Roadha Mihaaru
ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ

ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ

19 ޖުލައި 2024

ރަސްމީ ދަތުރެއްގައި ތިން މިނިސްޓަރަކު ޗައިނާއަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރަސްމީ ދަތުރެއްގައި ތިން މިނިސްޓަރަކު ޗައިނާއަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިސްކޮށް ހުންނަވާއިރު ދެން ބައިވެރިވެ ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރު މި ދަތުރުގައި ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ބުންޏެވެ.

ފޮރިން މިނިސްޓަރީން ބުނީ ހަތަރު ދުވަހުގެ މި ދަތުރުގައި، ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާ އެކު ވެސް ބައްދަލުވުމެއް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާއިން ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިން މިދިޔަ ހަފްތާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖެއިން މިވަގުތު އެންމެ ބޭނުންވާނެ ކަންކަން އޮޅުން ފިލުއްވައި، އެކަންކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.