Roadha Mihaaru

ރޯދަމަހުގެ ފަހުގެ 10 ގެ ދުވަސްތަކާއި އީދުގެ ބަންދުތަކާ އެކު 15 ދުވަހުގެ ބޮޑު ބަންދެއް!

މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން އެ ހަފުތާ އެއްކޮށް ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.

ފަހު 10 އާ އެކު 15 ދުވަހުގެ ބޮޑު ބަންދެއް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

14 މާޗް 2025

މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން އެ ހަފުތާ އެއްކޮށް ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.

އެ ގޮތަށް ހަމަޖެހުނީ ފިތުރު އީދު ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 31 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ޖެހިގެން އަންނަ އޭޕްރީލް މަހުގެ 1،2 އަދި 3 ވަނަ ދުވަހު ވެސް ސަރުކާރު ބަންދު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑަައެޅުއްވުމުންނެވެ.

ރައީސް ނިންމެވި ގޮތުން ނަމަ މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މި މަހުގެ 30 ވާ އާދިއްތަ ދުވަހަކީ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ފިތުރު އީދުގެ ބަންދު ދުވަސްތައް މާޗު 31 އިން ފެށިގެން އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހާ ހަމައަށް ލިބޭނެ އެވެ. އޭގެ ފަހުން ހުކު ދުވަހާއި ހޮނިހިރު ދުވަހަކީ ހަފުތާ ބަންދު ކަމަށް ވާތީ ދެން ސަރުކާރު ހުޅުވޭނީ ހަފުތާއެއްހާ ދުވަހުގެ ބޮޑު ބަންދަކަށް ފަހު އޭޕްރީލް 6 ގަ އެވެ.

ކަލަންޑަރުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ނަމަ އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް ބަންދެއް ނޫނެވެ. އެކަމަކު، ރައީސް ނިންމެވި ގޮތުން ނަމަ މި މަހުގެ 30 ނުވަތަ 31 އަކީ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅިޔަސް އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް ބަންދުވާނެ އެވެ.

"މިގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާ ވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ފިތުރު އީދާ ގުޅިގެން ބޮޑު ބަންދެއް ލިބޭއިރު، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވެސް ސަރުކާރު ބަންދުވާނެ އެވެ. އެއީ ކޮންމެ ރޯދަމަހެއްގެ ފަހު 10 ބަންދުކުރަން ރައީސް މުއިއްޒު ނިންމަވާފައިވާތީ އެވެ.

އެހެންވެ، ރޯދަމަހުގެ ފަހު 10 އާއި ކުޑައީދު ބަންދު ދުވަސްތަކާ އެކު 15 ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

"ރަމަޟާންމަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.