Roadha Mihaaru

ނިޒާމީ ކޮރަޕްޝަނުން ގާނޫނީ ވެރިކަން ފުނޑޭ، މި ސަރުކާރުން އެކަމަށް ޖާގައެއް ނުދޭނަން: ރައީސް

ނިޒާމީ ކޮރަޕްޝަންގެ ސަބަބުން ގާނޫނީ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީ އަށް ހުރަސްއެޅޭ ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނަށް މި ސަރުކާރުން ޖާގައެއް ނުދޭނަން: ރައީސް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 ޑިސެމްބަރ 2025

ނިޒާމީ ކޮރަޕްޝަންގެ ސަބަބުން ގާނޫނީ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީ އަށް ހުރަސްއެޅޭ ކަމަށާއި މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮރަޕްޝަނާ ހެދި ގާނޫނުގެ ވެރިކަން ފުނޑުފުނޑުވުމާއި ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ކަމަށެވެ.

ނަމަވެސް، ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެ އިން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން، ސަރުކާރުގެ ހިދުމަތްތައް ޒަމާނީކުރުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށް ފަށާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓް" އަދި ގާނޫނުލްއުގޫބާތަށް ގެނައި ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އޭސީސީން ކުރާ މުހިއްމު މަސައްކަތްތައް ވެސް، ރައީސް މުއިއްޒުގެ މެސެޖުގައި އަލިއަޅުއްވައިލެއްވި އެވެ.

އޭސީސީގެ ޕްލޭނާ އެއްގޮތަށް، 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި "ހިންމި" ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފު ކުރުމާއި ސަރުކާރުގެ އިދާރާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކޮރަޕްޝަން ނައްތާލުމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކުން ފުއްދައެއް ނުލެވޭނެ. އެއާ އެކު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަމިއްލަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.

އދ. ގެ ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ) ގައި 2007 ވަނަ އަހަރު ރާއްޖެ އިން ބައިވެރިވުމަކީ، ކޮރަޕްޝަން ނައްތާލަން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އެ މުއާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.