ކެންސަރު ޖެހިގެން އެއް ފައި ބުރި ކުރި ހިސާބުން ނުކުޅެދޭ މީހެއްގެ ގޮތުގައި އުޅޭތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ ހާލުގައި އުޅެމުން ދަނިކޮށް އެންމެ ލޯބިވާ މަންމަ ނިޔާވީ މިދިޔަ ޖެނުއަރީ މަހު އެވެ. ފިރިމީހާ މިހާރު ވެސް ވީ ދެވަނަ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިފަ އެވެ. ސްޓްރޯކާ އެކު ފިރިމީހާ ވަނީ ނުކުޅެދޭ މީހަކަށް ބަދަލުވެފަ އެވެ. ފައި ބުރިކޮށްފައި ވާތީ ފިރިމީހާ އަށް އަޅައިލެވޭނެ އެއްވެސް ގޮތެއް ގދ. ތިނަދޫ، ބަދޫރާގޭ، ސިޔާމާ ޒަރީރަކަށް ނެތެވެ.
13 މާޗް 2025
ކެންސަރު ޖެހިގެން އެއް ފައި ބުރި ކުރި ހިސާބުން ނުކުޅެދޭ މީހެއްގެ ގޮތުގައި އުޅޭތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ އެވެ. އެ ހާލުގައި އުޅެމުން ދަނިކޮށް އެންމެ ލޯބިވާ މަންމަ ނިޔާވީ މިދިޔަ ޖެނުއަރީ މަހު އެވެ. ފިރިމީހާ މިހާރު ވެސް ވީ ދެވަނަ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިފަ އެވެ. ސްޓްރޯކާ އެކު ފިރިމީހާ ވަނީ ނުކުޅެދޭ މީހަކަށް ބަދަލުވެފަ އެވެ. ފައި ބުރިކޮށްފައި ވާތީ ފިރިމީހާ އަށް އަޅައިލެވޭނެ އެއްވެސް ގޮތެއް ގދ. ތިނަދޫ، ބަދޫރާގޭ، ސިޔާމާ ޒަރީރަކަށް ނެތެވެ.
"ވަރަށް ބޮޑު ހިތްދަތިކަމެއްގައި މި ދިޔައީ،" އުމުރުން މިހާރު 42 އަހަރުގެ ސިޔާމާ ބުންޏެވެ.
ތިނަދޫގައި މިހާރު އެންމެ ނިކަމެތި އަދި އެންމެ ހާލުގައި އުޅޭ އެއްބަޔަކީ ސިޔާމާގެ އާއިލާ އެވެ. ތިން ކުދިން ތިބިއިރު، އެ ތަނުން އެންމެ ދޮށީ އަންހެން ދަރިފުޅު ސިޔާމާ ކައިރީގައި އަހަރެމެން އިންޓަވިއު އަށް ދިޔަ ދުވަސްވަރު ހުރި ކަމަށް ވިޔަސް އެއީ ދާއިމީ ކަމެއް ނޫނެވެ. އެއީ އެ ދަރިފުޅު އުޅެނީ އެހެން ރަށެއްގެ މީހަކާ އިނދެގެން ކަމަށް ވާތީ އެވެ. އޭނާ ސިޔާމާ ގާތަށް އައިސް އުޅުނީ މާމަ ނިޔާވުމުންނެވެ. ދެން ތިބީ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖަކާއި 18 އަހަރުގެ އަންހެންކުއްޖެކެވެ. އުމުރުން 14 އަހަރުގެ ކުއްޖާ އަދި ކިޔަވަނީ އެވެ.
ސިޔާމާ އޭނާ ނިދާ އެނދުގައި އިށީނދެލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސިޔާމާ ފައިބުރި ކުރަން ޖެހުނީ މިދިލި ނުވަތަ ތިނަދޫ މީހުންގެ ބަހުން ނަމަ "ގޮބު" ހޮވަން އުޅެނިކޮށް ކައްސާލައިގެން ވެއްޓިގެންނެވެ. ގަލެއްގައި އަޅައިގަނެގެން ވެއްޓުނު ގޮތަށް މީހާގެ ދިރިއުޅުން މުޅިން ބަދަލުވި އެވެ. ވެއްޓި ޖެހުނު ގޮތުން ފައިގެ ކަކުލާ ދިމާލުން ދުޅަވެ، ގަނޑެއްލި އެވެ. އެކަމަކު، އެއީ އެހާ ބޮޑު ކަމަކަށް ނުހަދައި ދިރިއުޅުމާއިގެން އޭނާ ކުރިއަށް ދިޔަ އެވެ. ސިޔާމާ އަކީ އޭރު މި ރަށު ޕްރީ ސްކޫލު، ކެންގަރޫ ކިޑްސްގެ މަސައްކަތު މީހެކެވެ. އޭރު ފިރިމީހާ ދަނީ މަހަށެވެ. ދަރިންގެ ކަންކަން ހަމަޖައްސަނީ ދެމީހުންނަށް ލިބޭ އާމްދަނީންނެވެ. އޭރު ދެ މީހުންނަށް ދިހަހާހެއްހާ ރުފިޔާ ލިބޭނީ މާ ބޮޑު ދަތިކަމެއް ނެތެވެ.
ސިޔާމާ، ކޮޓަރީގެ ކައްކާތަނުގައި ތެއްޔެއް އުނދުނަށް އުދަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު
ފައިގައި ދުޅަވެފައި ހުރި ތަނުގެ ތަދު ދުވަހެއް ދުވަހަކަށް ބޮޑުވެ، ފައި އަޅަން އުނދަގޫ ވުމުން ސިޔާމާ ޑޮކްޓަރަށް ދެއްކި އެވެ. ތިނަދޫ ހޮސްޕިޓަލުން ބުނީ ސިސްޓެއް އުފެދިފައިވާ ކަމަށެވެ. އެކަމަށް މި ރަށު ހޮސްޕިޓަލުން ދިން ބޭސް ކައިގެން ވެސް ނަތީޖާއެއް ނުފެނުމުން މާލެ އައިސް ޑޮކްޓަރަށް ދެއްކި އެވެ. މާލެ އިން ޑޮކްޓަރު ދިން ބޭސްތައް ކެއުމުން ވެސް ބަދަލެއް ނުފެނުނެވެ. އެންމެ ފަހުން ހެދި ޓެސްޓުތަކުން ދެއްކީ ޓިއުމަރެއް ހުރި ކަމެވެ. ސާޖަރީ އަށް ނަން ނޯޓުކޮށް، އޮޕަރޭޝަން ކުރެވޭނެ ތާރީހެއް އައިޖީއެމްއެޗުން ލިބުނީ އޭގެ ދެތިން މަސް ފަހުންނެވެ.
ސިޔާމާ ބުނިގޮތުގައި، ސާޖަރީ ހަދަން ވެއްދުމަށް ފަހު، ގަނޑުލާފައި ހުރި ތަނުގައި ވިންދު ޖަހާތޯ ޑޮކްޓަރު ސުވާލު ކުރި އެވެ. އެ ތަނުން ވިންދު ޖަހައޭ ބުމުން، ޑޮކްޓަރުން އެކަކު އަނެކަކަށް ވާހަކަތަކެއް ދެއްކުމަށް ފަހު ދެތިން ގަޑި އިރު ސިޔާމާ ތިއޭޓަރުގައި ބާއްވާފައި ނެރުނެވެ.
ސިޔާމާ ގޮނޑީގެ އެހީގައި ގޯތިތެރޭގައި ހިނގާފައި ދަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު
"ތިއޭޓަރުން ނެރެފައި ފަހުން ބުނީ، އެއީ މިކޮޅުން [ރާއްޖެއިން] ކުރެވޭ ކަމެއް ނޫނޭ. އެ ތަން އިން ގޮތުން އެއީ މައި ނާރުތަކާ ގުޅޭ ބައެއް ވީމަ، ސާޖަރީ ހަދަން ދާން ޖެހޭނީ ބޭރަށޭ،" ސިޔާމާ ބުންޏެވެ.
ސާޖަރީ އަށް އާސަންދަ ލިބުނު ނަމަވެސް، އޭނާއަކީ އެހާ ފޯރުންތެރި މީހަކަށް ނުވާތީ، ފިރިމީހާ އާއި ދެ މީހުން އެތައް މީހެއް ކައިރިން ސަލާން ޖެހި އެވެ. ފިރިމީހާ މާލެ އައިސް މީސްމީހުން ކައިރިއަށް ފޮށި ހިފައިގެން ގޮސް ސަލާން ޖަހައިގެން ފައިސާ އެއްކުރި އެވެ. އިންޑިއާގެ އަމްރީތާ ހޮސްޕިޓަލަށް ދެވޭ ވަރުވީ ސަލާން ޖަހައިގެން ހޯދި ފައިސާ އާއި ހެޔޮއެދޭ އެހެން މީސްމީހުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ.
"އިންޑިއާ އަށް ދިޔައީމާ އެނގުނީ ފައި ބުރިކޮށްލަން ޖެހޭކަން. އެކޮޅުން އެނގުނީ ފައިގެ ދުޅަވެފައި އިން ސަރަހައްދަށް އެއްކޮށް ކެންސަރު ފެތުރިފައި ހުރި ކަން،" ވަރަށް އަސަރާ އެކު ސިޔާމީ ކިޔައިދިނެވެ.
އިންޑިއާގައި ފައިގެ ސާޖަރީ ހަދައި، ކެންސަރަށް ފަރުވާ ހޯދުމަށް ހަ މަސް ވަރު ހޭދަކުރި އެވެ. އެ އަށް ފަހު، ރަށަށް އައިސް، އޭނާ އުޅެން ޖެހުނީ، ވަރަށް ދަތި އުނދަގޫ ދިރިއުޅުމެކެވެ. ކުރިން ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީހާގެ ދިރިއުޅުން އެއްކޮށް ބަދަލުވެ، އަމިއްލަ ހާލާއިގެން ނޫޅެވޭ މީހަކަށް ވި އެވެ. ކާ އެތިކޮޅެއް ވެސް ލިބެނީ އެހެން މީހަކު ދިނީމަ އެވެ. ތަންތަނަށް އަމިއްލަ އަށް އަރައި ނޫޅެވެ އެވެ.
"ވަރަށް އުނދަގޫވި. މިހާރު ވެސް އުނދަގޫ. އަދިވެސް މި ދިރިއުޅުމަކަށް ނުހޭނޭ. އަމިއްލަ އަށް ފެންވަރާލެވޭ. ކައްކާ ވެސް ހަދަން ގޮނޑީގައި އިނދެގެން. އެކަމަކު ބައެއް ފަހަރު އެހެން އުޅުނީމާ، ބުރިކޮށްލި ތަނަށް ތަދުވޭ. މަތީގައި ހުންނަ އެއްޗެހި ނަގަން ވެސް އުނދަގޫވޭ،" އޭނާ ކިޔައިދިނެވެ.
ސިޔާމާ ތައްޓަށް ކާ އެއްޗެހި އަޅަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ދަރިފުޅުމެންނާ އެކު ހިތްހަމަ ޖައްސާލައިގެން އުޅެވެނީ،" އެހެން ބުނެފައި ސިޔާމާ އަށް އިތުރު އެއްޗެއް ނުބުނެވުނެވެ. ހިންދިރުވާލުމަށް ފަހު އިރުކޮޅަކުން އޭނާގެ ވާހަކަ ފެށި އެވެ.
ސިޔާމާގެ ހިތްދަތިކަން ފައިބުރިކޮށްލުމުން ނިމުނީއެއް ނޫނެވެ. ފިރިމީހާ އަށް ސްޓްރޯކެއް ޖެހުނީ ސިޔާމާ އެ އުނދަގޫ ދިރިއުޅުމަށް ނުހޭނެނީސް އެވެ. ބަލި އެނދުގައި އޮތް ފިރިމީހާ އާއި މުސްކުޅި މަންމަގެ ކަންކަން ބަލަހައްޓައި، ސްކޫލުގައި އުޅޭ ދަރިފުޅުގެ ކަންކަން ވެސް އޭރު ހަމަޖައްސަން ޖެހުނީ ސިޔާމާއަށެވެ. އެއް ފަޔާ އެކު، ގޭގެ އެންމެންނަށް ކައްކައި، ކާންދީ ހެދީ ވެސް އޭނާ އެވެ.
ފިރިމީހާ ފުރަތަމަ ސްޓްރޯކް ޖެހުމުން މާލެ ގެންދިޔަ އެވެ. އެއްކޮށް ރަނގަޅު ނުވެގެން ރަށަށް ގެނެސް އެނދުމަތި ކޮށްފައި އޮއްވައި ދެ ވަނަ ސްޓްރޯކް ޖެހިގެން މާލެ ފޮނުވާލަންދެން ފިރިމީހާގެ ކަންކަން ވެސް ސިޔާމާ ބެލެހެއްޓި އެވެ. ގޭގައި ކައްކާ ތަން ބަދަލުކޮށްލީ ފިރިމީހާ ބާއްވަން ހާއްސަ ތަނަކަށެވެ.
"މިހާރު އެންމެ ބޭނުންވަނީ ކައްކާނެ ތަނެއް. ކައްކާނެ ތަނެއް ނެތުމުން ބައެއް ފަހަރު ކައްކަނީ މިތާ ބޭރުގައި. ބައެއް ފަހަރު ކޮޓަރިތެރޭގައި،" ސިޔާމާ ބުންޏެވެ.
ސިޔާމާ އަށް ލިބެނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ 3،000ރ. އެކަންޏެވެ.
އާމްދަނީ ހޯދޭނެ މީހަކު ނެތުމުން ގޭގެ ހަރަދުތައް ހަމަޖައްސަނީ ގާތްތިމާގެ މީހުންނާއި ހެޔޮ އެނދޭ މީހުން ދިއްކޮށްލާ އެއްޗަކުންނެވެ. އެ އިން ކަންކަން ހަމަޖެއްސުމަކީ ވެސް ވަރަށް ދަތިކަމެކެވެ. އެކަމަކު، ވަރަށް ފަހުން ފަހުން ވަނީ އޭނާގެ 18 އަހަރުގެ އަންހެން ދަރިފުޅަށް ތިނަދޫ ސިޓީ ކައުންސިލުން ވަޒީފާއެއް ލިބިފަ އެވެ. އެއާ އެކު، މިހާރު ހަރަދުތައް ހަމަޖައްސަން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިއްޖެ އެވެ.
ސިޔާމާގެ ކަންކަން ބަލަހައްޓަނީ 18 އަހަރުގެ އެ ދަރިފުޅެވެ.
ސިޔާމާ "މިހާރު" ޓީމަށް އޭނާ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދެނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އާމްދަނީ ހޯދޭނެ މަސައްކަތެއް ނުކުރެވޭތީ، ގެ ވެސް ހުރީ އެންމެ ފުރިހަމަ އަށް ނުހެދި ކަމަށް ސިޔާމާ ބުންޏެވެ. ފިރިމީހާ ހެޔޮ ހާލުގައި ހުއްޓާ، ގޭގެ ބައެއް ތަންތަން ހަދަން ފެށި ނަމަވެސް އެ ތަންތަން ވެސް ހުރީ އެންމެ ފުރިހަމައަށް ނުހެދި އެވެ.
މިވަގުތު ސިޔާމާ އާއި އޭނާ ކައިރީގައި އާންމުކޮށް އުޅޭ ދެ ކުދިން ނިދައި ކައްކައި، ކައިބޮއި ހަދަނީ އެއް ކޮޓަރިއެއްގެ ތެރޭގަ އެވެ.
"އެންމެ ދެރަވަނީ ކައްކައިކާނެ ތަނެއް ނެތިގެން. ތިން ކުދިން އެއްތަނެއްގައި މި ނިދަނީ. ކަމަކު ނުދާނެ ނު. އެކަކީ ބޮޑުވެފައި ހުރި އަންހެންކުއްޖެއް. ފިރިހެންކުއްޖާ ވެސް މިހާރު ބޮޑު ކުއްޖަކަށް ވަނީ. ކަމަކު ނުދާނެނު އެއްތަނެއްގައި ނިދާކަށް،" އެންމެން އެއްތަނެއްގައި ނިދަން ޖެހުމުގެ އުނދަގޫ ކިޔައިދެމުން ސިޔާމާ ބުންޏެވެ.
ސިޔާމާއަކީ އެ ހާލުގައި އުޅެމުން ވެސް ހިތްވަރުގަދަ މީހެއްކަން ދައްކުވައިދޭ އެއް ކަމަކީ މަންމަ އަށް އަޅާލި ވަރެވެ. އޭނާގެ މަންމަގެ ހުރި ހަމައެކަނި ކުއްޖަކީ ސިޔާމާ އެވެ. އެ ދަރިފުޅަށް ކެންސަރު ޖެހިގެން ފައިބުރި ކުރިއިރު ވެސް މަންމަ އޮތީ އެނދުމަތިވެފަ އެވެ. ހުރި ހަމައެކަނި ދަރިފުޅަށް ކަމެއް ކޮށްދެވޭނެ ހިތްވަރެއް މަންމަގެ ނެތެވެ. ދަރިފުޅުގެ ނިކަމެތި ހާލަށް ބަލާފައި ލޮލުން ކަރުނަ އައުން ނޫން ކަމެއް ނުވެ އެވެ. އެކަމަކު، އެއްފައިގައި އުޅެމުން ވެސް އެނދުމައްޗަށް އަމިއްލަ އަށް އަރައި، މަންމަ ސާފުކޮށް ހެދީ ސިޔާމާގެ ދެ އަތުންނެވެ. ދެން އެހީތެރިވަނީ ސިޔާމާގެ ތިން ކުދިންނެވެ.
"އެކަމަކު، މަންމަ ގޮވައިގެން ފާހާނާއަކަށް މަށަކަށް ނުދެވޭނެ ދޯ. މަންމަ އަށް ރޮވޭ އަހަރެން އުޅޭ ހާލު ފެނިފައި. އެކަމަކު އެއްޗެއް ނުބުނޭ،" ސިޔާމާ ކިޔައިދިނެވެ.
ސިޔާމާގެ ބައްޕަ ދުނިޔޭގައި ހުއްޓަސް އަޅާލުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ބައްޕަ އުޅެނީ އެހެން މީހަކާ އިނދެގެންނެވެ.
"ބައްޕަގެ ފުރަތަމަ ދަރިއަކީ ވެސް މަ،" ވަރަށް ހިތްދަތި ރާގެއްގައި ސިޔާމާ ބުންޏެވެ.
ވަރަށް އުނދަގޫވި. މިހާރު ވެސް އުނދަގޫ. އަދިވެސް މި ދިރިއުޅުމަކަށް ނުހޭނޭ. އަމިއްލަ އަށް ފެންވަރާލެވޭ. ކައްކާ ވެސް ހަދަން ގޮނޑީގައި އިނދެގެން. އެކަމަކު ބައެއް ފަހަރު އެހެން އުޅުނީމާ، ބުރިކޮށްލި ތަނަށް ތަދުވޭ. މަތީގައި ހުންނަ އެއްޗެހި ނަގަން ވެސް އުނދަގޫވޭ،"--- ސިޔާމާ
ސިޔާމާ އަށް ފައިސާގެ އެހީތެރިކަން އަދިވެސް ބޭނުންވެ އެވެ. އެކަމަކު، އޭނާ ބުނާގޮތުން އެކަން ކޮށްދޭނެ އެއްވެސް މީހަކު ނެތެވެ. މެދުވެރިއަކަށް ވާނެ މީހަކު ވެސް ނެތެވެ. އެކަމުގައި އިސްނަގާނެ "އަތެއް" ނެތެވެ. ސިޔާމާ އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ މި އިންޓަވިއު ތެރެއިން އަހަރެމެން ވަރަށް ގިނައިން އެހީމެވެ. ހަމަ ކޮންމެ ފަހަރަކު ވެސް ޖަވާބަކީ ސިޔާމާ އާއި މިވަގުތު އޭނާއާ އެކު އުޅޭ ދެ ކުދިންނަށް ކައްކާނެ ބަދިގެއެކެވެ.
އެ ބަލި ހާލުގައި އުޅެމުން ވެސް އޭނާ އަށް މިވަގުތު އެންމެ އުނދަގޫވަނީ އެއްކޮޓަރިއެއްގައި ކައްކައި ކައިބޮއެ އަދި އެންމެން އެ ތަނުގައި ނިދަން ޖެހޭތީ އެވެ. ބޭނުންވަނީ ދާއިމީ ހައްލެކެވެ. ގެއްލިފައިވާ ފަޔާ އެކު އެހީތެރިކަމުގެ ދީލަތި އަތެކެވެ.
ސިޔާމާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުން ނަމަ 7888649 ގުޅައިގެން ކުރިއަށް ގެންދަން އޭނާ އެދެ އެވެ. އޭނާގެ އެކައުންޓް ނަމްބަރަކީ 7730000559222 އެވެ.
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
އުމުރުން 17, އަމިއްލަ ވިޔަފާރީގެ ބޮޑު ވިސްނުމެއް
ޒިދުނާ ނަގައިދެނީ އާއިލީ ވިޔަފާރީގެ ފިލާވަޅެއް
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
މި މަންމަގެ ކެތްތެރިކަމާއި ހިތްވަރަށް ނިމުމެއް ނެތް!
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
މި ކަވި މަސައްކަތުން ފާއިޒާ އެންމެން އާޝޯހުކޮށްލަނީ
ހާ ށަވިޔަންޏަށް ފަހު އަމަތު އާންޓީގެ އާ ފިލާވަޅުތަކެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"