Roadha Mihaaru

އާސެނަލްއަށް ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން

އާސެނަލް އަށް ތަށީގެ އުއްމީދު ގެއްލިއްޖެޔޭ ބުނަން ބޭނުން ނުވާކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 މާޗް 2025

އާސެނަލް އަށް ތަށީގެ އުއްމީދު ގެއްލިއްޖެޔޭ ބުނަން ބޭނުން ނުވާކަމަށް ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ރޭ 1-1 އިން އެއްވަރުވެ، އާސެނަލްއާ ލިވަޕޫލާ ދެމެދު އޮތް ފަރަގު މިހާރު ވަނީ 15 ޕޮއިންޓަށް ބޮޑު ވެފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރުނޯ ފެނާންޑޭޒް ޖެހި ގޯލުން ޔުނައިޓެޑް ނެގި ލީޑު އާސެނަލްއިން ކެންސަލް ކުރީ 74 ވަނަ މިނެޓްގައި ޑެކްލަން ރައިސް ޖެހި ލަނޑުންނެވެ.

އާސެނަލުން ކުޅެފައި ވަނީ ލިވަޕޫލަށް ވުރެ އެއް މެޗު މަދުންނެވެ. އެކަމަކު އެ އެޑްވާންޓޭޖް ވެސް އާސެނަލް އަށް އޮތީ އުނދަގޫކޮށެވެ.

ލީގު ހޯދުމުގެ ރޭސް އާސެނަލް އަށް ނިމުމަކަށް އައީތޯ ސުވާލު ކުރުމުން އާޓެޓާ ބުނީ އެހެން ބުނަން ބޭނުން ނުވާ ކަމަށެވެ.

"މިވަގުތަކީ އެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއް ނޫން،" އާޓެޓާ ބުންޏެވެ.

އެ ސުވާލަށް ޖަވާބު ދިނުމަށް ފަހު އާޓެޓާ އަނބުރާލާފައި ދިޔައީ އެވެ. ނޫސްވެރިޔާ އެހެން ސުވާލެއް ކުރަން ބޭނުންވުމުން ފުރުސަތު ދިނެވެ.

ނޫސްވެރިޔާ ސުވާލު ކުރީ ދެ ޓީމުގެ ދެމެދުގައި އޮތް 15 ޕޮއިންޓްގެ ފަރަގާ މެދު އެވެ. އެ ސުވާލަށް ޖަވާބު ނުދީ އޭނާ ދިޔައީ އެވެ.