Roadha Mihaaru

ރަފީނިއާ ހުރީ ތަފާތު ފޯމެއްގައި، ބުނީ ހުރީހާ ތައްޓެއް ބާސާއަށް ހޯދޭނެޔޭ

ބާސެލޯނާ (މާޗް 12) - މި ސީޒަނުގެ ހުރިހާ ތައްޓެއް ބާސާ އަށް ހޯދޭނެ ކަމަށް އެ ޓީމުގައި މިހާރު ތަފާތު ފޯމެއްގައި ހުރި ރަފީނިއާ ބުނެފި އެވެ.

ބާސާ އަށް ހުރިހާ ތައްޓެއް ހޯދޭނެ: ރަފީނިއާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 މާޗް 2025

ބާސެލޯނާ (މާޗް 12) - މި ސީޒަނުގެ ހުރިހާ ތައްޓެއް ބާސާ އަށް ހޯދޭނެ ކަމަށް އެ ޓީމުގައި މިހާރު ތަފާތު ފޯމެއްގައި ހުރި ރަފީނިއާ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ބެންފީކާ ބަލިކޮށް ބާސާ އަށް ކުއާޓާގެ ފައިނަލުގައި ޖާގަ ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ރަފީނިއާ އެވެ. ލިޒްބަންގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ބާސާ އަށް ޖަހައި ދިނީ އޭނާ އެވެ.

ދެވަނަ ލެގް މެޗުގައި ބާސާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ 3-1 ބާސާ މޮޅުކޮށްދޭން އޭނާ ދެ ލަނޑު ޖެހި އެވެ.

މެޗަށް ފަހު ރަފީނިއާ ބުނީ ސީޒަނުގެ ހުރިހާ ތައްޓެއް ހޯދަން ބާސާ އޮތީ ތައްޔާރަށް ކަމަށެވެ. ޖެނުއަރީގައި ރެއާލް މެޑްރިޑް ބަލިކޮށް ބާސާއިން ވަނީ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު އޮތީ ލަލީގާގެ އެއްވަނައިގަ އެވެ. ސްޕެނިޝް ކަޕްގެ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މި އަހަރު ފެށުނު ފަހުން ބާސާ އަދި ބަލިވެފައެއް ނެތެވެ. އެ ޓީމުން ބަލިނުވެ މިހާތަނަށް 17 މެޗު ފުރިހަމަ ކޮށްފަ އެވެ.

"އަހަރެމެންނަކީ ހުރިހާ ތައްޓެއް ކާމިޔާބު ކުރުމުގެ ކެންޑިޑޭޓެއް،" މެޗަށް ފަހު މޫވީސްޓާ އަށް ދިން އިންޓަވިއުގައި ރަފީނިއާ ބުންޏެވެ.

ބާސާގެ ކޯޗު ހެންސީ ފްލިކް ބުނީ ކުޅުންތެރިންގެ އުއްމީދު އެހާ މަތީގައި ބެހެއްޓުމަކީ ރަނގަޅު ވިސްނުމެއް ކަމަށެވެ.

"އެއިން އެބަ އަންގައިދޭ އެމީހުންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަން. އެ މީހުންނަށް ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން އެބަ އެނގޭ. އެކަމަކު (ކޯޗެއްގެ ހައިސިއްޔަތުން) އަހަރެން ހުންނަން ޖެހޭނީ ހަމަޖެހިގެން،" ފްލިކް ބުންޏެވެ.

ރޭގެ މެޗުގައި ބާސާއިން ފުރަތަމަ ލީޑް ނަގައި ދިނީ ވެސް ރަފީނިއާ އެވެ. އޭނާ ލަނޑު ޖެހީ ލަ11 ވަނަ މިނެޓްގަ އެވެ. އެ ލަނޑަށް ދެ މިނެޓް ނުވަނީސް ނެލްސަން ސަމޭޑޯ ބެންފީކާ އަށް ހަމަހަމަކޮށްދިނެވެ. ބާސާއިން ދެވަނަ ފަހަރަށް ލީޑް ނެގީ ލަމީން ޔަމާލް ޖެހި ހިތްގައިމު ލަނޑުންނެވެ.