Roadha Mihaaru

ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

11 ޖޫން 2025

(އާދިއްތަ ދުވަހާ ގުޅޭ)

"ހޭ ވެއިޓް! އެއީ ނާސިފުގެ ފްރެންޑެއްނު!" ހިބާ ބުންޏެވެ. "އަހަރެންގެ ފްރެންޑެއް ނަމަ އަހަންނަކަށް އެއްޗެއް ނުވެސް ކެވޭނެ. އެކަމަކު ޔޫ ސެއިޑް އެއީ ވަރަށް އިންޕޯޓަންޓް ފްރެންޑްއެކޭ! ދެން.." އެ ހިސާބަށް ބުނެފައި ހިބާއަށް ޝައްކުވިއެވެ. ޓީވީއަށް ނުބަލަން ނާސިފު އުޅޭހެން ހިބާއަށް ހީވާތީއެވެ.

"އަހަރެން ގުޅި އިރު ނާސިފު ކޮން ތާކު އުޅުނީ؟" ހިބާ ސުވާލު ކުރިއެވެ. "އެ ގާލްއާ އެއްކޮށް ދޯ އުޅުނީ؟"

"އާނ އެ ކާރުގަ އަހަރެން އިނީ،" އިސްޖަހާލައިގެން އިނދެ ނާސިފު ބުންޏެވެ. "އަހަރެންގެ ވަރަށް ކްލޯސް ފްރެންޑަކަށް ވާން ހިބާ އެއްބަސްވެއްޖެއްޔާ، އެކަކަށް ވެސް އަހަރެން ކިޔާ ނުދޭ ވާހަކައެއް ހިބާއަށް ކިޔައިދީފާނަން."

"ތީ އެހާ އުނދަގޫ ކަމެއް ނޫން،" ގޮނޑީގައި ނިކަން ހަމަޖެހިލާފައި ހިބާ ބުނެލިއެވެ. "އަހަރެން ރެޑީ! ކިޔައިދީބަލަ!"

ނާސިފު ބޭނުންވީ ހުރިހައި ވާހަކައެއް ކިޔައިދޭށެވެ. އެހެނަސް އެހައި ވަގުތެއް ނެތެވެ.

"ކްލާސް ނިންމާފަ ކިޔައި ދޭނަން،" ނާސިފު ބުންޏެވެ. "ކޮންތާކުން މީޓު ކުރާނީ؟"

ތަން ހަމަޖައްސައިފައި ދެ މީހުން ވެސް ދިޔައީ ކްލާހަށެވެ. ހިބާ ދެކޭނެ ގޮތެއް، ވިސްނާނެ ގޮތެއް ނާސިފަކަށް ނޭނގެއެވެ. ނާސިފު އުންމީދުކުރީ ހިބާއަށް ކޮންމެވެސް އެއްޗެއް ވިސްނޭނެ ކަމަށެވެ. ބަދަލެއް އަންނާނެ ކަމަށެވެ. ވިސްނާ މީހަކަށް ވިސްނޭ ވަރުގެ އިޝާރާތެއް ވެސް ނާސިފު ކުރިއެވެ. މެސެޖެއް ލިޔެލިއެވެ. ފޮނުވަން ނުކެރިގެން މަޑުކުރުމަށް ފަހު، މެންދުރަށް ކުލާސް މެދުކަނޑައިލި ވަގުތު އެ މެސެޖެ ފޮނުވައިލިއެވެ. އާދައިގެ މެސެޖެއް ގޮތުގައެވެ. ފަހުން އެ މެސެޖު ފުހެލަން ބޭނުންވި ވެސް މެއެވެ. އެހެނަސް އެއީ ނެތް ފުރުސަތެކެވެ.

ކުލާހުގައި އިން އިރު ވެސް، ނާސިފު އިރުއިރުކޮޅާ ފޯނަށް ބަލައިލައެވެ. މެސެޖުގެ ޖަވާބު އައިތޯއެވެ. އެއްވެސް މެސެޖެއް ނާދެއެވެ. ޔަގީނެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ ހިތްހަމަނުޖެހުނީއެވެ. އޮފީހުގެ އެހެން މީހަކަށް ހިބާ އެ މެސެޖު ފޮނުވައިފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މި ކުރެވުނީ ކިހައި މޮޔަ ކަމެއް ހެއްޔެވެ؟ އަދީލް ގާތުގައި ހިބާގެ ޝަކުވާ އޮތީ ކުރެވިފައެވެ. އެ ކަން ހިބާއަށް އެނގިފައި ވެސް އޮވެދާނެއެވެ. އޭގެ ބަދަލު ހިފަން، ނާސިފުގެ މެސެޖު އަދީލަށް ވެސް ފޮނުވައިފާނެއެވެ. މުޅި އޮފީހުގައި ނާސިފު ބަދަނާމުވެފައި ވެސް އޮވެދާނެއެވެ. ބައްދަލުކުރަން ބުނި ތަނަށް ދިޔުމުގެ ބޭނުމެއް ވެސް ނާސިފަކަށް ނުވިސްނެއެވެ. ހިބާ ނާންނާނެކަން ޔަގީންވާތީއެވެ.

ކުލާސް ނިންމާފައި ނާސިފު މިސްރާބު ޖެހީ ހޮޓަލަށެވެ. އުޑުމަތި އޮތީ ބަނަކޮށެވެ. ދިޔަ މަގުމަތީގައި ނާސިފު ހިތަށް އެރިއެވެ. އަޅެ ހިބާ ކޮބައިތޯ ބަލައިލާނަމެވެ. ހިބާއަށް ގުޅައިލުމަށް ފަހު ކަންފަތުގައި ފޯނު ޖެއްސުމުގެ ބަދަލުގައި ނާސިފު ފޯނަށް ބަލަހައްޓައިގެން އިނެވެ. ފޯނު ނުނަގާނެކަން ޔަގީންކޮށްގެންނެވެ. ވީ ވެސް އެހެންނެވެ. ހޮޓަލަށް ގޮސް ހިބާއަށް ފިލައިގެން ނޫޅެވޭނެތީ، ފޮނުވި މެސެޖުގެ މާނަ ފުރޮޅައިލުމަށް ނާސިފު ވިސްނަން ފެށިއެވެ. އޮޅުވައިލުމަށް ޓަކައެވެ. އެ ވަގުތު ހިބާގެ ފޯނެއް އަންނަން ފެށިއެވެ. ކުޑަކޮށް ވިސްނައިލައިފައި ނާސިފު ފޯނު ނެގިއެވެ.

"އަސްލު އޭގެ މާނަ..." ނާސިފަށް ބުނެވުނީ ހިސާބަށެވެ.

"ކޮބާ؟ އަދިވެސް ކްލާސް ނުނިމެނީތަ؟" ވަރަށް މަޖާވެލާފައި ހިބާ ބުންޏެވެ. "މި ތާ އިނދެއިނދެ ފޫހިވެއްޖެ!"

"ވަރަށް ކައިރީގަ." ނާސިފު ބުނެލިއެވެ.

ހޮޓަލަށް ދިޔުމުގެ ބަދަލުގައި ޓެކުސީގެ މިސްރާބު ރެސްޓޯރަންޓާ ދިމާއަށް ބަދަލުކޮށްލިއެވެ. ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ނާސިފު ހިތަށްއެރިއެވެ. ހިބާ އިނީ ރެސްޓޯރަންޓުގައެވެ. އޭނަގެ އަޑުގައި އެއްވެސް ނުތަނަވަސްކަމެއް ނެތެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ހިބާގެ ހިތުގައި ވެސް އޮތީ ނާސިފުގެ ހިތުގައި އޮތް ހެންހެއްޔެވެ؟ ނާސިފުގެ ސިކުނޑި އެތައް ސުވާލެއް އުފެއްދިއެވެ. ހިބާއަކީ މާ ހިތްހެޔޮ ކުއްޖަކީހެއްޔެވެ؟ އެއް ހޮޓަލެއްގައި ދުވަސްކޮޅަކު އުޅެން ޖެހޭތީ، ވީހައި ވެސް ރީތިކޮށް އެ ކަން ގެންދަން ބޭނުންވީ ހެއްޔެވެ؟

ބޮޑު ރެސްޓޯރަންޓުގެ ދޮރުން ނާސިފު ވަނެވެ. ދެ ފަރާތް ހޯދައިލިއެވެ. ދުރު މޭޒެއްގައި، ރަތް ހެދުމެއް ލައިގެން، އެކަނި އިން ހިބާ އަތްހޫރައިލިއެވެ. ނާސިފު އަންނަން ފެށުމުން ހިބާ ތެދުވިއެވެ. އެއީ އިހުތިރާމުގެ ތެދުވުމުކެވެ. ނުވަތަ ހެދުން ދައްކައިލުމެކެވެ. ހިބާ ލައިގަން ހުރީ އަތްދިގު، ލޭސް، މެކްސީއެކެވެ. މެކްސީގެ އަޑިން ލައިފައި ހުރީ ގަޔާ އެއްކުލައިގެ ފޮއްޗެކެވެ. ހެދުމުގެ އުނަގަނޑުން ފެށިގެން ކަކުލާ ހިސާބަށް ހުރީ ބާރުކޮށެވެ. ފުޅާ ފަސްބައިން އޮތީ ފައިތިލަ ފޮރުވިފައެވެ. އަތުގެ ކޮޅުންކޮޅަށް ހުރި ފުޅާ ރޮނގުގެ އަޑިން ހިބާގެ ދޮންކަން ފާޅުވާން ހުއްޓެވެ. ހަމަ އެ ފަދަ ރޮނގުތަކެއް ކަރުން ތިރިޔަށް ވެސް ހުއްޓެވެ. ބުރަކަށި އޮތީ ހާމައަށެވެ.

"ވަރަށް ރީތި ހެދުމެއް،" ގައިން ފެންފޮޅައިލަމުން ނާސިފު ބުނެލިއެވެ. "ރަތްކުލަ ވަރަށް ގުޅޭ!" ޝުކުރު އަދާކުރަމުން ހިބާ އިށީނެވެ.

"ކޮބާ އެ މެސެޖުގެ މާނައަކީ؟" ނާސިފު ހީކުރީ ހިބާ އެހެން އަހާނެ ކަމަށެވެ.

ހަގީގަތުގައި ހިބާ އެ ސުވާލެއް ނުކުރެއެވެ.

"މިއަދު ވެސް އަހަރެން ހީވަނީ ގަޑި ދިއްލާއެއްހެން ދޯ؟" ނާސިފު އެހެން ބުނުމުން ހިބާ ނިކަން ބާރަށް ހީނގަތެވެ. "ކިހިނެއް ތިހާ އަވަހަށް ޗޭންޖު ކުރީ؟ ތި ލައިގެން ކްލާހަކަށް ނުދާނެ."

ވާރޭ ބޯކޮށްލިއެވެ. ވިދައިގުގުރައިލިއެވެ.

"ހެދުން ބޭގަށް ލައިގެން ދެވިދާނެއްނު!" ހިބާ ބުންޏެވެ. "މާލެއިން އިންޑިޔާއަށް އެހާ ގިނަ ހެދުން ގެނައި އިރު، ހޮޓަލުން ކްލާހަށް އެންމެ ޑްރެސްއެއް ކީއްވެ ނުގެންދެވޭނީ؟ މަންމަ އަބަދު ވެސް ބުނާނެ، ކޮންމެ ތާކަށް ދާ އިރު ވެސް އެ ތަނަކާ ގުޅޭ ޑްރެސްއެއް ލާން ވާނޭ. އޭރުންނޭ ރީތި ވާނީ."

ނާސިފު ގޮނޑީގައި ހަމަޖެހިލިއެވެ. ހިތްފުރެންދެން ހިބާއަށް ބަލައިލިއެވެ.

"ހެދުން ވާނީ ހެދުމަކަށް،" ނާސިފު ބުންޏެވެ. "އެ ލައިގެން ހުންނަ މީހާ ހެދުން ވެސް ރީތި ކޮށްދޭނީ. ތީ ހާދަ ރީތި ކުއްޖެކޭ ބުނެފިއްޔާ އެ ވާނެތަ ވަރަށް ގޯސް އެއްޗަކަށް؟"

ހިބާގެ މޫނުމައްޗަށް ވެރިވީ ސީރިޔަސް ކަމެވެ. އިރުކޮޅެއް ވަންދެން ނާސިފުއާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް ހީނގަތެވެ.

"ގޯސް އެއްޗަކަށް ނުވާނެ،" ރަކި ގޮތަކަށް ހިބާ ބުނެލިއެވެ. "އެކަމަކު ނާސިފު އެހެން ބުނީމަ އަހަރެން ވަރަށް ހައިރާންވެއްޖެ!"

"އަހަރެންގެ މެސެޖަކުން ހައިރާނެއް ނުވޭ؟" އެ ސުވާލު ވެސް ނާސިފު ކުރިއެވެ.

"ވަޓް މެސެޖް؟" ހިބާ އެހިއެވެ. "މެސެޖެއް ފޮނުވިންތަ؟"

ހިބާ ފޯނު ބަލައިލާފައި ނާސިފަށް ދައްކައިލިއެވެ. ތެދެކެވެ. ނާސިފުގެ މެސެޖެއް ހިބާއަށް އައިސްފައެއް ނެތެވެ.

ދެން ދިމާވީ އެހެން މައްސަލައެކެވެ.

"ކޮން މެސެޖެއް ފޮނުވީ؟" ހިބާ އެހިއެވެ.

ކޮންމެވެސް ސަބަބަކާ ހުރެ ހިބާއަށް އެ މެސެޖު ނުދިޔުމަކީ ނާސިފަށް ލިބުނު ހިތްހަމަޖެހުމެކެވެ.

"އެހެން ދުވަހަކަށް ހަދަމާހޭ ބުނީ،" ލިބުނު ފުރުސަތުގެ ބޭނުން ނާސިފު ހިފިއެވެ. "ކަރަށް އުނދަގޫވެފަ، ނޭވާލާން ވެސް އުނދަގޫވެފަ، ނިތްކުރިއަށް ވެސް ފާޑަކަށް ބާރުވެފަ ހުންނަނީ. ޑޮކްޓަރަށް ދާން ވެސް އެބަ ވިސްނަން. ރެސްޓުކޮށްލަން ހޮޓަލަށް ދާން އުޅުނީ. ހިބާ ގުޅީމަ، ހިތްވަރުކޮށްލާފަ މި އައީ."

"އޯ އެހެންތަ؟" ހިބާ ބުންޏެވެ. "ދެން ކިހިނެއް ހަދާނީ؟ ހިނގާ ހޮޓަލަށް ދަމާ! ކެބެއް ލިބޭނެބާ ދޯ؟" ކާއެއްޗަކަށް އޯޑަރު ވެސް ނުކޮށް ދެ މީހުން ނުކުތެވެ. އެ ވަގުތު ބަޔަކު ގޮވައިގެން އައި ޓެކުސީއެއް އެ ތަނަށް މަޑުކުރިއެވެ.

"އަޅެ އަހަރުމެން ހޮޓަލަށް ގެންގޮސްދީފާނަން؟" ހިބާ ކުޑަކޮށް ދެރަވެލާފައި އެހިއެވެ.

ނިކަން ފަސޭހައިން ޑުރައިވަރު އެއްބަސްވިއެވެ. ދާންވީ ތަން އެހީ ވެސް ކާރު ދުއްވައިލަމުންނެވެ. ނާސިފު ހިތަށް އެރިއެވެ. މި ރޭ ހުރިހައި ކަމެއް ނަސީބާ ހަވާލުކުރާނީއެވެ. ވާ ގޮތެއް އެނގިދާނެތާއެވެ. ތަންކޮޅަކަށް ދިޔަތަނައި ކާރު ހުއްޓުނެވެ. ދެނެއް އިސްޓާޓެއް ނުވިއެވެ. ނަސީބަކުން ކާރު އޮތީ މަގެއްގެ އެއްފަރާތުގައެވެ. އެހެން ކާރެއް ހޯދައިދޭން ޑުރައިވަރު ވަރަށް މަސައްކަތްކުރިއެވެ. ކާމިޔާބު ވެސް ވިއެވެ.

"އިރުކޮޅެއް ނަގާނެ." މާފާ އެކު ޑުރައިވަރު ބުންޏެވެ.

"ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށް،" ހިބާ ބުނެލިއެވެ. "ދޯ ނާސިފު؟"

ނާސިފަށް ހީވީ އެއީ ސިގުނަލެއް ހެންނެވެ. ކޮށްލި އިޝާރާތެއް ހެންނެވެ. ވަގުތު ފާއިތުވާން ފެށިއެވެ.

"ދެން އެއްކަލަ ވާހަކަ ކިޔައިދީބަލަ!" ހިބާ އެދުނެވެ.

"ކޮން ވާހަކައެއް؟" ވަރަށް ނޭނގޭ ކަމަށް ހަދައިފައި ނާސިފު ފެށިއެވެ. "އާނ! އެ ވާހަކަ ދޯ؟"

ފުރަތަމަ ނާސިފު ކިޔައިދިނީ ޖޮއޭންގެ ވާހަކައެވެ. އުނިއިތުރެއް ނެތިއެވެ. އެލިޒަބަތުގެ ވާހަކަ ވެސް ކިޔައިދިނީ، އޭނަޔާ މެދު ނާސިފުގެ ހިތުގައި އުފެދުނު ޝުއޫރުތަކާ އެކުގައެވެ. އެއްވެސް ފޮރުވުމެއް ނެތިއެވެ.

"ވަރަށް ރީތި، ވަރަށް ލޯބިވާ ދެ މީހުން ގެއްލުނީ،" ނާސިފު ބުންޏެވެ. "އަހަރެން ބުނާނީ އެހެން. އެކަކު ދެކެ ވެސް ލޯބިވާނެ ޗާންސެއް އަހަންނަކަށް ނުލިބުނު. އެ ހަނދާންތައް އަހަންނަށް ވަރަށް އުނދަގޫ ކުރާނެ. އެކަމަކު އެނގޭތަ؟ އަހަންނެއް ނުރޯނަން."

"އެއީ ކީއްވެ؟" ހިބާ އެހިއެވެ.

"ވަރަށް ލޯބިވާ ކުއްޖަކާ ދިމާވީމަ." އިތުރަށް ފޮރުވާނެ ހިތްވަރެއް ނާސިފަކަށް ނުލިބުނެވެ.

"ވާއޮ! ހާދަ ރޮމޭންޓިކޭ!" މޭގައި އަތްޖައްސައިލަމުން ހިބާ ބުންޏެވެ. "ލަކީ ގާލް! އޭނަ ވެސް ވަރަށް ލޯބިވޭތަ؟"

"ނޭނގެ!" ނާސިފު ބުންޏެވެ. "އަދި ނާހަން. ނުކެރިގެން މި އުޅެނީ."

"ވަޓް؟" ހައިރާންވެފައި، ކުޑަކޮށް ޝައްކުވެފައި ހިބާ އެހިއެވެ. "ކިހިނެއް އޭނަޔާ ދިމާވީ؟"

"މި ޓްރިޕްގަ،" ނާސިފު އަނެއްކާ ވެސް އެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ. "ފުރަތަމަ އޭނަ ދެކެ ވަރަށް ފޫހިވި. މިހާރު ހާދަ ލޯބިވެޔޭ! ހަމަ ބަލަހައްޓައިގެން އިންނަ ހިތްވަނީ. ފިރުމާލާ ހިތްވަނީ. އެނގޭތަ؟ މިހާރު ވެސް އަހަރެން ކުރިމަތީގައޭ އޭނަ އިނީ. އޭނަ ވެސް އެބަ އިން ކަޅިޖަހާނުލާ އަހަންނަށް ބަލަހައްޓައިގެން."

ހިބާ އަޑުގެ ކޮޅަށް ހީނގަތެވެ. ނާސިފު ކުރީ ސަމާސާއެއް ކަމަށް ހީކޮށެވެ. އެހެނަސް ނާސިފެއް ނުހެއެވެ.

"ވަޓް އަ ޖޯކް!" ހެމުންހެމުން ހިބާ ބުންޏެވެ. "އަހަރެން ކަހަލަ ޗެޓަބޮކްސްއެއް ދެކެ ނާސިފު ލޯބިވާނެތަ؟ ތީ އަހަންނާ ހެދި އުނދަގޫވެގެން އުޅުނު މީހެއް."

ވިދައިގުގުރައިލިއެވެ. ހިބާއަށް ހަޅޭއްލަވައިގަނެވުނެވެ. އެހެނަސް ނާސިފު ބުދެއްހެން އިނީއެވެ. ކުޑަމިނުން އެސްފިޔަ ވެސް ޖަހައި ނުލައެވެ.

"މީ ޖޯކެއް ނޫން!" ނާސިފު ބުންޏެވެ. "ލޯބިވަންޏާ މިރޭ ބުނޭ! ނުވަންޏާ ވެސް.."

"ނޯ!" ހިބާ ވަރަށް ސީރިޔަސް ވެފައި ބުންޏެވެ. "ނޯނޯނޯ!" (ނުނިމޭ)