ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި 100 މީޓަރުގެ އުސް ޓަވަރެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
26 މެއި 2025
ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި 100 މީޓަރުގެ އުސް ޓަވަރެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ "އައިކޮނިކް ޓަވަރާ" ގުޅޭ ބައެއް ތަފުސީލުތައް ދީފަ އެވެ. އެ ޓަވަރު އަޅަނީ ހުޅުމާލެ ފޭސް 2 ގައި ފަރުކޮޅުފުށި ނިމޭ ހިސާބުގަ އެވެ.
އެޗްޑީސީން ފަރުކޮޅުފުށި ތަރައްގީ ކުރަނީ ގްރީން ނުވަތަ ފެހި ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ބޮޑު ސަރަހައްދުގައި ކުޑަ ފުޓްބޯޅަ ދަނޑަކާއި އެހެން ކުޅިވަރުތައް ކުޅޭނެ ކޯޓަކާއި ބާބާކިއު ހަދާނެ ސަރަހައްދަކާއި އިވެންޓް ސްޕޭސްއަކާއި ބޮޓޭނިއަލް ގާޑެންއަކާއި ޗަސްބިމަކާއި އެމްފިތިއޭޓަރަކާއި ޕެޓިން ޒޫއަކާއި އެސްޖެހިގެ އަދި ޕަމްޕް ޓްރެކެއް ހަދަން ޕްލޭން ކޮށްފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވީ އެ "އައިކޮނިކް" ޓަވަރަކީ ހުޅުމާލޭގެ ތިންވަނަ އައިޑެންޓިޓީއެއް ހެދުމަށް އިމާރާތްކުރާ ތަނެއް ކަމަށެވެ. އެ ޓަވަރުގެ އުސްމިނަކީ 100 މީޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރު އަޅާ ސަރަހައްދު ދައްކައިދޭ ތުރީޑީ މޮޑެލް.
އުސްމިނުގައި 100 މީޓަރު ހުންނަ ޓަވަރުތަކުގައި އާންމުކޮށް 25-30 ފުލޯއަށް އިމާރާތް ކުރެވެ އެވެ. އެއީ ގާތްގަނޑަކަށް ހިޔާ ފްލެޓުގެ ވެސް އުސްމިނެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލެއޭ ބުނީމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނެ ނުވަތަ ވިސްނޭ ތަނެއްގައި ގޮތުގައި ހެދުން،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ އެންމެ ބޮޑު ރަމްޒެއްގެ ގޮތުގައި މިހާރު ބަލަނީ ހުޅުމާލެ ފޭސް 1 ގައި ދެވަނަ އަށް އެޅި މިސްކިތް ނުވަތަ ހުޅުމާލެ ބޮޑު މިސްކިތެވެ. އަދި ހުޅުމާލޭގެ ދެވަނަ ރަމްޒެއްގެ ގޮތުގައި ބަލަނީ ހިޔާ ޓަވަރުތަކެވެ.
"މި ޓަވާގެ އަނެއް ބޭނުމަކީ ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު، އިތުރު ވަޒީފާތަކަށް ޖާގަ ދިނުން،" ޒިނަފް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ގައުމުތައް ރަމްޒުކޮށްދިނުމުގެ ގޮތުން އުސް އިމާރާތްތައް އަޅާފައިވެ އެވެ. ސްރީލަންކާގެ ލޮޓަސް ޓަވަރާއި މެލޭޝިއާގެ ޕެޓްރޯނަސް ޓުވިން ޓަވަރާއި ޔޫއޭއީގެ ބްރުޖް ޚަލީފާ އާއި ސިންގަޕޫރުގެ ގުއޮކޯ ޓަވަރަކީ މިފަދަ ފާހަގަ ކޮށްލެވޭ ލޭންޑްމާކުތަކެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މާސްޓަޕްލޭނަަށް ބަދަލު ގެނައީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތަކަށް މަގުފަހި ކުރުމަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބައެއް ހިއްކާފައިވުމުން، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުން ކުރާނެ ގޮތްތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކާއި ލަފާތައް އެޗްޑީސީގެ މެނޭޖްމަންޓުން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޒަމާނަށް އަންނަ ބަދަލާ އެކު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމްކުރުމަށް އާ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އަދި ވިޔަފާރި އާއި އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، ކުރީގެ ޕްލޭންގައި ނެތް ގިނަ ކަންކަން ވެސް ހިމަނާފައިވެ އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
ބުޓީކް ހޮޓެލް އިމާރާތްކޮށް ހިންގަން ހުޅުވާލައިފި
އާބަން އައިލްގެ ޗެނަލް ހުޅުވައި، އާޓިފިޝަލް ބީޗެއް
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުން އަލުން ފަށައިފި
16 ޕްރޮޖެކްޓަކަށް ސައުދީ ފަންޑުން އެހީވެފައިވޭ
4،000 ފްލެޓު އަޅަން 227 މިލިއަން ޑޮލަރުގެ ލޯނު
ދެ ވަނަ ފިޔަވަހީގެ ފުރަތަމަ ރަށްވެހިން ހިތްހަމަޖެހިގެން
ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި