Roadha Mihaaru

ޔުމްނު ވެއްޓުނު މައްސަލާގައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން ރައީސް އަންގަވައިފި

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ތަންފީޒުކުރަން އަންގައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

23 ޖޫން 2025

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރުމަށް ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއަށް އެ މަނިކުފާނު މިއަދު އަންގަވާފައިވާ ކަމަށެވެ.

އެކަން ބަޔާންކުރައްވާ ރައީސް ހޯމް މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ؛

- ޔުމްނު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައި ވަނީ ގަޑިއެއްހާއިރު ފަހުން ކަމަށް ވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން.

- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައިނުވާކަން.

- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރި އިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާ ކަމަށާއި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން.

- މައްސަލައިގައި އެންމެ މުހިންމު އެއްތަން ކަމަށްވާ ޔުމްނު އޮތް މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކޮށްފައިނުވާ ކަމާއި ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި ކުށުގެ ވެށި ރައްކާތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.

އެހެންވެ، ކޮމިޝަންގެ ރިޕޯޓުގައިި ފުލުހުންނާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރުވިޔަނުދިނުމަށް ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާ މެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އެންގެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި މައްސަލާގައި ތުހުމަތުވާ ރައުދު އަހްމަދު ޒިލާލް މި ހާދިސާ ހިނގި ދުވަހުގެ ހެނދުނު ހ. މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ދާއޫދު އަހްމަދު ތިރިޔަށް ފޭބި ކަމަށް ހެކީންގެ ހެކިބަހުން އެނގޭތީ އާއި މި މައްސަލައިގެ ތަހުގީގަށް ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ބަޔާންކޮށްފައި ވާތީ، އެ މައްސަލަ ވެސް ބަލަން ހޯމް މިނިސްޓްރީއަށް ރައީސް ވަނީ އަންގަވައިފަ އެވެ.

ޔުމްނު، މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި ގިނައިރު އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެން ވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި އެ ދުވަހު ހެނދުނު މާއިރާއިން ރައުދުއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމަށް ކޮމިޝަނަށް ފެންނާތީ އެކަން ބެލުމަށް ވެސް ރައީސް މުއިއްޒު ވަނީ ހޯމް މިނިސްޓްރީއަށް އަންގައިފަ އެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން ދާއޫދު ވަނީ މި މަހުގެ 19 ވަނަ ދުވަހު މަގާމުން ވަކިކޮށްފަ އެވެ. ޔުމްނު ވެއްޓުނު ހާދިސާ އަށް ފަހު، އެހާ ހިސާބަށް އޭނާ ހުރީ އެ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.

ދާއޫދަކީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ވެސް މެ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ އެކު، ދާއޫދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން އޭޕްރީލް 24 ގައި ރައީސް މުއިއްޒު އެ ކޮމިޓީން ދާއޫދު ވަކިކުރެއްވި އެވެ.

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި، ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ގުޅިގެން ރައީސް، ހެލްތު މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި، އެ މިނިސްޓްރީގެ ދަށުން ހިންގާ އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އިން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ؛

- ޔުމްނަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް އައިޖީއެމްއެޗްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީ.ޔޫ) އިން އެ ހޮސްޕިޓަލުގެ އެފްޕީޔޫއަށް އެންގުމަށް ފަހު، އެފްޕީޔޫގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލާފައިވޭ. އެއީ އެ ޔުނިޓުގެ އެސްއޯޕީގައި އެތަނުގެ މުވައްޒަފު އަމަލުކުރަން ޖެހޭ ގޮތްކަމުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފު އަމަލެއްކަން އެނގޭތީ އާއި އެފްޕީޔޫގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ އާއިލާއިން އެދިއްޖެ ނަމަ، އެފްޕީޔޫގެ މުވައްޒަފުންގެ ބަހަކާ ނުލައި ވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ބުނެފައި ވާތީ އެ މައްސަލަ ބެލުން.

- އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއަށް ގެންދިއުމުން ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއް ކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި އަނިޔާތައް ދެނެގަންނަން ޖެހޭ. އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯ ނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައިވާ ކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށް ވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ ހުރިހާ ސާމްޕަލްތައް ނަގަން ޖެހޭ. ހެއްކާއި ގަރީނާ ނުގެއްލޭ ގޮތަށް އެ މައުލޫމާތު އެއްކުރެވި ރައްކާކުރެވެންވާނެ ކަމާއި އެކަން ކުރުމުގައި އައިޖީއެމްއެޗްގެ އެފްޕީޔޫއިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ބުނެފައި ވާތީ، އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅުން.

ޔުމްނުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާންމުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.