Roadha Mihaaru

ވާހަކަ- ހިބާ

(ބުދަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

01 ޖޫން 2025

(ބުދަ ދުވަހާ ގުޅޭ)

ފެންނަން ހުރީ ބިދޭސީ އަންހެންކުއްޖެކެވެ. ހިބާއަށް ބަލައިލެވުނީ ހިބާ ގުޅި ނަންބަރަށެވެ. ނަންބަރު ކަށަވަރު ކުރުމަށްޓަކައެވެ. ދެން އިވުނީ ނާސިފުގެ އަޑެވެ. ފެނުނީ ނާސިފު އައި ތަނެވެ. އޭނަ ހުރީ ހުސްގަޔާއެވެ. އެ ހިސާބުން ހިބާ ފޯނު ކަނޑައިލީއެވެ.

"ވަޓް ދަ.." ހިބާއަށް ބުނެވުނީ އެހެންނެވެ.

އަހަރެން ފޯނު ކުރީ ކީއްކުރަން ހެއްޔެވެ؟ ހިބާ ހިތަށް އެރިއެވެ. ވީޑިޔޯކޯލެއް ނުކުރި ނަމައެވެ. ނާސިފު ފެންނަ ހިސާބަށް ދެން ނުގޮސް ވާނެ ގޮތެއް އޮންނާނެ ނަމައެވެ. އެހެން ހޮޓަލަކަށް ބަދަލުވެވޭނެ ނަމައެވެ. އަމިއްލަ ނަފުސަށް ހިބާ އެއްޗެހި ވެސް ކިއެވެ. ކަމެއް ކުރުމުގެ ކުރިން ވިސްނާލަބަލާށެވެ. ނުބެހޭ ކަންތަކާ ނުބެހިބަލާށެވެ. ތިމާ ކުށްވެރި ކުރުމަށް ގެއްލިފައި އިންދައި ހިބާ ސިއްސައިލީ ނާސިފުގެ ފޯނު ކޯލަކުންނެވެ. ހިބާއަށް ހީވީ އަތުގައި އަލިފާން ޖެހިހެންނެވެ. އެނދު މައްޗަށް ފޯނު އެއްލައިލިއެވެ. ރުޅި އައިސްގެން ނާސިފު ހަޅޭއްލަވައިގަތް އަޑު ހިބާއަށް އިވުނު ކަހަލައެވެ. ތިން ވަގުތެއްގައި ތިން ފަހަރަށް ނާސިފު ގުޅިއެވެ. ހިބާ ޖަވާބެއް ނުދެއެވެ.

ހިބާ ކޮޓަރީގެ ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. ދުވެފައި ގޮސް ދޮރުކަޅިން ހިބާ ބަލައިލި އިރު ދޮރުމަތީގައި ހުރީ ނާސިފެވެ. ހަދަންވީ ގޮތެއް ހިބާއަކަށް ނޭނގުނެވެ. ހިތުވިންދު އަވަސްވިއެވެ. ދެއަތް ފޮޅަފޮޅާފައި ދެކޮޅަށް ހިނގިއެވެ. ހަދަންވީ ގޮތް ވިސްނުމާ އެކު ދުވެފައި ގޮސް ފޯނު ނެގިއެވެ.

"އައި އޭމް ސޮރީ!" ހިބާ މެސެޖެއް ފޮނުވައިލިއެވެ.

"މިހާރު ދޮރު ނުހުޅުވައިފިއްޔާ ފަހުން މާ ސޮރީވާނެ،" ނާސިފު ލިޔުނެވެ. "ވަރަށް ބަލިވެގެން މި އައީ! ދޮރު ހުޅުވާ!"

ހިބާއަށް މަޖުބޫރުވީ ދޮރު ހުޅުވާށެވެ. ދެ ސިކުންތުން ހުޅުވޭ ދޮރު ހިބާއަށް ހުޅުވުނީ ދެ މިނެޓުންނެވެ. ހަމަ ހުޅުވުމާ އެކު ނާސިފު އެތެރެއަށް ވަނެވެ.

"ދުވަހަކު ވެސް އަދި މިހާ ސަކަރާތެއް ނުވޭ!" ނާސިފު ބުންޏެވެ. "ކޮބާ ހިބާ ހެދި މެޖިކް ޕޯޝަން؟"

އޭގެ މަތިން ހިބާ ހަނދާންވީ ވެސް ދެނެވެ. ވަގުތުން އެ ގެނެސްދިނެވެ. ތަށި ހިފައިގެން ނާސިފު އެނދުގައި އިށީނެވެ. އެހެނަސް އެ ބޯކަށް ނޫޅެއެވެ. ތަށްޓަށް ބަލަހައްޓައިގެން އިސްޖަހާލައިގެން އިނީއެވެ. ހިބާ ހުރީ އެނދު ކައިރީގައި ކޮޅަށެވެ. ވަރަށް ތައްޔާރުވެގެންނެވެ. ނާސިފު ވިސްނަމުންގެންދިޔައީ ވާހަކަ ފަށާނެ ގޮތަކާ މެދުގައެވެ.

"މިރޭ ވީޑިޔޯކޯލު.." ނާސިފަށް ބުނެވުނީ އެ ހިސާބަށެވެ.

"ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ ސޮރީ." ހިބާ ފައްޗަކަށް އަމުނައިލިއެވެ.

ނާސިފު ބަލައިލި އިރު ހިބާ ހުރީ ލޯ މަރައިގެންނެވެ. ހިބާއަށް ހީވަނީ އޭރު ވެސް އެ މަންޒަރު ފެންނަހެންނެވެ.

"ހިބާ! އޭނަގެ ނަމަކީ އެލިޒަބަތު. ލިޒް ވެސް ކިޔާ!" ނާސިފު ކިޔައިދޭން ފެށިއެވެ. "އެއީ ޖޯންގެ ދަރިފުޅު.

ޖޯން އަތުން ސިމް ލިބުނީ ވެސް. ޖޯންއަކީ އަހަރުމެން އޮފީހުގެ ޕުރޮޖެކްޓެއް ވެސް ހަވާލުވެގެން އުޅޭ މީހާ. އަދީލް ވިދާޅުވެފަ އޮތީ އޭނަޔާ މީޓްކޮށްފަ، ޕުރޮޖެކްޓު އަލުން ފެށޭ ގޮތް ހަދަން. ލިޒްގެ ބޯއިފްރެންޑް އެކްސިޑެންޓެއްގަ މަރުވި ފަހުން ލިޒް މުޅިން އޯކޭއެއް ނޫން. އޭނަގެ ރޫމްގެ ފާރުގަ ވެސް ހުންނަނީ ބޯއިފްރެންޑާ ބެހޭ ގޮތުން އޭތިމީތި ލިޔެފަ. ޖޯން ބުނެގެން އަހަރެން ލިޒްއާ ވާހަކަ ދެއްކީ. އަހަރެން ދެއްކި ވާހަކަ އޭނަ އަޑުއެހި، ގަބޫލު ވެސް ކުރި. ނޭނގެ ކީއްވެގެން ކަމެއް. މިއަދު ކުއްލިއަކަށް އޭނަ ބޭނުންވެއްޖެ ފާރުގަ ހުރި ލިޔުންތައް ފުހެލަން. ކުލަ ވެސް ކުރީބައި އޭނަ ގަނެފަ ހުރީ. މަ ބޭނުމެއް ނުވި ޗާންސް ގެއްލުވާލާކަށް. އެ ކަމެއްގަ އުޅެނިކޮށް ހިބާ ގުޅީ. ހިޔެއް ނުކުރަން ވީޑިޔޯ ކޯލެއް ކުރާނެ ކަމަކަށް. އެހެންވެ ލިޒް ކައިރީގަ ބުނީ ފޯނު ނަގާފަ ބަލާށޭ ކާކުތޯ ގުޅަނީ."

ހިބާ ލޯ ހުޅުވައިލިއެވެ. އޭރު ވެސް ނާސިފު އިނީ ހިބާއަށް ބަލަހައްޓައިގެންނެވެ.

"ކީއްވެ ތިހާ ހައިރާން ވެގެން ތި ބަލަނީ؟" ނާސިފު އެހިއެވެ.

"ކީއްވެ ތިހާ ޑީޓެއިލްކޮށް އަހަންނަށް ތި ކިޔައިދިނީ؟" ހިބާ ބުންޏެވެ.

އަމިއްލަ ކޮޓަރިއަށް އައިސްފައި ނާސިފު ވެސް އެ ކަމާ ވިސްނިއެވެ. ނާސިފުގެ އެހައި ޒާތީ ވާހަކައެއް އެހައި ތަފުސީލުކޮށް ހިބާއަށް ކިޔައިދެވުނީ ކީއްވެގެން ހެއްޔެވެ؟ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ކޯޗެއް ސާބިތުކޮށްދޭން ހެއްޔެވެ؟ އިހަށް ދުވަހަކު "ފެނުނު" ކުއްޖެކެވެ. ކަމުދާ އެންމެ ސިފައެއް ވެސް އޭނަގެ ނެތެވެ. ކަމުނުދާ އެއް ހާސް ސިފަ ހުއްޓެވެ. ވެގެން މި އުޅެނީ ކިހިނެއް ހެއްޔެވެ؟ ނާސިފަށް ބަލައިލެވުނީ ކުރީ ރޭ ނެގުނު ސެލްފީއަށެވެ. ހިތްފުރެންދެން ހިބާއަށް ބެލިއެވެ. ހިބާގެ ދެލޮލުން ނާސިފަށް ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. ހިބާ ކައިރިވެލައިގެން ހުރި ގޮތާއި، ހިނިތުންވެލައިގެން ހުރި ގޮތުން ވެސް ނާސިފަށް ދޭހަވި ހަމަ އެކަނި މާނައަކީ އެއީއެވެ. އެއް ފަހަރު ވެސް ނާސިފު ރުހުން ދެނިކޮށް އެ ގުޅުމުގައި ސިއްކަ ޖެހޭނެކަން ނާސިފަށް ޔަގީނެވެ. އެހެނަސް ޖޮއޭން ކޮބައި ހެއްޔެވެ؟ ނާސިފުގެ ސުވާލަކީ އެއީއެވެ.

ނިދާފައި އޮތް ނާސިފު ގައިގައި މީހަކު ހިފައި ތަޅުވައިގަތުމުން ނާސިފުގެ ލޯހުޅުވުނެވެ. ފެންނަން ހުރީ ޖޮއޭންއެވެ. އޭނަ ހުރީ ނާސިފަށް ބަލަހައްޓައިގެން ވަރަށް ނުތަނަވަސް ވެފައެވެ. ފުންމައިގެން ތެދުވަން ނާސިފު އުޅުނު ވަގުތު ބަޔަކު މީހުން ނާސިފު ގައިގަ ހިފޭއްޓިއެވެ. އެ ކޮޓަރި ތެރޭގައި، ޖޮއޭންއާ ނުލައި ދެ މީހުން ތިއްބެވެ. މުޅީން ވެސް ޖޮއޭންގެ ހަށިފާރަވެރީންނެވެ. ވަރަށް ވަރުގަދަކޮށް ތިބި އަންހެނުންނެވެ. އެ މީހުން ހިފައްޓައިގެން ތިބިލެއް ބާރުކަމުން ނާސިފަށް ގުޑައި ވެސް ނުލެވުނެވެ.

"މާ ކުރިން ވެސް އަހަންނަށް އެނގޭ ޖޮއޭން އަންނާނެކަން،" އިނގިރޭސި ބަހުން ނާސިފު ބުންޏެވެ. "ދެން ނުދައްޗޭ! އަހަރެން ޖޮއޭން ބަލާނަމޭ!"

"ބަލާ މި އައީ." އެހެން ބުނެފައި ޖޮއޭން ހަރަކާތެއް ކޮށްލިއެވެ. "ހިނގާ ދަމާ!" އަރަބިން ދެން ބުނިހެން ހީވަނީ އެހެންނެވެ.

ދެ ފާރަވެރީން ނާސިފުގެ މުލައްދަނޑީގައި ހިފައި ހިއްލައިލި އިރު ހީވީ ވަރަށް ލުއި އިސްޕަންޖު ގޮދަޑިއެއް އެނދުމަތިން ނެގިހެންނެވެ.

"ކީއްކުރަން ތިހެން ތި ގެންދަނީ؟" ނާސިފު އެހިއެވެ. "އަހަރެން ރީތިކޮށް ހިނގައިދާނަމޭ!"

ނާސިފު ކޮޓަރިން ނެރެގެން ދަމާފައި ކަހަލަ ގޮތަކަށް ތިރިޔަށް ބޭލުވިއެވެ. އެ ހިސާބުން ނާސިފަށް ޖޮއޭން ގެއްލުނެވެ. ހީވަނީ އެއީ ރާވާފައިވާ ގޮތް ހެންނެވެ. ދެން ކަން ކުރަންވީ ގޮތް އެ މީހުންނަށް އެނގެއެވެ. ނާސިފު ހައިރާންވީ، ހޮޓަލުގެ އެއްވެސް މުވައްޒަފަކު ފެންނަން ނެތީމައެވެ. ނާސިފު ހިތަށް އެރިއެވެ. އެންމެން ހޭނައްތައިފައި ފޮރުވީ ހެއްޔެވެ؟ އެހެން ހެދިޔަސް ނާސިފު ހައިރާނެއް ނުވާނެއެވެ. ނިދާ ހެދުމާއި، ހުސްފައިގައި ހުރި ނާސިފު އެރުވީ ކާރަކަށެވެ. ގަޑިން ވީ އިރެއް ވެސް ނާސިފަކަށް ބަލައެއް ނުލެވުނެވެ. ފުރޮޅު ކަހާފައި ކާރު ދުއްވައިލިއެވެ. ދެ ފަރާތުގައި ތިބި ދެ ފާރަވެރިންނަކީ ދެ "ރޮބޮޓުކަން" ނާސިފަށް އެނގެއެވެ. ވާހަކަ ދެއްކިޔަސް ޖަވާބު ނުދޭނެ ކަމާއި ނާސިފު ބޭނުންވާ މައުލޫމާތު އެ މީހުންނަށް ނުވެސް އެނގޭނެކަން ނާސިފަށް ވިސްނެއެވެ. އެހެންވިޔަސް، ވާ ގޮތް ބަލައިލަން ނާސިފުގެ ހިތް އެދެން ފެށިއެވެ.

"އަހަރެން ކޮން ތާކަށް ތި ގެންދަނީ؟" ނާސިފު ސުވާލުކުރިއެވެ.

"އުނދަގޫ ނުފޯރާ ހިސާބަކަށް." އެކަކު ބުންޏެވެ.

"އޭނ؟" ނާސިފު އެހިއެވެ. "އުނދަގުލޭ؟ އަހަރެންގެ ކޮޓަރީގައި ނިދާފަ އޮއްވާ ކަލޭމެނެއްނު އައިސް އުނދަގޫ ތި ކުރަނީ. ކޮބާ ޖޮއޭން؟"

"ތިއޭ އުނދަގުލަކީ،" އަނެކަކު ބުންޏެވެ. "ކަލެއަކަށް ނުވިސްނޭތަ އެއީ ކާކު ކަމެއް؟ ނުގުޅާށޭ ބުނީމަ ވެސް އިރުއިރުކޮޅާ މެސެޖު ފޮނުވާ، ފޯނުކޮށް ތި ހަދަނީ ގައުމެއްގެ ރަސްކަލެއްގެ އަނބިމީހާއަށޭ!"

ނާސިފު ހިތަށް އެރިއެވެ. ޖޮއޭން އަދިވެސް ވަރިއެއް ނުކުރޭ ހެއްޔެވެ؟ އެހެން އަހަން އުޅެފައި ނާސިފު ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"ތި ވަރަށް އެނގިފަ އޮތިއްޔާ ދެން މި ބައި ވެސް ޖެހޭނެ އެނގެން،" ނާސިފު ބުންޏެވެ.

"ޖެއްސުން ކުރާކަށް ނޫނޭ އަހަރެން ގުޅަނީ. އަހަރެން ލޯބިވާ ވަރަށް އަހަރެން ދެކެ އޭނަ ވެސް ލޯބިވޭ!"

"ހުސް ދޮގު." އޭނަ ބުންޏެވެ.

"ބަލަ އެހެންވެއެއްނު އެހާ ދުރުގަ ހުރެފަ އަހަރެން ކައިރިއަށް އޭނަ އެ އައީ،" ނާސިފު ހަނދާން ކޮށްދިނެވެ.

"އެ ވަރު ނޭނގޭ ކުޑަކުއްޖެއްތަ ތީ؟ ކަލޭމެނަކަށް ނޭނގޭ ޖޮއޭން ވަރިކޮށްފިކަމެއް ވެސް."

"ކަލެއަށް އެނގޭ އެއްޗެހި މާ ގިނަވުން ހުރިހާ ވެސް މައްސަލައަކީ." އޭނަ ބުނެލިއެވެ.

އެ ތަނުން ކޮންމެވެސް އެކަކު އަތުގައި އޮތް ޓޯކީއަކުން ނާސިފަށް ބިރުވެރި ސުވާލެއް އަޑުއިވުނެވެ.

"އެ ކަން ނިންމާލެވިއްޖެ؟" އެ ސުވާލުކުރި މީހާގެ އަޑު ޖޮއޭންގެ އަޑާ ވަރަށް ވައްތަރެވެ.

"ބަޔަކު ފާރަލާތީ އަދި ހަމަ މި ދުއްވަނީ." ނާސިފު ކައިރީގައި އިން މީހާ އިނގިރޭސިން ބުންޏެވެ.

އެ ވަގުތު ކާރުގެ ލޯގަނޑުން ނާސިފަށް ފެނުނީ ޕޮލިސް ކާރުތަކެކެވެ. ކިތައް ކާރު ކަމެއް ސީދާ ބުނާކަށް ނޭނގެއެވެ. ކާރު މަތީގައި ހުރި ކުލަކުލައިގެ އަލިތައް ނިވިދިއްލަމުން، ނިކަން ކުޅަދާނަކަމާ އެކުގައި ކައިރިވަމުން އަންނަނިކޮށް އެއް ކާރު ކޮންޓުރޯލުން ނައްޓައިލިއެވެ. ކައިރީގައި ހުރި ތަނބު ބުރިއެއްގައި ޖެހިފައި އެ ކާރު ބުރު އަޅަމުން އެރީ މައްޗަށެވެ. ނާސިފު ހިތަށްއެރިއެވެ. އެ ހުރިހައި މަންޒަރެއް ކާރެއްގެ ލޯގަނޑުން ފެންނަ އިރު، އެހައި ފުރިހަމަކޮށް ނާސިފަށް ފެންނަނީ ކިހިނެއް ހެއްޔެވެ؟ ހީވަނީ ހަމަ ފިލްމެއް ފެންނަ ހެންނެވެ. ކުއްލިއަކަށް ނާސިފުގެ ކާރަށް ހައެއްކަ ވަޒަން އެރިއެވެ.

"ތިރިވޭ!" ކައިރީގައި ތިބި ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް، އިނގިރޭސިން ހަޅޭއްލަވައިގަތެވެ.

ވަޒަންތައް އެރީ ކޮން ތަނަކަށްކަން، އެ އަނދިރީގައި ނޭނގުނު ނަމަވެސް، ނާސިފުގެ ކަންފަތް ކައިރިން ވައިކަފައިފައި ވެސް ކޮންމެވެސް އެއްޗެއް ދިޔައެވެ. އެއާ އެކު ނާސިފު ގައިގަ އެކަކު ލައްގަތެވެ. ދެން އޭނަ ހަރަކާތެއް ނުކުރެއެވެ. ސަލާމަތުން ހުރި މީހާ ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ޖީބުން ކުޑަ އެއްޗެއް ނެގިއެވެ. އޭގައިވާ ސުވިޗަށް އޭނަ ފިތައިލަން އުޅޭ ކަހަލައެވެ. ބޭނުމަކީ ކޮބައިކަމެއް ނާސިފަކަށް ނޭނގެއެވެ. ކުއްލިއަކަށް ގަދަފަދަ އަޑެއްއިވިފައި ކާރު ހޫރިގަތެވެ. ހީވަނީ ފަހަތުން ކާރުގައި އެއްޗެއް ޖެއްސީހެންނެވެ. ހެލިކޮޕުޓަރެއްގެ އަޑު ވެސް ކައިރިވަމުން އައެވެ. ކާރު ހުއްޓިއެވެ. އަޑު މަޑުވިއެވެ. ވަޒަނެއް އެރި އަޑާ އެކު އިންޖީނު ހުއްޓުނެވެ. އެއީ ވަރަށް ހަމަހިމޭން ދަނޑިވަޅެކެވެ.

"ރެޑީ!" ޑުރައިވަރު ބުނި އަޑުއިވުނެވެ. "ތްރީ.. ޓޫ.. ވަން!" (ނުނިމޭ)