Roadha Mihaaru

ށ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް އިން އޭޓީއެމްގެ ހިދުމަތްދޭން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް"ގެ ނަމުގައި ހިންގާ މަޝްރޫއުގައި، ށ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ހިދުމަތް ފުޅާކޮށްފި އެވެ.

ށ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

25 މެއި 2025

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް އިން އޭޓީއެމްގެ ހިދުމަތްދޭން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް"ގެ ނަމުގައި ހިންގާ މަޝްރޫއުގައި، ށ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ހިދުމަތް ފުޅާކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ ށ. އަތޮޅުގެ 10 ރަށުގައި އެ ބޭންކުގެ އޭޓީއެމް ސެންޓަރުތައް ގާއިމްކޮށް މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއަކީ އަސާސީ ބޭންކިން ހިދުމަތްތައް، ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގާ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މަޝްރޫއު ހަލުވި ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މި އަހަރުގެ މިހާތަނަށް 37 ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.

"މިއަހަރުގެ މިހާތަނަށް އަޅުގަނޑުމެން އަތޮޅުތެރޭ ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވޭ. މި އަދަދުން ވެސް އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މި ހިދުމަތަކީ ކިހާ މުހިންމު ހިދުމަތެއް ކަން ވަރަށް ބޮޑަށް ހާމަވެގެންދޭ." ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްއިން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 133 ސެލްފްސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް އޭޖެންޓު މެދުވެރިކޮށް ބޭންކިން ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ބޭންކުން އޮންލައިން ބެންކިންގެ ހިދުމަތް ވެސް ދެ އެވެ.