެއް ވާހަކައަކީ، އެތަންތަނުގައި ރަން ވަޅުލާފައި ހުރުމެވެ. ރަން ހޯދަން މީހުން އެތަންތަން ކޮނެފައި ވެސް އެބަހުއްޓެވެ. މީގެ ދެތިން އަހަރު ކުރިން އެރަށުގެ ޒުވާނުންތަކެއް ހަވިއްތަ ކޮނެފައި ވެސް ވެ އެވެ. އެކަމަކު އެހާ ފުންކޮށް ނުކޮޅެވެނީސް އެކަން ވަނީ ހުއްޓުވައިފަ އެވެ.

ވާދޫގެ ހަވިއްތައެއް: އެއީ ވަރަށް ހުސްކޮށް ހުރި ސަރަހައްދެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވާދޫގެ ހަވިއްތައެއް: އެއީ ވަރަށް ހުސްކޮށް ހުރި ސަރަހައްދެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ސަރަހައްދު މިހާރު ވަނީ ބޮޑެތި ގަސްތަކުން ފުރިފަ އެވެ. ފުނަ އާއި ނިކަ އާއި ކަނދު އަދި އުނިގަސް ގިނަ އަދަދަކަށް ހެދިފައިވެ އެވެ.

އެރަށުގެ ތާރީހީ ގިނަ ޒިޔާރަތްތައް ނިސްބަތް ވަނީ ރާއްޖެ އިސްލާމުވުމުގެ ކުރީގެ ދުވަސްވަރަށެވެ. އަލާ ވެސް ވިދާޅުވީ، އެރަށުގައި މޮންކުން ނުވަތަ ހާމުދުރުން ދިރިއުޅުމަށް ހާއްސަ މޮނާސްޓަރީއެއް ހުރިކަން ވެސް ފެންނަން އެބަހުރި ކަމަށެވެ. ހަވިއްތަ ހުރި ސަރަހައްދާ ކައިރީ އެފަދަ ކިތަންމެ ޒިޔާރަތެއް ހުއްޓެވެ.

އެރަށުގައި މިހާރު ފެންނަން ހުރި ގިނަ އާސާރުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، ވީރާނާވެފަ އެވެ. އެތަންތަން ބަލަހައްޓާނެ ބަޖެޓެއް ނެތެވެ. އެކަންކަން ބެލެހެއްޓުމުގެ ކަންކަން ސަރުކާރުތަކުން ވެސް އިސްކަންދީގެން ކޮށްފައެއް ނުވެ އެވެ. ރަށު ކައުންސިލުން ވެސް ބޭނުންވަނީ، އެތަންތަން ފުރިހަމައަށް ބެލެހެއްޓޭނެ ގޮތެކެވެ. އަދި ތާރީހީ ރަށެއްގެ ގޮތުގައި އެރަށް ޕްރޮމޯޓު ކުރާށެވެ.