ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅަން ލެޓާ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފި އެވެ.
22 މެއި 2025
ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އަޅަން ލެޓާ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފި އެވެ.
ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ލެޓާ އޮފް އެކްސްޗޭންޖަކީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ސޮއިކުރި އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށެވެ.
އެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބައިވެރިވުން އޮތީ ފަންނީ މަސައްކަތްތަކުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއާ އެކު، ދެން ކުރިއަށް ގެންދާނީ ކޮންސަލްޓަންޓެއް އައްޔަންކޮށް، ޑިޒައިން މަސައްކަތް ކަމަށް ވިދާޅުވި އެވެ.
"މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ދާ މަޝްރޫއުއަކަށް ވާތީ ސްޓޭޖުތަކެއް އެބަހުރި. ޗައިނާ އެއިޑުގެ ތެރޭގައި ހުރި ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދަން ޖެހޭނެ. އޭގެ ތެރޭގައި ކޮންމެ މަރުހަލާއެއްގައި އަނެއް މަރުހަލާއަށް ދިއުމަށް އެއްބަސްވުންތަކެއް ހެދިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތް އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއި ކުރަން ބޭއްވި ރަސްމިއްުޔާތުގައި ހައުސިން މިނިސްޓަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޗައިނާގެ ސަފީރު ވިދާޅުވީ ކައުންސިލް އިމާރާތުގެ މަޝްރޫއުގެ ފީޒިބަލް ސްޓަޑީޒް އަށް ޗައިނާ އިން ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ. އެ މަޝްރޫއު ނިންމާއިރު، ދިވެހިންނަށް އޭގެ ފައިދާވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
- ހއ. ވަށަފަރު
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހދ. ކުމުންދޫ
- ހދ. ނޭކުރަންދޫ
- ހދ. ވައިކަރަދޫ
- ށ. ފޭދޫ
- ށ. ކޮމަންޑޫ
- ށ. ގޮއިދޫ
- ށ. ނަރުދޫ
- ނ. ހެނބަދޫ
- ނ. ޅޮހި
- ނ. ފޮއްދޫ
- ނ. މަނަދޫ
- ނ. މަގޫދޫ
- ނ. ލަންދޫ
- ރ. ވާދޫ
- ރ. ހުޅުދުއްފާރު
- ބ. ކަމަދޫ
- ބ. ކުޑަރިކިލު
- ބ. ފެހެންދޫ
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ކިހާދޫ
- ޅ. ކުރެންދޫ
- ކ. ހިންމަފުށި
- ކ. ކާށިދޫ
- ކ. ގުރައިދޫ
- ކ. ތުލުސްދޫ
- ކ. ގާފަރު
- އދ. ކުނބުރުދޫ
- އދ. މަހިބަދޫ
- އދ. ފެންފުށި
- މ. މުލި
- މ. ދިއްގަރު
- މ. މުލައް
- ފ. ފީއަލި
- ދ. ހުޅުދެލި
- ދ. ބަނޑިދޫ
- ތ. އޮމަދޫ
- ތ. ގާޑިއްފުށި
- ތ. ބުރުނީ
- ތ. ގުރައިދޫ
- ތ. ވޭމަންޑޫ
- ލ. މާބައިދޫ
- ލ. ކުނަހަންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގއ. ނިލަންދޫ
- ގދ. މަޑަވެލި
މިއަދުގެ ރަސްމިއްޔާތުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ޒިޔާރާތް ކުރެއްވިއިރު ކައުންސިލް އިދާރާތައް ހުރީ ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
އެހެންވެ، މި މަޝްރޫއުއަކީ އެ މަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
ޖުމްލަ 50 ރަށެއްގައި ޗައިނާގެ އެހީގައި އެ މަޝްރޫއު ހިންގާއިރު، ޑިޒައިން އެންޑް ބިލްޑް އުސުލުން ގެންދާ އެ މަޝްރޫއުގައި ދެ ގޮތަކަށް އިމާރާތް ކުރާނެ އެވެ. ބާވަތް 1 ގެ ދަށުން އިމާރާތް ކުރަނީ 30 ކައުންސިލް އިދާރާ އެވެ. ބާވަތް 2 ގައި ހިމެނެނީ 20 ޢިމާރާތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ސަފީރަށް ކޮންމެ ދުވަހަކު ފެންނަނީ އުފާވެރި މަންޒަރެއް
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި
ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ
ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށައިފި
ބްރިޖުގެ މެއިންޓެނަންސް ޗައިނާ އިން ހިލޭ ކޮށްދެނީ
މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފި
ދިވެހި ކިޔަވާ ޗައިނާގެ ޒުވާނުން ދިވެހި ހެދުމުގައި
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ