Roadha Mihaaru
ސްވައިން ފްލޫ ފެތުރޭތީ ޔުނިވާސިޓީތައްވެސް ބަންދުކޮށްފި

ސްވައިން ފްލޫ ފެތުރޭތީ ޔުނިވާސިޓީތައް ވެސް ބަންދުކޮށްފި

14 މާޗް 2017

ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު ގިނަވަމުންދާތީ ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ބަންދުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު ގިނަވަމުންދާތީ ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް ބަންދުކޮށްފި އެވެ.

ގައުމީ ޔުނިވަސިޓީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ ބަންދުކުރީ މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށެވެ.

ހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަންގެ ލަފާގެ މަތިން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިން ބަލީގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފު ރޭ ވިދާޅުވީ ސްކޫލުތައް ބަންދުކުރަން އެޗްޕީއޭ އިން ލަފާ ދިނީ، ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ދާތީ ކަމަށެވެ. އެޗް1އެން1 އަށް ޕޮޒިޓިވް ވާން ފެށުމުން އެލާޓް ލެވެލް ތިނެއްގެ ހާލަތު އެޗްޕީއޭ އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެތަނުގެ ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް 27 މީހަކު އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފައިވެ އެވެ. މި ބަލީގައި އެކަކު މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.