Roadha Mihaaru

މާޒިޔާ އިން އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަންކަން ހޯދައިފި

އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ހޯދައިފި އެވެ.

މާޒިޔާ އިން ލީގު ކަޕުގެ ޗެމްޕިއަންކަން ހޯދައިފި

އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން މިރޭ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މާޒިޔާގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ، އިބްރާހީމް އައިސަމް އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ލީގު ކަޕަކީ، އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާތީ، ދިވެހި ޕްރިމިއާ ލީގުގެ ބަދަލުގައި، ބާއްވާ ނުރަސްމީ މުބާރާތެކެވެ. ފީފާގެ އެންގުމަށް ލީގު ފަސްކުރުމަށް ފަހު އެފްއޭއެމުން މި މުބާރާތް ބާއްވަން ނިންމީ ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

އެއް ވަނަ ޑިވިޝަނުން މާޒިޔާ އާއި އޮޑި، އަދި ޓީސީ ސްޕޯޓްސްގެ އިތުރުން މުބާރާތުގައި ވާދަކުރީ ދެ ވަނަ ޑިވިޝަނުން ނިއު ރޭޑިއަންޓާއި، މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. ލީގު އުސޫލުން އެއް ބުރު ކުޅެ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭ އުސޫލުން ކުޅުނު މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަ ހޯދީ ޓީސީ ބަލިކުރުމަށް ފަހު އެވެ. އޮޑި ފައިނަލަށް ދަތުރުކުރީ ނިއު އަތުން މޮޅުވެގެންނެވެ.

މާޒިޔާގެ އިލާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާޒިޔާގެ އިލާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިރޭގެ މެޗުގައި މާޒިޔާގެ އައިސަމް ވަނީ ފަސް ވަނަ މިނެޓުގައި އޮޑީގެ ގޯލު ހުޅުވާލައިފަ އެވެ. މާޒިޔާގެ ހައިޝަމް ހަސަން ނެގި ހުރަހެއް، އޮޑީގެ ކުޅުންތެރިޔަކު ދިފާއުކޮށް ބޮލުން ފޮނުވާލުމުން ޑީ އޭރިއާ ބޭރުން އައިސަމް އަށް ލިބުމުން އޭނާ ގޯލަށް ބޯޅަ ވައްދާލީ އޮޑީގެ ހުސެއިން ނިހާން ކައިރިން ދެ ފަހަރު ނައްޓާލުމަށް ފަހު އެވެ.

މާޒިޔާގެ ދެ ވަނަ ގޯލު 29 ވަނަ މިނެޓުގައި ހަންނަ ޖެހީ އަހުމަދު އައިހަމް މެދުތެރެއިން ދިން ހިތްގައިމު ބޯޅައަކަށް އަރާ އޭރިއާ ތެރެއިން ޖަހަ އެވެ. ހަންނަ އެ ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކުރި ވަގުތު އޮޑީގެ އިބްރާހީމް އާޒިމް ހޯދި ނަމަވެސް، ހަންނަ ވަނީ އަލުން އަތުލައި އެނބުރިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މާޒިޔާގެ ފަހު ދެ ގޯލު ޖެހި އިލާން ކުޅެން އެރީ ވެސް ފަހު ހާފުގަ އެވެ. އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ 70 ވަނަ މިނެޓުގަ އެވެ. މިއީ އޮޑީގެ ކުޅުންތެރިޔަކު ފަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، އޭރިއާ ބޭރުން ޖަހައި ގޯލްކީޕަރުގެ ބޯމަތިން ކަހަލަ ގޮތަކަށް ގޯލުގެ މަތީ ކަނަށް އޮއްސާލި ގޯލެކެވެ. އޭގެ ފަސް މިނެޓު ފަހުން އިލާން ދެ ވަނަ ގޯލު ޖެހީ އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ހުރަސްކުރި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

އިލާން އަކީ 2023 ވަނަ އަހަރު ވެލެންސިއާ އިން ސީނިއާ ކެރިއަރު ފެށި އުއްމީދީ ފޯވާޑެކެވެ. އޭނާ ވަނީ ރާއްޖޭގެ ޔޫތު ގައުމީ ޓީމުތަކަށް ވެސް ކުޅެފަ އެވެ. އަދި ސީނިއާ ސްކޮޑުން ވެސް ޖާގަ ލިބިފައިވެ އެވެ. އިލާން އަކީ ދާދި ފަހުން އިންޑިއާގައި އޮތް ސާފް 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު އޯ ލެވެލް އިމްތިހާނު އޮތުމުން ޓީމާ އެކު ބޭރަށް ދެވޭ ގޮތް ނުވީ އެވެ.