ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މީހުން ހާޒިރުކޮށް ބަޔާން ނަގަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މީހުން ހާޒިރުކޮށް ބަޔާން ނަގަން ފަށައިފި އެވެ.
އޭސީސީގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭސީސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލާގައި ސުވާލު ކުރަން ބައެއް މީހުން އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އަދި ބައެއް މީހުންގެ ބަޔާނުގައި ސޮއިކުރަން މިރޭ ވެސް ހާޒިރުކޮށްފައިވެ އެވެ.
ހާޒިރުކޮށް ސުވާލުކުރި މީހުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ވެސް ހިމެނެ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގެ އިތުރުން ޖޭއެސްސީން ގެންދަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު، އޭނާ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
"ތުހުމަތަކީ ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް"
ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ
ސުއޫދު، އަޒްމިރަލްދާ، މަހާޒު ސަސްޕެންޑުކޮށްފި
އޭސީސީގެ ރައީސް ނުފޫޒު ބޭނުންކުރި މައްސަލަ އޭސީސީއަށް
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް އަންގައިފި
އިސްމާއިލް ދޫކޮށްލީ ކުށެއްގެ ތުހުމަތެއް ނެތުމުން