Roadha Mihaaru

"ނިއުކްލިއާ ބްލެކްމެއިލް" އަކަށް ނުސިހޭނެ، ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ވަރުގަދަވާނެ: މޯދީ

އިންޑިއާއަށް ދެން ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ވަރުގަދަވާނެ ކަމަށާއި "ނިއުކްލިއާ ބްލެކްމެއިލް" އަކަށް އިންޑިއާ ނުސިހޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ ވިދާޅުވެއްޖެ އެވެ.

ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ

އިންޑިއާއަށް ދެން ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ވަރުގަދަވާނެ ކަމަށާއި "ނިއުކްލިއާ ބްލެކްމެއިލް" އަކަށް އިންޑިއާ ނުސިހޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިރޭ ވިދާޅުވެއްޖެ އެވެ.

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އާންމުންގެ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުން ދެ ގައުމުން ބަދަލުކުރަން ފެށި ހަމަލާތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ހޮނިހިރު ދުވަހު މެންދުރު ފަހު ކުއްލި ގޮތަކަށް ދެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފަ އެވެ.

ނިއުކްލިއާ ދެ ބާރުގެ މި ކުރިމަތިލުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން މޯދީ ވިދާޅުވީ ޕާކިސްތާނުން ގަސްތުކުރީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ހަމަލާދޭން ކަމަށެވެ.

"ދެން ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރައްދު ހަމަލާ ވަރުގަދަވާނެ،" މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ޕާކިސްތާނު ސަލާމަތުން އޮންނަން ބޭނުންވާ ނަމަ ޓެރަރިސްޓުންގެ މަރުކަޒުތަކާއި ވަސީލަތްތައް ނައްތާލަންޖެހޭނެ ކަމަށެވެ.

"ނިއުކްލިއާ ބްލެކްމެއިލްގެ ނިވަލުގައި ތިބެ ބާރު ގަދަކުރާ ޓެރަރިސްޓުންނަށް އިންޑިއާއިން ހަމަލާދޭނެ. އިންޑިއާގެ ސްޓޭންޑް ވަރަށް ސާފު. ޓެރަރިޒަމާއި މަޝްވަރާ އެކުއެކީގައި ކުރިއަކަށް ނުދާނެ ... ޓެރަރިޒަމާ އެކު ވިޔަފާރިއެއް ނުހިންގޭނެ ... ފެނާއި ލޭ އެކުގައި ދައުރެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނީ ކަޝްމީރުގައި އާންމުންނަށް ދިން ހަމަލާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތަށް ޕާކިސްތާނުން އިންކާރުކުރެ އެވެ.

އިންޑިއާއިން ރައްދުގައި ޕާކިސްތާނާއި ކަޝްމީރަށް މިސައިލް ހަމަލާދިނެވެ. އެ ހަމަލާތައް އަމާޒުކުރީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ފަހުން ޕާކިސްތާނުން އިންޑިއާއަށް ވެސް ހަމަލާ ދީފައި ވާއިރު ޖެޓާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭން މަސައްކަތްކުރި ކަމަށް އެއްގައުމުން އަނެއް ގައުމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ހަމަލާތަކުގައި ދެ ގައުމުން 60 މީހަކު މަރުވެފައި ވާއިރު މިއީ 1999 ވަނަ އަހަރަށް ފަހު މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ޑިފެންސް އޮފިޝަލުން ވެސް މިިއަދު ޕްރެސް ބްރީންފިން ބާއްވާފައި ވާއިރު ދެ ގައުމުން ވެސް ވަނީ ކާމިޔާބުވީ އެ ގައުމަކަށް ކަމަށް ބުނެފަ އެވެ. ޕާކިސްތާނުން އެންމެ ފަހުރުވެރިކަމާ އެކު ބުނަމުން ދަނީ އިންޑިއާގެ ފަސް ޖެޓް ވައްޓާލި ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިންޑިއާ ވާހަކައެއް ނުދައްކަ އެވެ.