Roadha Mihaaru

މުޒާހަރާކުރުމުން ދޯނިތައް އަޅަން އެހެން ތަނެއް އެޗްޑީސީން ހަމަޖައްސައިދީފި

ހުޅުމާލޭ މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްފައިވަނިކޮށް އޮޑިވެރިންނަށް އެޗްޑީސީން ހައްލެއް ހޯދައިދީފި އެވެ.

މުޒާހަރާކުރުމުން ދޯނިތައް އަޅަން އެހެން ތަނެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 މެއި 2025

ހުޅުމާލޭ މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްފައިވަނިކޮށް އޮޑިވެރިންނަށް އެޗްޑީސީން ހައްލެއް ހޯދައިދީފި އެވެ.

އޮޑިވެރިން މުޒާހަރާ ކުރީ ހުޅުމާލޭ ރަށު މާރުކޭޓާ ދިމާލު ބަނދަރު ބޭނުންކުރުން މަނާކޮށް ލަކުޑި ޖެޓީއަށް ގާތްކޮށްފި ނަމަ ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތަކެއް އެޗްޑީސީން އެޅުމުން އެކަމުގެ ނުރުހުމުގަ އެވެ. އެ މީހުން ބުނީ ފެރީ ޓާމިނަލާއި އެފްއެސްއެމް ޝެޑާ ދެމެދުގައި އަޅާފައިވާ ދޯނިތައް ވެސް ނެގުމަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ މުދާ އުފުލާ ދޯނިތައް ގާތްކުރާނެ ތަނެއް ނެތް ކަމަށް ބުނެ އެ މީހުން މުޒާހަރާކުރުމުން، އެޗްޑީސީން ބުނީ ހުޅުމާލޭގެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މުދާ ޖެޓީ ތަރައްގީ ކުރުމަށް، އެ ފަޅުގައި އަޅާފައިޥާ އުޅަނދުތައް ނަގަން އެޗްޑީސީން އެންގީ މިދިޔަ މަހުގެ 9ގަ އެވެ. އެކަމަކު އެ މުއްދަތުގައި ވެސް ދޯނިތައް ނުނެގުމުން، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން މިއަދު ވެސް އެންގީ އެވެ.

އެހެންވެ އޮޑިވެރިން މުޒާހަރާ ކުރަން ފެށުމުން އެޗްޑީސީން ވަނީ މުޒާހަރައިގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އޮޑިދޯނި ފަހަރު އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖެއްސީ އެ މަޝްވަރާތަކަށް ފަހު އެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ އާންމުންނާއި ވިޔަފާރިވެރިންނަށް ދިމާވާ އެފަދަ ކަންކަމަށް ހައްލު ހޯދަން ކަމަށް ބުންޏެެވެ.