Roadha Mihaaru
ކޮވިޑަށް އެމްއެންޔޫން ހެދި ދިރާސާގެ އަދަދު ނެރެފި

ކޮވިޑް-19: އެމްއެންޔޫން ހެދި ދިރާސާތަކުގެ ހާއްސަ އަދަދު ނެރެފި

04 ނޮވެމްބަރ 2020

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮވިޑް-19 އާ ގުޅޭގޮތުން ހެދި ދިރާސާތަކުގެ ހާއްސަ އަދަދު މިއަދު ނެރެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮވިޑް-19 އާ ގުޅޭގޮތުން ހެދި ދިރާސާތަކުގެ ހާއްސަ އަދަދު މިއަދު ނެރެފި އެވެ.

އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، "ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް" (އެމްއެންޖޭއާރު) ގެ ކޮވިޑް-19 ގެ ހާއްސަ އަދަދު ނެރެދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފޮތް ނެރެދެއްވުމަށް ފަހު، ނައިބު ރައީސް ވިދާޅުވީ ކޮވިޑްގެ ބަލި މަޑުކަން ފެތުރިގެން އައިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެ ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ކަންތައްތައް ކުރަންޖެހޭ ގޮތް އެއްވެސް ވަރަކަށް އެނގިފައި ނެތުމުން ކަމަށެވެ. ނަމަވެސް އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާގެ އަލީގައި، ބަލިން ރައްކާތެރިވުމާއި ސަލާމަތްވާނެ ގިނަ ކަންތައްތައް ދަސްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. މިއީ މުހިއްމު މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"...މިގޮތަށް ކުރެވޭ ދިރާސާގެ އަލީގައި އަޅުގަނޑުމެންނަށް ޕޮލިސީތައް ނިންމުމުގައި، ރަނގަޅު ކަންތައްތައް ނިންމުމުގައި ވަރަށް ބޮޑަށް މަގުފަހި ވެގެން ދާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮވިޑްގެ ސަބަބުން އިޖުތިމާއީ، އިގުތިސޯދީ، ސިއްހީ ދާއިރާ އިން އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، އެ ދަތިތަކުން އަރައިގަންނާނެ ގޮތް އެނގޭނީ ދިރާސާކުރާ މީހުންގެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ. އެއާއެކު، އެމްއެންޔޫގެ ދިރާސާގެ އަލީގައި، ރާއްޖޭގައި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

އެމްއެންޔޫގެ ރިސާޗު ސެންޓަރުގެ ޑީން ރަހީމާ އަބްދުއްހީމް "މިހާރު" އަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅޭ ގިނަ ދިރާސާތަކެއް ހެދިފައި ހުރުމުން، ކޮވިޑް-19 އަށް ހާއްސަ އަދަދެއް ނެރެން ނިންމީ ކަމަށެވެ. މިއީ، އެމްއެންޖޭއާރުގެ އަށް ވަނަ އަދަދެވެ. އަދި މި އަހަރު ނެރުނު ފުރަތަމަ އަދަދެވެ.

ކޮވިޑްގެ ހާއްސަ އަދަދުގައި، 15 ދިރާސާ ވެ އެވެ. އެ ދިރާސާތައް ކުރުމުގައި ވިއްސަކަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެންޖޭއާރަށް ވަދެވޭނެ ލިންކް.

ދިރާސާގެ ތެރޭގައި "ކޮވިޑް-19: އަ ބޫސްޓް ފޯ ޓެލެމެޑިސިން"، "ރިމޯޓް އޮންލައިން ޓީޗިން އިން ރެސްޕޮންސް ޓު ކޮވިޑް-19 ޕެންޑެމިކް: އެކްސްޕްލޯރިން އިންސްޓްރަކްޓާސް އެކްސްޕީރިއަން" އަދި ރާއްޖެ އާއި ބޭރުގެ ޑޮކްޓަރުންގެ ޓީމަކުން ހަދާފައިވާ "ކްލިނިކަލް މެނިފެސްޓޭޝަން އެންޑް ޕްރޮގްރެޝަން އޮފް ކޮވިޑް-19: އަ ކޭސް ރިޕޯޓު ފްރޮމް ދަ މޯލްޑިވްސް" ވެސް ހިމެނެ އެވެ.

ރަހީމާ ވިދާޅުވިގޮތުގައި، މާލޭގައި ކޮވިޑް ބަލި ނުފެތުރެނީސް ބައެއް ދިރާސާތައް ފެށި އެވެ. މިހާރު ވެސް އިތުރު ދިރާސާތައް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގެ ވެބްސައިޓުން އެމްއެންޖޭއާރަށް ހާއްސަކޮށްފައިވާ ބަޔަށް ވަނުމުން، ކޮވިޑާ ގުޅޭ ހާއްސަ އަދަދުގެ އިތުރުން ސެންޓަރުން ހަދާފައިވާ ދިރާސާތައް ފެންނާނެ އެވެ.