Roadha Mihaaru

ޣައްޒާއަށް ދާން އުޅުނު 200 އަށްވުރެ ގިނަ އެކްޓިވިސްޓުން މިސްރުން ހިފަހައްޓައިފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށްޖައްސާފައި އޮންނަ މައްސަލައާ ދެކޮޅުހެދުމަށް އެކި ގައުމުތަކުގެ އެތައް ސަތޭކަ އެކްޓިވިސްޓުންނެއް ޣައްޒާއަށް ވަންނަން ކުރާ މަސައްކަތުގައި ބައިވެރިވާ 200 އަށް ވުރެ ގިނަ މީހުން މިސްރުން ހިފަހައްޓައިފި އެވެ.

ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށްޖައްސާފައި އޮންނަ މައްސަލައާ ދެކޮޅުހެދުމަށް އެކި ގައުމުތަކުގެ އެތައް ސަތޭކަ އެކްޓިވިސްޓުންނެއް ޣައްޒާއަށް ވަންނަން ކުރާ މަސައްކަތުގައި ބައިވެރިވާ 200 އަށް ވުރެ ގިނަ މީހުން މިސްރުން ހިފަހައްޓައިފި އެވެ.

ޣައްޒާއަށް މާދަމާ ރަފަހް ބޯޑަރު ހުރަސްކޮށް މިސްރު މަގުން ވަންނަން މަސައްކަތްކުރާ ގާފިލާގެ ކަންކަން އިންތިޒާމްކުރާ ފަރާތުން އޭއެފްޕީ އަށް ބުނި ގޮތުގައި މީހުން ހައްޔަރުކުރީ ގާހިރާގެ އެއާޕޯޓުންނެވެ.

"200 އަށް ވުރެ ގިނަ އެކްޓިވިސްޓުން ގާހިރާގެ އެއާޕޯޓުން ހިފަހައްޓައި ނުވަތަ އެ މީހުންގެ ހޮޓާތަކުގައި ތިއްބާ ގޮސް ވަނީ ސުވާލުކޮށްފައި،" ހިނގާލުމުގެ ކަންކަން އިންތިޒާމްކުރާ މީހުންގެ ތަރުޖަމާނު ސައިފް އަބޫކެޝެކް ބުންޏެވެ.

އޭނާ ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި. އެމެރިކާ، އޮސްޓްރޭލިއާ، ނެދަލެންޑްސް، ފްރާންސް، ސްޕެއިން، މޮރޮކޯ އަދި އަލްޖީރިއާ މީހުން ހިމެނޭ ކަމަށެވެ.

ސައިފް ބުނީ ކުލަ ހެދުމުގައި ތިބި ފުލުހުން ލިސްޓުތަކެއް ހިފައިގެން ހޮޓާތަކަށް ގޮސް މީހުން ހޯދައި ސުވާލުކޮށް ފޯނުތައް ވެސް އަތުލާފައިވާ ކަމަށެވެ.

"ސުވާލުކުރުމަށް ފަހު ބައެއް މީހުން ހައްޔަރުކޮށް އަދި އަނެއްބަޔަކު ދޫކޮށްލި،" އޭނާ ބުންޏެވެ.

ބައެއް އެކްޓިވިސްޓުން ބުނި ގޮތުގައި އެތައް ބައިވަރު މީހުން ހޮޓަލުގެ އެއް ކޮޓަރިއަށް ވައްދައި އެތައް ގަޑިއިރެއް ވަންދެން ބައިތިއްބައި، ސުވާލުކުރި އެވެ.

ކަނޑުމަގުން ފަލަސްތީނުގެ ޣައްޒާއަށް ދިޔަ އެކްޓިިވިސްޓުންގެ އެހީގެ އުޅަނދު ހުއްޓުވާފައި ވަނިކޮށް އެއްގަމު މަގުން އެތައް ސަތޭކަ އެކްޓިވިސްޓުންނަކާ އެކު ދަތުރު ފެށީ މިދިޔަ ހޯމަ ދުވަހު ތޫނިސް އިންނެވެ. "ޞަމޫދު" ނުވަތަ ސާބިތުކަމުގެ ގާފިލާގެ ހޯމަ ދުވަހު ތޫނިސް އިން ބަސްތަކާއި ކާރުތަކުގައި ދަތުރު ފަށައި އިއްޔެ ލީބިޔާއަށް ވަނުމާ އެކު އިޒްރޭލުން ވަނީ މިސްރާ ހިސާބުން އެކްޓިވިސްޓުން ހުއްޓުވަން މިސްރަށް ގޮވާލައިފަ އެވެ.

މި ގާފިލާގައި ތިބީ "ހަޅުތާލުކުރާ ޖިހާދީން" ކަމަށް ސިފަކޮށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރުގެ ބަޔާނުގައި ބުނީ އެ މީހުން ޣައްޒާއަށް ވަންނަން މަސައްކަތްކޮށްފި ނަމަ އިޒްރޭލު ސިފައިންނަށް ނުރައްކާވާނެ ކަމަށެވެ. އެހެންވެ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުންޏެވެ.

ޞަމޫދު ގާފިލާ އިންތިޒާމްކުރާ މީހުން ބުނީ 12 ވަރަކަށް ބަހާއި އެކި ބާވަތުގެ 100 ވަރަކަށް ވެހިކަލް ގާފިލާގައި ހިމެނޭއިރު ބައިވެރިންގެ އަދަދު 4،000 އިން މަތިވާނެ ކަމަށެވެ. އަދި ދަތުރު ކުރިއަށްދާ ވަރަކަށް ގާފިލާގެ ބައިވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ބުންޏެވެ.