Roadha Mihaaru

ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ: ޓްރަމްޕު

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވައިފި އެވެ.

ހަމަލާތައް ހުއްޓާލަން އީރާނާއި އިޒްރޭލު އެއްބަސްވެއްޖެ

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވައިފި އެވެ.

"އިޒްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ހޯމަ ދުވަހު ވަނީ އާދެވިފައި،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

އެކަމަކު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ އަދި "އެއްބަސްވުމެއް ނެތް" ކަމަށެވެ.

"އަދި މި ވަގުތާ ހަމައަށް، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ނެތް،" ޓްރަމްޕުގެ ވާހަކައަށް ރައްދު ދެއްވައި އަރަގްޗީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޓްރަމްޕް ވިދާޅުވި ވަގުތުގެ ފަހުން "އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް" ކަމަށެވެ.

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ގެންދާއިރު އީރާނުން ހަފްތާއެއްހާ ދުވަސް ތެރޭ އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު އިޒްރޭލުން ވެސް ސައްވީހަކަށް މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ބުނެފައި މި ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާ އިން ހަމަލާތައް ދީ، ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމާ އެކު، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން މިސައިލް ހަމަލާދީ އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވީ ހަމަލާތައް ހުއްޓާލުން 24 ގަޑިއިރުގެ މަރުހަލާތަކަކަށް ބަހާލާފައިވާކަމަށެވެ. އަދި މިކަން ފެށޭނީ މި އަންގާރަ ދުވަހު ޖީއެމްޓީ ގަޑިން ފަތިހު 3:00 (ރާއްޖޭ ގަޑިން ހެނދުނު 8:00) ގައި ކަމަށް ވިދާޅުވި އެވެ. އީރާނުން އެ ހިސާބުން ހަމަލާތައް ހުއްޓާލާނެ ކަމަށާއި އޭގެ 12 ގަޑިއިރު ފަހުން އިޒްރޭލުން ވެސް އެއްބަސްވުމަށް އަމަލުކުރަން ފަށައި ހަމަލާތައް ހުއްޓާލާނެ ކަމަށް ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

ޓްރަމްޕު މިކަން އިއުލާނުކުރެއްވީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް އީރާނުން މިސައިލް ހަމަލާދިންތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ޓްރަމްޕު ވިދާޅުވީ އެ ހަމަލާ އީރާނުން ދިނީ އެމެރިކާއަށް އެކަން އެންގުމަށް ފަހުގައިކަމަށެވެ. މި ހަމަލާގައި މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގަތަރުގެ މަރުކަޒަށް ހަމަލާ ދިނުމާ އެކު ގައުމުތަކުން ވަނީ އީރާން ކުށްވެރިކޮށް، ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރޭނެ ކަންކަން ނުކުރުމަށް ގޮވާލައިފަ އެވެ.