Roadha Mihaaru

މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން: އިހުސާން

ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" އިފުތިތާހު ކުރުމުގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ނޫން ކަމަށާއި އެ ބަދަލުތަކުގެ ފަހަތުގައި އޮތީ ރާއްޖެ އިން ކޮރަޕްޝަން ނައްތާލުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން"

ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0" އިފުތިތާހު ކުރުމުގެ ބޭނުމަކީ އިލެކްޓްރޯނިކް ވޯޓިން ނޫން ކަމަށާއި އެ ބަދަލުތަކުގެ ފަހަތުގައި އޮތީ ރާއްޖެ އިން ކޮރަޕްޝަން ނައްތާލުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ކުރުމުގެ މައިގަނޑު ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފް ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

"އިލެކްޓްރޯނިކް ވޯޓުލާ ގައުމުތަކުން ވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާ އެކު، މިހާރު އެ ގެންދަނީ އެ ނިޒާމު ބަދަލުކުރަމުންނެވެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލުމުގެ އިތުރުން ހަރަދުތައް ކުޑަކުރުމާއި ހިދުމަތްތައް އަވަސްކުރުން ކަމަށެވެ.

"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފުގެ ތުހުމަތުތަކާ ގުޅިގެން އިހުސާން ވިދާޅުވީ، ބައެއް ކަންކަން ހާސިލް ކުރުމަށްޓަކައި ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަން ޖެހޭ ކަމަށެވެ.

"މިއީ އެފަދަ ކަމެކެވެ،" ރާއްޖެ ޑިޖިޓަލް ކުރުމަކީ ރަނގަޅު މަގުސަދެއް އޭގެ ފަހަތުގައި އޮތް ކަމެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ ޑިޖިޓަލް ކުރަނީ އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ އެސްޓޯނިއާގެ ފަންނީ އެހީތެރިކަމާ އެކު ކަމަށް ވާއިރު، އިހުސާން ވިދާޅުވީ، އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އަދި މޯލްޑިވްސް 2.0 އިފުތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވެސް ތަކުރާރުކޮށް ވިދާޅުވީ، އީ ވޯޓިން ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދޭ ހުރިހާ ހިދުމަތެއް ރާއްޖޭގައި ދޭން ވާނެ ކަން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ކުރުުން ކަމަށެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޑިޖިޓަލައިޒް ކުރެވި، ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

މަހުލޫފު ރޭ ވިދާޅުވީ، ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯ މަރާފައި ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާ ވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެއް ކަމަށެވެ.

"ރައްޔިތުންގެ ހިޔާލު އަދި ރައްޔިތުންގެ އިތުބާރު ނުހޯދާ މި މަސައްކަތް ކުރިއަށް ގެންދަން ވާނެ ކަމަށް ނުދެކެމެވެ،" އޭނާ ވިދާޅުވި އެވެ.