Roadha Mihaaru
ރަނިން މޭޓު ނުދެއްކި ލަސްވަނީ!

ރަނިން މޭޓު ނުދެއްކި ލަސްވަނީ!

03 ޖުލައި 2018

ސިޔާސީ ގޮތުން ކިތަންމެހާ ވެސް އުނދަގޫ، ބޮޑެތި ބަދަލުތަކެކެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލެއްވުމެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ހަމަޖެއްސުމެވެ. އެއާއެކު، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ކަނޑައަޅަން ފުރުސަތު ދިނުމެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސިޔާސީ މިސްރާބު ބަދަލުކޮށްލީ، ޚިޔާލުތަފާތުވެ ކޯލިޝަން ރޫޅޭ ހިސާބުގައި އޮއްވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ގޮތުން ކިތަންމެހާ ވެސް އުނދަގޫ، ބޮޑެތި ބަދަލުތަކެކެވެ؛ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލެއްވުމެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނެރެން ހަމަޖެއްސުމެވެ. އެއާއެކު، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ކަނޑައަޅަން ފުރުސަތު ދިނުމެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސިޔާސީ މިސްރާބު ބަދަލުކޮށްލީ، ޚިޔާލުތަފާތުވެ ކޯލިޝަން ރޫޅޭ ހިސާބުގައި އޮއްވަ އެވެ.

ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުގެ އެއްބައިވަންތަކަމާއި ހަމަޖެހުން ގާއިމްކުރުން މިހާރު އޮތީ ޖުމްހޫރީ ޕާޓީގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. އިބޫއާ އެކު އިންތިޚާބުގައި ވާދަކުރާނެ ރަނިން މޭޓަކު ދެއްކުމެވެ. އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް "ހުއްޓިފައި" މިހާރު މިއޮތީ، އެ ނިންމުމަށެވެ. އެކަމަކު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ނަޒަރުގައި، ރަނިން މޭޓަކު ކަނޑައެޅުމުގައި، ޖުމްހޫރީ ޕާޓީ "ތާށިވެއްޖެ" އެވެ.

އެއީ، ސިޔާސީ ގޮތުން ބަލާއިރު، އޭގެ ނޭދެވޭ އަސަރު މުޅި ކޯލިޝަނަށް ވެސް ކުރާނެ ކަމެކެވެ. ކޯލިޝަންގެ ކެންޑިޑޭޓަކު ކަނޑަނޭޅި ދިގުލައިގެން ދިއުމުން އުފެދުނު ހަމަނުޖެހުންތައް ވެސް މުޅިއަކުން އަދި ހައްލެއް ނުވެ އެވެ.

އެއް ކެންޑިޑޭޓަކު ކަނޑަނޭޅި ލަސްވުމުގެ ހުރިހާ ތުހުމަތެއް، ޖުމްހޫރީ ޕާޓީން އެޅުވީ، 13 އަހަރުގެ ޖަލު ހުކުމަކާ ހެދި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާ ނަޝީދުގެ އިސްތަށިފުޅުގަ އެވެ. އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަން އެނގިވަޑައިގަންނަވާއިރު އެމަނިކުފާނު ދޫ ނުދެއްވުމެވެ. އިންތިހާ އަށް ފާޑުކިއުން ވެސް އަމާޒުކުރި އެވެ.

ނަޝީދާއި އިބޫ އެކުގައި: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ނެރެން ހަމަޖެއްސީ ނަޝީދަށް ވާދަކުރއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން. --ފޮޓޯ/ސޯޝަލްމީޑިއާ

ނަޝީދާއި އިބޫ އެކުގައި: އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ނެރެން ހަމަޖެއްސީ ނަޝީދަށް ވާދަކުރއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން. --ފޮޓޯ/ސޯޝަލްމީޑިއާ

ރިޔާސީ ކެންޑިޑޭޓު ކަން ދޫކޮށްލެއްވުމަކީ، ސިޔާސީ ހަޔާތްޕުޅުގައި ނަޝީދަށް އުނދަގޫ ނިންމެވުމެކެވެ. އެހެންވިޔަސް ފަހަތަށް ފިޔަވަޅެއް އަޅުއްވައި، ރިޔާސީ ރޭހުން އެއްކައިރިއަށް ޖެހިވަޑައިގަތީ އެވެ. ބޭއިންސާފުގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެވަޑައިގަތީ، އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، ގައުމާއި ރައްޔިތުންގެ ހައްގުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ އެވެ.

އިންތިޚާބަށް، އިދިކޮޅު ޕާޓީތަކުން ނުކުންނާނީ އެކުގައި ކަމަށް ބުނާ ވާހަކައިގެ މަންޒަރު މުޅިން ސާފުވާނީ، ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ދެއްކުމުންނެވެ. އެއީ، މިހާރު އޮތް ހާލަތުން ޖުމްހޫރީ ޕާޓީ އަށް ވެސް އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް، ރަނިން މޭޓަކު ކަނޑައެޅުމުގައި، ސިޔާސީ ގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، މީގެ ކުރިން ތަޖުރިބާކުރައްވަން ޖެހިވަޑައިގަތް ކަންކަމަށް ވިސްނަވާނެ އެވެ. ރަނިން މޭޓު އިއުލާން ކުރުން ލަސްވަނީ އެ ސަބަބުތަކާ ހެދި ކަމަށް ވުން ވެސް އެކަށީގެންވެ އެވެ.

ރަނިން މޭޓު، ގާސިމްގެ ހޮވުމެއްތަ؟

މިވަގުތު އެންމެ ބޮޑު ބަހުސެވެ؛ ޖުމްހޫރީ ޕާޓީން ރަނިން މޭޓަކަށް ނަގާނީ ކޮން ބޭފުޅެއް ހެއްޔެވެ؟

ސިޔާސީ ގޮތުން ނުފޫޒު ގަދަ އަދި އިންތިޚާބުތައް ކާމިޔާބުކޮށްދިނުމުގެ ރެކޯޑު އޮތް އެ ޕާޓީގައި ރާއްޖޭގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ވެސް ގާބިލް، ތައުލީމީ، ސިޔާސީ ތަޖުރިބާ ހުރި އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ ބޭފުޅުން އެބަތިއްބެވި އެވެ.

އިބޫގެ ރަނިން މޭޓަކަށް ވެވަޑައިގަތުމަށް އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއްގެ ޝައުގުވެރިކަން ހުރިއިރު، އެ މަގާމަށް އެންމެ ކަމުދާ ބޭފުޅުންގެ ނަންތައް ވެސް ވަނީ އާއްމުވެފަ އެވެ.

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އޭގެ ތެރޭގައި ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އާއި ޑެޕިއުޓީ ލީޑަރުންގެ ގޮތގައި ތިއްބެވި ޑރ. ހުސެއިން ރަޝީދު ހަސަން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފަޔާޒް އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހިމެނެ އެވެ.

ރަނިންމޭޓްގެ މަގާމަށް, ދެން ކުއްލިއަކަށް ޖޭޕީގެ ބައެއް މީހުން ދޮންކުރަން ފެށީ, ސިޔާސީ ދާއިރާއިން މީގެ ކުރިން ފެނިފައިނުވާ ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) އެވެ.

އެހާ ހިސާބުން ރަނިން މޭޓަކަށް ބޭފުޅަކު އައްޔަންކުރާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ކައުންސިލްގެ ވޯޓަކުން ނުވަތަ ގާސިމް ބޭނުންވާ މީހަކު ދައްކާނީ ހެއްޔެވެ؟

ޖުމްހޫރީ ޕާޓީގެ އަސާސީގެ ގަވާއިދުގައި އޮންނަ ގޮތުން، ރަނިން މޭޓަކަށް ބޭފުޅަކު ކަނޑައަޅާނީ އެކަމަށް ހުޅުވާލައި، ކުރިމަތިލާ ބޭފުޅުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޖޭޕީގެ ކައުންސިލްގައި 37 މެމްބަރުން ތިއްބަވާއިރު، އެ މަގާމަށް ހޮވޭނީ އެންމެ މަތިން ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

މިއީ، އަސާސީ ގަވާއިދުގައި ލިއެފައި އޮތް ގޮތް ނަމަވެސް ރަނިން މޭޓަކު ކަނޑައެޅުން ސީދާ ގާސިމްގެ ބެއްލެވުމުގެ ދަށުން ވެސް ކުރިއަށް ގެންގޮސްފާނެ އެވެ. އެއީ، ރަނިން މޭޓަކަށް ހަމަޖައްސަން ގާސިމް ބޭނުންފުޅުވާ ބޭފުޅަކަށް ކައުންސިލްގެ ގިނަ މެމްބަރުން ވޯޓު ދެއްވުން ނުވަތަ ކައުންސިލަށް ނަމެއް، ގާސިމް ހުށަހެޅުއްވުމެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައެއް މަގާމްތަކަށް މީހުން އައްޔަންކުރިއިރު، މި އުސޫލުން ކަން ހިނގާފައިވެ އެވެ. އެހެންކަމުން، ބޮޑަށް ބެލެވޭ ގޮތުގައި ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީން ދައްކާނީ ގާސިމްގެ ރުހުމާއި ސިޔާސީ ގޮތުން އޭނާ އަށް "ބޭވަފާތެރިނުވާނެ" ފަދަ އިތުބާރު އޮތް ބޭފުޅެކެވެ.

ރަނިން މޭޓު ދެއްކުން ލަސްވަމުންދާ ކަމަށް ގަބޫލުކުރާ ބަޔަކު އެބަތިއްބެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

ގާސިމަށް ވަރުގަދަ "ހުށަހެޅުންތަކެއް"؟

ސިޔާސީ ގޮތުން މިވަގުތު އިދިކޮޅު ކޯލިޝަނަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ގާސިމްގެ ވިސްނުން "އެހެން ގޮތަކަށް" ބަދަލުވެދާނެ ކަމުގެ ބިރެވެ. ރަނިން މޭޓަކު ދެއްކުމުގައި ލަސްވެއްޖެ ކަމަށް ހީކޮށް، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންގެ ޖަޒުބާތުތައް ބަންޑުންކޮށްލަނީ ވެސް އެހެންވެ އެވެ.

"އެމްޑީޕީން ފަހަތަށް ޖެހުނީމަ، ހަގީގަތުގައި ޖޭޕީން ވެސް ލަސްކުރުމުގެ ބޭނުމެއް ނެތް. ރަނިން މޭޓު ދައްކައި ކެމްޕޭން ވެސް ފަށަންވީ. މީގައި އޮތީ ޚިޔާލުތަފާތުވެ، ގާސިމްގެ މިސްރާބު ބަދަލުވެދާނެ ކަމުގެ ބިރު. އެހެންވެއްޖެ ނަމަ އެއީ ކޯލިޝަނަށް ލިބޭނެ ބޮޑު ދެރައެއް،" އިދިކޮޅު ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު، ނަން ނުޖަހަން އެދިވަަޑައިގަންނަވަމުން, ވިދާޅުވި އެވެ.

ގާސިމް އާއި ރައީސް ޔާމީން އެކުގައި. --ފޮޓޯ/ރައީސް އޮފީސް

ގާސިމް އާއި ރައީސް ޔާމީން އެކުގައި. --ފޮޓޯ/ރައީސް އޮފީސް

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރަން ވެރިކަން ކުރާ ޕީޕީއެމުން ގާސިމަށް ހުށަހެޅުންތަކެއް ހުށަހަޅާނެ އެވެ. ޝަރުތަކާ ނުލައި، ރައީސް ޔާމީނާ ގުޅިވަޑައިގަތުމަށް ޕީޕީއެމުން ދިން ދައުވަތަކީ ވެސް އޭގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކުރަން ޕީޕީއެމުން ބޭނުންވޭ. އެހެންވެއްޖިއްޔާ، ގާސިމް ރުއްސަން ކޮންމެ ފަދަ ބޮޑު ގުރުބާނީއެއް ވާން ވެސް ސަރުކާރު ފަހަތަކަށް ނުޖެހޭނެ. އެކަންކަން އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ގާސިމާއި އޭނާގެ އާއިލާ އަށް ކުރިމަތިކޮށްފައިވާ ހިތްދަތި ހާލަތު ބަދަލުކޮށް، ގާނޫނުތަކަށް ގެންނާނެ އިސްލާހުތަކަކުން ސިޔާސީ ބާރުވެރިކަން ފަހިކޮށް، ވިޔަފާރީގެ ފިއްތުންތައް ނައްތާލައިފި ނަމަ ގާސިމްގެ ވިސްނުން ބަދަލުވެދާނެ ހެއްޔެވެ؟ ބަޔަކަށް އެހެން ހީވިއަސް، އިދިކޮޅު ކޯލިޝަންގެ މަގުސަދާ ގުޅޭ ގޮތުން ގާސިމް މިހާތަނަށް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާ ހުންނެވީ އެއްވެސް ކަމެއްގައި ރައީސް ޔާމީނަށް ދޫދެއްވަން ތައްޔާރަކަށް ނޫނެވެ. އޭނާ އިސްކުރައްވާނީ ގައުމާއި ރައްޔިތުންގެ ހަމަޖެހުން ކަމަށް ގާސިމް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެއީ އަދި ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޫނެވެ.

އެކަމަކު، އެމްޑީޕީ އަށް ގާސިމްގެ އިތުބާރު ކުރާނެތޯ، މިއީ ސުވާލެކެވެ.

އެމްޑީޕީގެ ވިސްނުން ހުރީ، ރިޔާސީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީން ރަނިން މޭޓަކު ނެރެ، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވާލުމަށެވެ. އެ ސަރުކާރުގައި ޖޭޕީގެ ނައިބު ރައީސަކު ހުރި ނަމަވެސް، ނައިބު ރައީސުންނާ ދޭތެރޭގައި ތާރީޚު ބުނެދީފައި ވަނީ އެހެން ވާހަކަތަކެކެވެ؛ ސަރުކާރުގައި ނައިބު ރައީސްގެ މާ ބޮޑު ބާރެއް، ނޯވެ އެވެ.

އަނެއްކޮޅުން، އިބޫ އަށް ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ނަޝީދު ނިންމެވީ، އެންމެ ފަހު ވަގުތު ވެސް ވާދަކުރެއްވޭ ނަމަ، ދޫދެއްވާނެ ގޮތަކަށް ނޫނެވެ. ކިތަންމެ ހަނި ފުރުސަތެއް ލިބިވަޑައިގަތް ނަމަވެސް ނަޝީދު އިންތިޚާބުގައި ވާދަކުރައްވާނެ ކަަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

އެހެންކަމުން، ޖޭޕީގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިޚާބުވެގެން އޮތް ފައިދާ އަކީ ކޮބައި ހެއްޔެވެ؟ އެމްޑީޕީން ބޭނުން ގޮތަކަށް އަމަލުނުކުރާނެ ކަމުގެ ޔަގީންކަމަކީ ކޮބައި ހެއްޔެވެ؟ މިއީ، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ހިތުގައި އުފެދޭ އުދާސްތަކެކެވެ.

ރަނިން މޭޓަކު ކަނޑައަޅާއިރު، މިއީ ހައްތަހާ ވެސް ގާސިމާއި ޖުމްހޫރީ ޕާޓީން ވިސްނާނެ ކަންކަމެވެ. ނަމަވެސް ނަޝީދު މި ހާލަތުގައި ދޫދެއްވި ގޮތަށް، ޖޭޕީން ވެސް އަވަހަށް އެ ޕާޓީގެ ހޮވުން މި އޮތީ ދައްކަން ޖެހިފަ އެވެ. ނަޝީދު ނެރުއްވީ އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ނޫނެވެ.

ސިޔާސީ މަސްރަހަށް މިހާރު ބޭނުން ވަނީ ޖޭޕީގެ ރަނިން މޭޓް ދެއްކުމެވެ. އެ ނިންމުން ލަސްވާ ކޮންމެ ދުވަހަކީ ކޯލިޝަންގެ ޚިޔާލުތަފާތުވުންތައް ބޮޑުކުރަން ޖާގަ ދެވޭ ދުވަހެކެވެ. އެހެންކަމުން މިއީ، ޖުމްހޫރީ ޕާޓީން އަވަހަށް ގޮތެއް ނިންމަންވީ ވަގުތު ކަމަށް ކޯލިޝަންގެ ބައިވެރިން ދެކެ އެވެ.