ފޮރިން ސާވިސްގެ ގާނޫނަށް 2021 ގައި އަމަލުކުރަން ފެށި ހިސާބުން ވެސް ފޮރިން މިނިސްޓްރީ އަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުންދަނީ އެ ގާނޫނާ ހިލާފަށް ކަމަށް އެ މިނިސްޓްރީން ދިން މައުލޫމާތުން ހާމަވި ފަހުން ވެސް އިތުރަށް ސިޔާސީ މުވައްޒަފުން ނަގައިފި އެވެ.
10 މާޗް 2025
ފޮރިން ސާވިސްގެ ގާނޫނަށް 2021 ގައި އަމަލުކުރަން ފެށި ހިސާބުން ވެސް ފޮރިން މިނިސްޓްރީ އަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުންދަނީ އެ ގާނޫނާ ހިލާފަށް ކަމަށް އެ މިނިސްޓްރީން ދިން މައުލޫމާތުން ހާމަވި ފަހުން ވެސް އިތުރަށް ސިޔާސީ މުވައްޒަފުން ނަގައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލަށް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ، ޖެނުއަރީ މަހުގެ ނިޔަލަށް އެ މިނިސްޓްރީގައި 132 ސިޔާސީ މުވައްޒަފުން ތިބި ކަމަށެވެ. ފޮރިން ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބީ 139 މުވައްޒަފުން ކަމަށް އެ ސިޓީގައި ވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮރިން މިނިސްޓްރީން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި ތިބީ ޖުމްލަ 269 މުވައްޒަފުންނެވެ. އޭގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދަކީ 129 އެވެ. ފޮރިން ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބީ އަދި 140 މީހެކެވެ.
އެހެންކަމުން، ދެ މަސް ތެރޭގައި ވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ އިތުރު ވެފަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން، މަގާމުގެ ވާޖިބު އަދާކުރަން ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ. އެކަމަކު އެއީ އެއްވެސް ލިމިޓެއް ނެތި ލިބިދޭ ބާރެއް ކަމަށް ވިޔަސް ފޮރިން ސާވިސްގެ ގާނޫނުން އެ ދާއިރާ އަށް އައްޔަން ކުރެވޭ ސިޔާސީ މަގާމުތައް އޮންނަނީ ލިމިޓްކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން، މާއްދާގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަން ކުރަން ވާނީ، ފޮރިން ސާވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 ޕަސެންޓަށް ވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންނެވެ. އެގޮތުން:
- ގާނޫނުގެ (1) ގައި ބުނަނީ މިނިސްޓްރީގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށްޓަކައި މިނިސްޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުމަށް "މިނިސްޓަ އޮފް ސްޓޭޓް" ގެ މަގާމަށާއި "އެމްބެސެޑާ-އެޓް-ލާޖް" ގެ މަގާމަށާއި "މިނިސްޓަރުގެ ނާއިބު" ގެ މަގާމަށް އައްޔަންކުރާ މުވައްޒަފުން؛
- (4) ގައި ބުނަނީ ގާނޫނުގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެ މަތިން، ކަނޑައެޅޭ ވަކި ޒިންމާއެއް އަދާކުރުމަށް، ވަކި މުއްދަތަކަށް، ފޮރިން ސާވިސް އިން ބޭރުން އައްޔަންކުރާ މުވައްޒަފުން.
ޖުމްލަ ގޮތެއްގައި މި ދެ މާއްދާގައި ބުނަނީ ސިޔާސީ މުވައްޒަފުންގެ ވާހަކަ އެވެ.
މި އަދަދުތަކަށް ބަލާއިރު، ފޮރިން ސާވިސްގެ ޖުމްލަ 140 މުވައްޒަފުންގެ 20 ޕަސެންޓަކީ 28 އެވެ. އެ އަދަދަށް ވުރެ ގިނައިން ފޮރިން ސާވިސްގެ ބޭރުން އައްޔަންކުރާ ކޮންމެ މުވައްޒަފެއް ވާނީ ގާނޫނާ ހިލާފަށް އައްޔަންކުރާ މުވައްޒަފަކަށެވެ. މިހާރު ސިޔާސީ މުވައްޒަފުން ތިބި އަދަދަށް ބަލާއިރު ފޮރިން ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ 48 ޕަސެންޓަށް ސިޔާސީ މުވައްޒަފުން ވަނީ އައްޔަންކޮށްފަ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގައި މި މާއްދާ ބަޔާންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފޮރިން ސާވިސްގެ މުވައްޒަފުންނަށް އިސްކަންދިނުމާއި އެއީ ވަކި ދާއިރާއެއްގެ ގޮތުން މުވައްޒަފުންނަށް ކުރިއަށް ދެވޭނެ މަގެއްގެ ގޮތުގައި ބޭއްވުމެވެ.
ނަމަވެސް، ބޭރު އެމްބަސީތަކުގެ މަގާމުތަކަށް ފޮރިން ސާވިސްގެ މުވައްޒަފުންނަށް ވުރެ އިތުރަށް ކޮންމެ ސަރުކާރަކުން ވެސް ފޮރިން ސާވިސްގެ ބޭރުން ސިޔާސީ މުވައްޒަފުން އައްޔަންކުރާ ކަމުގެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ.
މިދިޔަ ސަރުކާރު ނިމުނުއިރު ފޮރިން މިނިސްޓްރީގައި ތިބީ 253 މުވައްޒަފުންނެވެ. އޭގެ ތެރެއިން 116 މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުން އަދި 137 މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވެ އެވެ.
ފޮރިން މިނިސްޓްރީގައި މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރަށް ވުރެ ގިނަ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރުގައި ވެސް އޮތީ ފޮރިން ސާވިސްގެ ގާނޫނު ބުނާ ހަމައަށް ވުރެ ގިނަކޮށެވެ.
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ތިން ސަފީރަކު އައްޔަނުކުރަން މަޖިލީހަށް
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ރާއްޖެ-ލަންކާ ގުޅުން ބަދަހިކުރަން އާ މަގުތަކެއް ހޯދަނީ
ހަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް ރުހުންހޯދަން މަޖިލީހަށް
ސައުދީގެ ފޮރިން މިނިސްޓަރާއި ހަލީލް ބައްދަލުކުރައްވައިފި
އިންވެސްޓްމަންޓްތަކުގެ މަޝްވަރާއަށް ހަލީލް ސައުދީއަށް
ގުޅުން ރަނގަޅުކުރަން އިންޑިއާ ސަފީރާއެކު މަޝްވަރާކޮށްފި
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި