Roadha Mihaaru

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުން ގުރުއަތުން ކަނޑައަޅައިފި

ކުރިއަށް އޮތް ފަސް އަހަރު ދުވަހު 1،000 ނިކަމެތި މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ގުރުއަތުން ކަނޑައަޅައިފި އެވެ.

ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 މާޗް 2025

ކުރިއަށް އޮތް ފަސް އަހަރު ދުވަހު 1،000 ނިކަމެތި މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ގުރުއަތުން ކަނޑައަޅައިފި އެވެ.

ދިވެހި ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. އެ އަހަރު ވަނީ 50 މީހުން ދައުލަތުގެ ހަރަދުގައި ފޮނުވައިފަ އެވެ.

މި އަހަރު ހައްޖަށް ފޮނުވާ 50 މީހުންގެ ގުރު ނެގީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ މިނިސްޓްރީން ބުނީ އެ 50 މީހުންގެ ތެރެއިން ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ލިސްޓުގައި ބާކީ ތިބި މީހުންގެ ތެރެއިން ގުރު ނަގާނެ ކަމަށެވެ.

މިދިޔަ އަހަރު ވަނީ ރަނގަޅު އާމްދަނީއެއް ލިބޭ މީހަކު ފަގީރުންގެ ލިސްޓުގައި އޮވެ، ހައްޖަށް ފޮނުވި މައްސަލައެއް ފެންމަތިވެފައި އެވެ. އެހެންވެ މިނިސްޓްރީން ވަނީ ފަގީރުންގެ ލިސްޓު އަލުން މުރާޖައާ ކޮށްފަ އެވެ.

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު މިއަދު ނަގަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު މިއަދު ނަގަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިނިސްޓްރީން ބުނީ މި ފަހަރު ލިސްޓުގައި ތިބި މީހުންނަކީ ފަގީރުންގެ ތެރެއިން ހައްޖަށް ގެންދިއުމަށް ޝަރުތު ހަމަވާ މީހުންތޯ ރަށްރަށުގެ ކައުންސިލްތަކުން ޔަގީން ކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެންނެވެ. ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ހައްޖަށް ދިޔަ މީހުންތަކެއް.--

މީގެ ކުރިން ހައްޖަށް ދިޔަ މީހުންތަކެއް.--

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ. މިއަދު ގުރު ނެގީ އެ އެންމެންގެ މެދުގަ އެވެ.

މި ފަހަރު ފުރުސަތު ލިބުނު 50 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ފުރުސަތު ދޭނެ އިތުރު 10 މީހުން ވެސް ވަނީ ގުރު ނަގައިފަ އެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި ހައްޖަށް ފުރަން މާލެ އައިސް ތިބޭ ތަނަށް ދައްކަންޖެހޭ ފައިސާ ވެސް ސަރުކާރުން ދައްކައި ދެ އެވެ.