ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން މިރޭ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
23 ޖޫން 2025
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން މިރޭ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށްޓަކައި ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ދެ އަހަރު ފަހުން އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ވަނީ އެ މަނިކުފާނުގެ "ސްޓައިލް" ގައި ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެ ޖަލްސާ ބޭއްވީ ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށެވެ. ފޯރިގަދަ އެ ޖަލްސާގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ކުރީގެ މެމްބަރުން ކަަމަށްވާ އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބާއި އިމްތިޔާޒު ފަހުމީ އާއި ހަސަން ލަތީފު އަދި މުހައްމަދު ޝިފާޒު ހިމެނެ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން އެ މަނިކުފާނު ޕޯޑިއަމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ.
ޕާޓީން އިސްތިއުފާ ދެއްވައި ޖޫން 21، 2023 ގައި އެމްޑީޕީއަށް އޭރު ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ގޮތުން ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" ކަމަށެވެ.
އޭގެ ފަހުން ނަޝީދު އިސްވެހުންނަވާ ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު، ޑިމޮކްރެޓްސް ޕާޓީއަށް އެމަނިކުފާނު ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ. އެ ޖަލްސާގައި އެމަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.
ނަމަވެސް، މި މަހުގެ 16 ވަނަ ދުވަހު ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައި، އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފަ އެވެ.
ނަޝީދާއި އިބޫ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދު އާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ފައްޔާޒު
އެމްޑީޕީން ޑިމޮކްރެޓްސްގެ ނިންމުމަށް މަރުހަބާ ކިޔައިފި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން
އިންތިހާބުގެ ކުރިން ދަ ޑިމޮކްރެޓްސް އުފައްދާނެ:އަފްޝަން
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ
ރަނިން މޭޓު ނުދެއްކި ލަސްވަނީ!