Roadha Mihaaru
ލީގުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅުވުމަކީ ބޮޑު ހިތްހަަމަ ޖެހުމެއް: ސުޒޭން

ލީގުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅުވުމަކީ ބޮޑު ހިތްހަަމަ ޖެހުމެއް: ސުޒޭން

16 މެއި 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅު ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅު ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން މިއަދު ބުނެފި އެވެ.

ލީގުގައި މާދަމާ ހަވީރު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރަސްމީ ބޯޅަ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ވެލެންސިއާއާ ދެކޮޅަށް ކުޅުމަކީ މާޒިޔާ އަށް ރަނގަޅު ޗެލެންޖަކަށް ވާނެ ކަމަށެވެ.

"މިދިޔަ ހަތަރު ވަރަކަށް އަހަރަށް ވުރެ މި ސީޒަނުގައި ވެލެންސިއާ އެ އޮތީ މާ ވަރުގަދަކޮށް. އަޅުގަނޑު ވަރަށް އުފާވޭ އެ ފަދަ ބޮޑު ކްލަބެއް ވަރުގަދަކޮށް އޮތީމަ. ލީގުގައި މި ބުރު ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު މި މެޗު ވަރަށް އުނދަގޫވާނެ. މި މެޗުން މާޒިޔާގެ ޓާގެޓަކީ ތިން ޕޮއިންޓް. އެއީ ދުރަށް ވިސްނާއިރު މި މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމުވާނެ،" ސުޒޭން ބުންޏެވެ.

އޭނާ ބުނިގޮތުގައި މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ތިބުމަކީ އެ ޓީމަށް ޕްރެޝަރު އޮތް ކަމެއް ކަމަށް ނުދެކެ އެވެ.

"އަސްލު އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ކޮންމެ ޓީމެއް ވެސް ވަރުގަދަ ކުރާނީ މެޗުތަކުން މޮޅުވާން. އެ ޕްރެޝަރަކަށް ވާންވީ ސަބަބެއް ނެތް،" ސުޒޭން ބުންޏެވެ.

ދިގު ސީޒަނަކާ ކުރިމަތިލާއިރު ރަނގަޅު ފެށުމެއް މުހިއްމު ކަމަށާއި މާޒިޔާގެ ފެށުން ރަނގަޅުވުމަކީ ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ސުޒޭން ބުންޏެވެ.

"ފުރަތަމަ ދެ މެޗުން ވެސް ބޭނުން ކަންތައް ހާސިލްވި. ދެ މޮޅާ އެކު ފެށިއްޖެ. ދެން އޮތީ މީގެ އަލީގައި ކުރިއަށް ދިއުން. މާޒިޔާގެ އަމާޒަކީ މެޗަކަށް ފަހު މެޗެއް. އެ ވިސްނުމުގައި ކުރިއަށްދާން ބޭނުމީ." އޭނާ ބުންޏެވެ.

ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ނިއު ރޭޑިއަންޓް އަތުން މޮޅުވީ 2-3 އިންނެވެ. ދެ ވަނަ މެޗުން ބީޖީގެ މައްޗަށް އެ ޓީމުން ކުރިހޯދީ 1-0 އިންނެވެ. ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު މާޒިޔާ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް އީގަލްސް އަށް ދެ މެޗުން ހަަތަރު ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ.