Roadha Mihaaru

ދީން: އިގުތިސާދީ ފުރުސަތުތަކުގައި އިންސާފުވެރިކަމާއި ހަމަހަމަ ނުވެއްޖެ ނަމަ ލިބޭނެ ގެއްލުންތައް

އަދުލުއިންސާފާއި ހަމަހަމަ ކަމަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އަމަލީ ގޮތުން ތަންފީޒު ކުރަންޖެހޭ ކަމެކެވެ. އިގުތިސާދީ މައިދާނުގައި ވެސް އަދުލުވެރިވާން ޖެހެ އެވެ. މީގެ ތެރޭގައި އިގުތިސާދީ ފުރުސަތުތައް ލިބުމުގައި ވެސް ހަމަ މިފަދަ އެވެ. މިގޮތުން އިންސާފުން ބޭރުން ވަކި ބަޔަކަށް އެކަނި މިފަދަ ފުރުސަތުތައް ދިނުން އިސްލާމް ދީން ހުއްދައެއް ނުކުރެ އެވެ.

ދީން: އިގުތިސާދީ ފުރުސަތުތައް ހަމަހަމަވާން ޖެހޭ
ޑރ. ސަޢުދުﷲ ޢަލީ
ޑރ. ސަޢުދުﷲ ޢަލީ

08 ނޮވެމްބަރ 2025

އަދުލުއިންސާފާއި ހަމަހަމަ ކަމަކީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އަމަލީ ގޮތުން ތަންފީޒު ކުރަންޖެހޭ ކަމެކެވެ. އިގުތިސާދީ މައިދާނުގައި ވެސް އަދުލުވެރިވާން ޖެހެ އެވެ. މީގެ ތެރޭގައި އިގުތިސާދީ ފުރުސަތުތައް ލިބުމުގައި ވެސް ހަމަ މިފަދަ އެވެ. މިގޮތުން އިންސާފުން ބޭރުން ވަކި ބަޔަކަށް އެކަނި މިފަދަ ފުރުސަތުތައް ދިނުން އިސްލާމް ދީން ހުއްދައެއް ނުކުރެ އެވެ.

އަދުލު އިންސާފަކީ ކޮންމެ ފަރުދަކަށް ވެސް އެ މީހެއްގެ ހައްގު ކަށަވަރު ކުރުމަށާއި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް އިސްލާމް ދީން ގެނެސްދޭ ޝާމިލު ނިޒާމުގެ އަސާސެކެވެ.

އަދުލުއިންސާފާއި ހަމަހަމަ ކަމުގެ އިސްލާމީ މަފްހޫމު

އަދުލުއިންސާފަކީ ކޮންމެ ކަމެއް ވެސް އޭގެ ހައްގު މަގާމުގައި ބޭއްވުމާއި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހައްގު އުނި އިތުރެއް ނެތި ލިބުމެވެ. ހަމަހަމަ ކަމަކީ ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި އަދި އިގުތިސާދީ އިޖުތިމާއީ ސިޔާސީ ފަދަ ދާއިރާތަކުގެ ހައްގުތަކުގައި މީހެއްގެ ނަސަބަކަށް ކުލަޔަކަށް ދެރަނިކަމެތި ކަމަކަށް ފަދަ ކަމަކަށް ބެލުމެއް ނެތި އެއްވަރު ކުރުމެވެ.

ނަމަވެސް މީހެއްގެ ހެޔޮ އަމަލާއި ތަގުވާގެ ސަބަބުން ތަފާތު ވާނެ އެވެ. މީގެ ތެރޭގައި ގާބިލުކަމާއި އަމާނާތްތެރި ކަމުގެ ސަބަބުން ލިބޭ އިމްތިޔާޒު ހިމެނޭނެ އެވެ.

ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި ކުރީގެ އުންމަތްތަކުގައި ޝަރަފުވެރިޔަކު ވައްކަމެއް ކޮށްފިއްޔާ ދޫކޮށްލައި ނިކަމެއްޗަކު ވައްކަން ކޮށްފިއްޔާ ހައްދު ގާއިމު ކުރުމަކީ އެ އުންމަތްތައް ހަލާކުވި ސަބަބެއް ކަމަށެވެ. އެހެންވެ އެކަލޭގެފާނުގެ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރެއްވިޔަސް އެކަމަނާގެ އަތްޕުޅު ކަނޑުއްވާނެ ކަމަށް ހަދީސް ކުރެއްވި އެވެ (މުއްތަފަގު).

އިސްލާމް ދީނުގައި އިގުތިސާދީ އަދުލުވެރިކަން

އިސްލާމް ދީނުގައި އިގުތިސާދީ އަދުލުވެރިކަން ބިނާވެފައި ވަނީ ދެ ހައްގެއްގެ ދެމެދުގައި ވަޒަން ހިފެހެއްޓުމުގެ މައްޗަށެވެ. އެއީ ފަރުދީ މިލްކިއްޔާތުގެ ހައްގާއި މުޖުތަމައަށް މަންފާ ލިބުމުގެ ހައްގެވެ. އެހެންކަމުން ކޮމިޔުނިޒަމްގައި ފަރުދީ މިނިވަންކަން ހިފަހައްޓާހެން އިސްލާމް ދީނުގައި އެ ހައްގު ނުހިފަހައްޓައެވެ. އަދި ކެޕިޓަލިޒަމްގައި ނިކަމެތިން އިތުރަށް ނިކަމެތި ކޮށްލުމަށްޓަކައި މަދު ބައެއްގެ އަތްމައްޗަށް އެކަނި އިގުތިސާދީ ބާރު ދޫކޮށެއް ނުލަ އެވެ.

އޭގެ ބަދަލުގައި ވަރަށް މުހިންމު އުސޫލުތަކެއްގެ ތެރެއިން އިގުތިސާދީ ވަޒަން ހަމަކަން ހިފަހައްޓައެވެ. މީގެ ތެރެއިން އެއް ކަމަކީ ރިބާ އާއި އިހުތިކާރާއި ނަހަމަ ފުރުސަތުގެ ބޭނުންހިފުން ހަރާމް ކުރުމެވެ.

މި ތިން ކަމަކީ ވެސް މުދާތައް ހަމައެކަނި ވަކި ބައެއްގެ އަތްމަތީގައި ދައުރުވާނެ ކަންކަމެވެ. މިހެންވެ ޣަނީމާ މުދާ ބަހާއިރު ފަސްބައިކުޅަ އެއްބައި އެންމެ ފުރަތަމަ ވެސް ނަގަން ޖެހެ އެވެ. އެއީ އެ މުދާ މުއްސަނދިންގެ އަތްމަތީ އެކަނި އެނބުރޭ އެއްޗަކަށް ނުހެދުމަށެވެ (އަލްޙަޝްރު 7). އިހުތިކާރު ކުރާ މީހާ އަށް ލައުނަތް ލިބޭނެކަން ރަސޫލާ ﷺ ބަޔާން ކުރައްވައެވެ (އިބްނު މާޖާ، އައްދާރަމީ).

އެހެނީ ދައުލަތުގެ މުދަލަކީ ރައްޔިތުންގެ މުދަލެވެ. ވެރިންނަކީ އެ މުދާ ހެޔޮ ގޮތުގައި ބޭނުންކޮށް، ބެލެހެއްޓުމުގައި ރައްޔިތުންގެ ވަކީލުންތަކެކެވެ. ވެރިންނަށް ހައްގު ވާނީ އެ މީހުންނަށް ދޭން ކަނޑައެޅިފައިވާ މުސާރަ އާއި އިނާޔަތްތައް އެކަންޏެވެ.

އިގުތިސާދީ ވަޒަން ހަމަކަން ދަމަހައްޓާ ދެވަނަ އުސޫލަކީ ޒަކާތް ވާޖިބުކޮށް އެއީ ދީނުގެ ރުކުނެއް ކަމުގައި ހެދުމާއި ސަދަގާތް ކުރުމަކީ ދަރުމަ ލިބޭ ހެޔޮ އަމަލެއް ކަމުގައި ހެދުމެވެ. ޒަކާތް ނޫނަސް މުދަލުގައި ހައްގެއް (އެބަހީ ސަދަގާތް ކުރުން) އޮންނަ ކަމަށް ރަސޫލާ ހަދީސް ކުރައްވައެވެ (އައްތިރުމިޛީ).

ތިންވަނަ ކަމަކީ މަސައްކަތަށް ހިތްވަރު ދިނުމާއި ހުއްދަ ގޮތުގައި މެނުވީ މުދާ ނުހޯދަން އަމުރު ކުރުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ހެޔޮ ނިޔަތުގައި ކޮށްފި ނަމަ އަޅުކަމެކެވެ.

ރަސޫލާ ﷺ ހަދީސް ކުރައވަނީ އެ މީހެއްގެ އަމިއްލަ އަތުން ކުޅަ މަސައްކަތަކުން ހޯދި އެއްޗަކަށް ވުރެ ހެޔޮ އެއްޗެއް މީހަކު ނުކާނެ ކަމަށެވެ (ބުޚާރީ).

ހަތަރުވަނަ ކަމަކީ އިގުތިސާދީ އަސާސީ ހައްގުތައް ކޮންމެ ރައްޔިތަކަށް ގަރަންޓީ ކޮށްދިނުން ދައުލަތުގެ ޒިންމާއެއް ކަމުގައި ލެއްވުމެވެ. އެއީ ކޮންމެ ރައްޔިތަކަށް ވެސް އަބުރުވެރި ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދިނުމަށްޓަކައެވެ. މިގޮތުން ތައުލީމާއި ތަމްރީނުގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާތައް އުފެއްދުމާއި ރައުސްމާލު ބޭނުންވާ ފަރާތްތަކަށް އޭގެ ފުރުސަތު ދައުލަތުން ހޯދައިދޭން ޖެހެ އެވެ.

އުމަރުގެފާނު ވިދާޅުވަނީ އިރާގު ފަދަ ދުރު ތަނެއްގައި ވިޔަސް މަގު ހެދިފައި ނެތުމުގެ ސަބަބުން ޖަނަވާރެއް އެއްޗެއްގައި އަޅައިގަނެގެން ވެއްޓުނަސް އެ ތަނުގައި މަގު ނުހެދީ ކީއްވެތޯ ގިޔާމަތް ދުވަހުން އެކަލޭގެފާނާ ސުވާލު ކުރެވޭނެ ކަމަށެވެ.

އިގުތިސާދީ ފުރުސަތު ތަކުގައި ހަމަހަމަވުން

އިސްލާމީ ނަޒަރުން ބަލާއިރު ދައުލަތަކުން ރައްޔިތުންނަށް ލިބެންޖެހޭ އިގުތިސާދީ ފުރުސަތުތަކުގައި އާންމު އުސޫލުން އެންމެހާ ރައްޔިތުން ހަމަހަމަވާން ޖެހޭނެ އެވެ. އެބަހީ އަދުލުވެރި ފުރުސަތު ލިބެން ޖެހޭނެ އެވެ. މި ހަމަހަމަކަން ބިނާވާނީ އެ ފުރުސަތަކަށް ކުފޫ ހަމަވުމާއި ނުވުމުގެ މައްޗަށެވެ.

ވީމާ ކުފޫ ހަމަނުވާ މީހަކަށް ފުރުސަތު ނުދިނުމާއި ކުފޫ ހަމަވާ މީހުންގެ ތެރެއިން އެންމެ ލާއިގު މީހާ އަށް އެންމެ ފުރަތަމަ ފުރުސަތު ދީގެން މެނުވީ އަދުލުވެރި ނުވެވޭނެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު ﷲ ގެ ރިޒުގު ހޯދުމުގައި ބިމުގައި ފެތުރި ގޮސް މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެކެވެ. ދައުލަތުގެ ފަރާތުން މި ފުރުސަތު ދިނުމުގައި އިންސާފުވެރި ވާން ޖެހެ އެވެ.

މިގޮތުން ކުރަންޖެހޭ އެއް ކަމަކީ މަސައްކަތުގެ ހުރިހާ މައިދާންތަކަކުން ފުރުސަތުތައް ފަހި ކުރުމެވެ. ދެވަނަ ކަމަކީ ކުފޫ ހަމަވާ މީހުންނަށް އެކަނި ފުރުސަތު ދިނުމެވެ. ތިންވަނަ ކަމަކީ ފުރުސަތު ހަމަވާ އެތައް ބަޔަކު ތިބި ނަމަ އެންމެ ލާއިގު މީހުންނަށް އެންމެ ފުރަތަމަ ފުރުސަތު ދޭ އުސޫލު ގެންގުޅުމެވެ. ހަތަރުވަނަ ކަމަކީ ކުފޫ ހަމަވުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ބަލައިގެން ފުރުސަތު ނުދިނުމެވެ.

މީހެއްގެ ނަސަބަށް ނުވަތަ ޖިންސަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ފިކުރަށް ނުވަތަ ވަޒީފާ އަށް ފަދަ ކަމަކަށް ބަލައިގެން (އެފަދަ ކަމަކަށް ހާއްސަކޮށްފައިވާ ފުރުސަތަކަށް މެނުވީ) ފުރުސަތު ދީގެން ނުވާނެ އެވެ.

ފަސްވަނަ ކަމަކީ ނިކަމެތިންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އިގުތިސާދީ މައިދާނުގައި ބައިވެރި ވެވޭނެ ފުރުސަތުތައް ފަހި ކުރުމެވެ. އިގުތިސާދީ ފުރުސަތުގައި އިންސާފު ވުމަށްޓަކައި ކުރަންޖެހޭ ހަވަނަ ކަމަކީ ފަގީރުންނާއި މިސްކީނުންގެ ހައްގުތައް ހިމާޔަތް ކުރުމެވެ.

ޝަރުއީ ނިޒާމުގެ ތެރެއިން ވިއަސް އިސްލާމީ ހިސްބާގެ ނިޒާމު (އަނިޔާތަކާއި ކުށްތައް މޮނީޓަރ ކުރުމުގެ އިސްލާމީ ނިޒާމު) ނުވަތަ ފަނޑިޔާރުގެ މެދުވެރިކޮށްގެން ނަމަވެސް އިގުތިސާދީ މައިދާނުގައި ހުރި އަނިޔާތަކުން ހިމާޔަތް ހޯދައިދޭން ދައުލަތުން މަސައްކަތް ކުރަން ޖެހޭނެ އެވެ.

އިގުތިސާދީ އަދުލުވެރިކަން ދެމެހެއްޓުމުގައި ދައުލަތުގެ ދައުރު

އިސްލާމީ ނަޒަރުން ބަލާއިރު ދައުލަތަކީ އަދުލުވެރިކަން މޮނީޓަ ކުރުމުގެ ދައުރު އެކަނި އޮންނަ ފަރާތެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މުޖުތަމައުގައި އިގުތިސާދީ އަދި އިޖުތިމާއީ އަދާލަތު ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އެންމެ ފުރަތަމަ ނަގަން ޖެހޭ މަސްއޫލު ފަރާތެވެ.

ރަސޫލާ ހަދީސް ކުރައްވަނީ "ވެރި މީހާ އަކީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމުގައި މަސްއޫލުވާން ޖެހޭ އެ މީހުންގެ ރާޢީ އެކެވެ." އެހެންކަމުން ދައުލަތުން އަދާ ކުރަންޖެހޭ ދައުރުތައް ގިނަ އެވެ.

މިގޮތުން އެއްކަމަކީ އިހުތިކާރު ކުރުމާއި މަކަރު ހެދުމާއި މާލީ ފަސާދަ މަނާ ކުރުމެވެ. މަކަރު ހެދުމަކީ މީހާގެ އިސްލާމްކަން ގެއްލޭ ކަމެކެވެ (މުސްލިމް). ދެވަނަ ކަމަކީ މަސައްކަތް ކުރުމާއި މުދަލުން މުދާ އުފެއްދުމުގެ (އިންވެސްޓު ކުރުމުގެ) ފުރުސަތު އެންމެހާ މުވާތިނުންނަށް ފަހިކޮށްދިނުމެވެ. ތިންވަނަ ކަމަކީ ހެޔޮގޮތުގައި ދެވޭ ދަރަންޏާއި ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުން ހިފައިގެން ފަގީރުންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަތަރުވަނަ ކަމަކީ ބާޒާރަށް ނެރޭ މުދަލުގެ ފެންވަރު ދެމެހެއްޓުމަށާއި އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށަށް އެރުވުމަށްޓަކައި ބާޒާރު މޮނީޓަރ ކޮށް ބެލެހެއްޓުމެވެ. ފަސްވަނަ ކަމަކީ ދައުލަތުގެ މުއްސަނދިކަމުން ރައްޔިތުންނަށް ފުރުސަތުތައް ދިނުމުގައި އިންސާފުވެރި ވުމެވެ.

މީހެއްގެ ނަސަބަށް ނުވަތަ ޖިންސަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ފިކުރަށް ނުވަތަ ވަޒީފާ އަށް ފަދަ ކަމަކަށް ބަލައިގެން (އެފަދަ ކަމަކަށް ހާއްސަކޮށްފައިވާ ފުރުސަތަކަށް މެނުވީ) ފުރުސަތު ދީގެން ނުވާނެ އެވެ.

އެހެނީ ދައުލަތުގެ މުދަލަކީ ރައްޔިތުންގެ މުދަލެވެ. ވެރިންނަކީ އެ މުދާ ހެޔޮ ގޮތުގައި ބޭނުންކޮށް، ބެލެހެއްޓުމުގައި ރައްޔިތުންގެ ވަކީލުންތަކެކެވެ. ވެރިންނަށް ހައްގު ވާނީ އެ މީހުންނަށް ދޭން ކަނޑައެޅިފައިވާ މުސާރަ އާއި އިނާޔަތްތައް އެކަންޏެވެ.

އިގުތިސާދީ ފުރުސަތުގައި އިންސާފުވެރި ވުމުގެ މުހިންމުކަން

ދައުލަތުގެ މުދަލުން ރައްޔިތުންނަށް ދިނުމުގަ އާއި އިގުތިސާދީ ފުރުސަތުތައް ފަހި ކުރުމުގައި އަދުލުއިންސާފު ދަމަހައްޓައި ހަމަހަމަ ކުރާ ނަމަ އޭގެ ފައިދާ ވަރަށް ވެސް ބޮޑެވެ. ފަގީރުކަމުގެ މިންވަރު ކުޑަ ކުރުމާއި ޖަރީމާތައް މަދު ކުރުމާއި ވަތަނީ ލޯބި އިތުރު ވުމާއި ގަދައަޅައި މަސައްކަތް ކުރުމުގެ ޝައުގު އުފެދުމާއި އުފެއްދުންތެރިކަން އިތުރުވުން ފަދަ އެތައް ފައިދާއެއް ލިބޭނެ އެވެ. ހަމަޖެހުން ގެނެސްދޭނެ އެވެ.

މިއާ ހިލާފަށް އަދުލު އިންސާފު ނެތިއްޖެ ނަމަ މުޖުތަމައު ހަރާބު ވާނެ އެވެ. ﷲ އަންގަވަނީ ރަށްތަކުގެ އަހުލުވެރިން އަނިޔާވެރި ވުމުގެ ސަބަބުން އެ ރަށްތައް ﷲ ހަލާކު ކުރެއްވި ކަމަށެވެ (އަލްކަހްފު 59). އަލީގެފާނު ވިދާޅުވެފައިވަނީ ކާފިރު ކަމާ އެކުގައި ވެރިކަން ދެމިގެން ދިޔަސް އަނިޔާވެރިކަމާ އެކުގައި ވެރިކަން ދެމިނޯންނާނެ ކަމަށެވެ.

އެހެންކަމުން އިގުތިސާދީ ފުރުސަތުތަކުގައި އަދުލު އިންސާފާއި ހަމަހަމަކަން ދެމެހެއްޓުމަކީ އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ ތެރެއަށް ވެސް ވަދެގެންދާ މުހިންމު ކަމެކެވެ.