Roadha Mihaaru

އެމެރިކާއިން ވެސް އީރާނަށް ބޮން އަޅައިފި، އިތުރު ހަމަލާތަކުގެ އިންޒާރު

އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވެސް އެންމެ ފަހުން ވަދެ، އީރާނުގެ ނިއުކްލިޔާ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ރޭ ބޮން އަޅައިފި އެވެ.

އިޒްރޭލާ ގުޅި އެމެރިކާއިން ވެސް އީރާނަށް ބޮން އަޅައިފި

އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވެސް އެންމެ ފަހުން ވަދެ، އީރާނުގެ ނިއުކްލިޔާ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ރޭ ބޮން އަޅައިފި އެވެ.

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔާ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން މަރުކަޒަށް އެމެރިކާ އިން ހަމަލާދީފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރި ކުރައްވައި، އިއުލާނު ކުރައްވައިފަ އެވެ.

އޭގެ ފަހުން، ގައުމާ މުހާތަބު ކުރައްވައި ޓްރަމްޕް ވަނީ، އީރާނުގެ އެ ތިން ނިއުކްލިޔާ މަރުކަޒު، އެކީގައި ސުންނާފަތިކޮށްލެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ސުލްހަ ގާއިމުކުރަން އީރާނުން ދެކޮޅު ހަދައި ނަމަ މިދިޔަ 8 ދުވަހު އީރާނާ ކުރިމަތިލާން ޖެހުނު އުނދަގޫތައް އެތައް ގުނައަކުން އިތުރު ވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ.

"ހަމަލާތައް ދޭނެ އިތުރު ތަންތަން ހުރިކަން ހަނދާން ކުރާތި،" އެމެރިކާއިން އީރާނަށް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރާ އެކު ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ މި ހަމަލާތަކުގައި އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އެމެރިކާގެ މި ހަމަލާތަކުގައި ނިއުކްލިޔާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ނަމަވެސް، އެ ގައުމުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާއިން ވަނީ، އެމެރިކާގެ ހަމަލާތަކާ އެކު ވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އެމެރިކާއިން އީރާނަށް ބޮން އަޅާފައި ވަނީ، އީރާނަށް އެމެރިކާ އިން ވެސް ހަމަލާ ދޭން ފެށުމާ މެދު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓްރަމްޕް ގޮތެއް ނިންމަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފައިވަނިކޮށެވެ.

އިޒްރޭލާ ބައިއަތު ހިފައި، އެމެރިކާ އިން ވެސް ހަމަލާދޭން ފަށައިފި ނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ މީގެކުރިން ދީފަ އެވެ.