Roadha Mihaaru

ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ފަނޑިޔާރު އަޒްމިރަލްދާ އިންކާރު ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އިންކާރު ކުރައްވައިފި އެވެ.

ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

11 މާޗް 2025

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު އިންކާރު ކުރައްވައިފި އެވެ.

އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ.

ޖޭއެސްސީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ފަނޑިޔާރު އަޒްމިރަލްދާއާ މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައި ކަމަށް އޭނާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ފަނޑިޔާރު ދެންނެވި ކަމަށް ވަކީލް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ މިއަދު ޖޭއެސްސީއަށް ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

ފަނޑިޔާރު އަޒްމިރަލްދާ މިއަދު ޖޭއެސްސީއަށް ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެކަން ބަޔާންކޮށް، ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރު މަހާޒުގެ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާކަން ސާފުކޮށް ދެއްވައިފަ އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައި ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުންގެ މައްސަލައެއް އުޅޭކަން ވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނު 11:30 ހާއިރު. އޭރު ކްރިމިނަލް ކޯޓުން ވަނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމާފައި. އެހެންކަމުން އެކަމާ ގުޅިގެން ގާޒީއަކަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ވެސް ނެތް. އެކަންކަން ކޮމިޓީގެ މެންބަރުންނަަށް ވެސް މިހާރު ކޮންވިންސް ވާނެ،" ވަކީލް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަ ބަލަމުންދާއިރު ކޯޓު އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖޭއެސްސީން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ޑރ. އިސްމާއިލްގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އެ ދުވަހު ހެނދުނު 10:55 ގައި ނެރުނު އަމުރު "މިހާރު" އަށް ވެސް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ ބަލައި ފާސްކުރި ތަނުގައި ޑރ. އިސްމާއިލް ހުރި ކަމުގައިވީ ނަމަވެސް، ތުހުމަތުކުރާ ކުށާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.

އެެހެންވެ، އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވާތީ ބަންދު ނުކުރަން ގާޒީ ނިންމެވި އެވެ. ކްރިމިނަލް ކޯޓުން ބަންދު އަމުރުތައް އާންމު ގޮތެއްގައި އާންމުކުރި ނަމަވެސް، މި އަމުރު ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮތް ނަމަވެސް އަވަސް ގޮތަކަށް ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.