Roadha Mihaaru

ގާނޫނާ ހިލާފަށް އިންޑިއާއިން މުސްލިމުން ޑީޕޯޓްކުރާ ކަމަށް ތުހުމަތުކޮށްފި

އިންޑިއާގައި ގާނޫނާ ހިލާފަށް އުޅޭ ބަންގްލާދޭޝް މީހުން ގައުމުން ބޭރުކުރުމުގެ ނަމުގައި މުސްލިމުންނަށް އަމާޒުކޮށް ގާނޫނާ ހިލާފަށް އެތައް ސަތޭކަ ބަޔަކު ޑީޕޯޓްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

ގާނޫނާ ހިލާފަށް އިންޑިއާއިން މުސްލިމުން ޑީޕޯޓްކުރަނީ

އިންޑިއާގައި ގާނޫނާ ހިލާފަށް އުޅޭ ބަންގްލާދޭޝް މީހުން ގައުމުން ބޭރުކުރުމުގެ ނަމުގައި މުސްލިމުންނަށް އަމާޒުކޮށް ގާނޫނާ ހިލާފަށް އެތައް ސަތޭކަ ބަޔަކު ޑީޕޯޓްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

އިންޑިއާ އާއި ބަންގްލާދޭޝް އިން ވެސް ވަނީ ޝަރީއަތެއް ކުރުމަކާނުލައި އެތައް ބަޔަކު ޑީޕޯޓްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން މި މައްސަލައިގައި ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންޑިއާއިން ބުނީ މިއީ މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި މިއީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު އަޅާ ފިޔަވަޅެއް ކަމަށެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދީ ވަތަނީ ސަރުކާރުން ބިދޭސީންނާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅޭ އިރު ބަންގްލާދޭޝް މީހުންނާ މެދު ވަކިން ހަރުކަށިކޮށް އަމަލުކުރެ އެވެ. މޯދީގެ ބީޖޭޕީގެ އިސް ބައެއް ބޭފުޅުން ވަނީ ބަންގްލާދޭޝް އިން އައިސް އުޅޭ އުޅޭ މީހުންނަކީ "ކަތުރުފަނި" ކަމަށް ވެސް ސިފަކޮށްފަ އެވެ. އަދި އެއީ ވަގަށް އިންޑިއާއަށް ގަދަވެގަންނަން އުޅޭ ބައެއް ކަމަށް ވެސް ސިފަކުރެ އެވެ.

މި ސިޔާސަތުތަކާ ހެދި އިންޑިއާގެ 200 މިލިއަން މުސްލިމުން އަދި ހާއްސަކޮށް އިންޑިއާގެ އިރުމަައްޗާއި ބަންގްލަދޭޝްގައި ބެންގާލީ ބަހުން ވާހަކަ ދައްކާ މުސްލިމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

"މުސްލިމުން، ހާއްސަކޮށް އިރުމަތީ ސަރަހައްދުގެ މުސްލިމުން ތިބީ ބިރުން،" އިންޑިއާގައި ހައްގުތަކަށް މަސައްކަތްކުރާ ތަޖުރިބާކާރު އެކްޓިވިސްޓެއް ކަމަށްވާ ހަރްޝް މަންޑޭރް ވިދާޅުވި އެވެ.

"އެތައް މިލިއަން ބަޔަކަށް އުޅެން ޖެހިފައިވަނީ މި ބިރުވެރިކަމުގައި."

އިންޑިއާގެ އިރުމަތީ އާސާމް ސްޓޭޓްގައި އުޅޭ ރަހީމާ ބޭގަމް ކިޔާ މީހަކު އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ބުނީ މިދިޔަ މެއި މަހު އޭނާ ފުލުހުންގެ ބަންދުގައި އެތައް ދުވަހަކު ބެހެއްޓި ކަމަށެވެ. އަދި ފަހުން ގެންގޮސް ދޫކޮށްލީ ބަންގްލާދޭޝް ސަރަހައްދަށް ކަމަށް ބުންޏެވެ.

އެކަމަކު ރަހީމާ ބުނީ އޭނާ އާއި އާއިލާ މުޅި އުމުރު ހޭދަކުރީ އިންޑިއާގައި ކަމަށެވެ.

"އަހަރެންގެ މުޅި އުމުރު މި ހޭދަކުރީ މިތަނުގައި -- ބައިންބަފައިންނާއި ކާފަމާމަ އާއި އެންމެންނަކީ ވެސް މިތަނުގެ މީހުން. އަހަންނަކަށް ނޭނގެ އެ މީހުން އަހަރެމެންނަށް މިހެން ހަދަން ޖެހެނީ ކީއްވެ ކަމެއް،" އޭނާ ބުންޏެވެ.

ރަހީމާ ބުނީ އޭނާ އާއި އިތުރު ފަސް މީހަކު ބަންގްލާދޭޝްގެ ބޯޑަރު ކައިރީ އޮންނަ ޗަކަ ބިމެއް ހުރަސްކޮށް އެހެން އަވަށަކަށް ދާން މަޖުބޫކުރު ކުރުވި ކަމަށެވެ. އޭނާ ބުނީ އެ ޗަކަގަނޑުގެ ތެރެއިން ސިއްރުން ގޮސް އެ އަވަށަށް އެރުވީ ރޭގަނޑު ކަމަށެވެ. އެ ފަސް މީހުންނަކީ ވެސް މުސްލިމުންނެވެ.

"ދުރުގައި އޮތް އަވަށެއް ދައްކާފައި އެންގީ ބިންމަތީ އޮށޯވެ ތިބެ ދެމެމުން ގޮސް އެ އަވަށަށް އަރަން،" އޭނާ އޭއެފްޕީއަށް ބުންޏެވެ.

"އެ މީހުން ބުނީ 'ކޮޅަށް ތެދުވެ ހިނގާފައި ދާން ހިތަށް ވެސް ނާރުވައްޗޭ. ބަޑި ޖަހާނަމޭ."

ބަންގްލާދޭޝް އިން އެ މީހުންނާ ދިމާވި މީހުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާ އެކު އެންގީ އެއީ އިންޑިއާ ބައެއް ކަމަށާއި އެހެންވެ އެނބުރި އިންޑިއާއަށް ދާން ކަމަށް ވެސް ރަހީމާ ބުންޏެވެ.

"ދެން އަނެއްކާ އެނބުރި ބޯޑަރު ކަރިއަށް ދިއުމާ އެކު އިންޑިއާ ފަޅިން ބަޑިޖަހަން ފަށައިފި،" އުމުރުން 50 އަހަރުގެ ރަހީމާ ބުންޏެވެ.

އެކަމަކު ރަހީމާ އެ ހަމަލާތަކުން ސަލާމަތްވުމުން ހަފްތާއެއް ފަހުން އިންޑިއާ އިން އޭނާ އަލުން އާސާމް ސްޓޭޓަށް ގެންގޮސް ދޫކޮށްލި ކަމަށާއި އެކަމަކު ވީ ކަންތައްތަކުގެ ވާހަކަ ނުދެއްކުމަށް އެންގި ކަމަށް އޭނާ ބުންޏެވެ.

އެއްގަމު ބޯޑަރުން އިންޑިއާއާ ވަރަށް ބޮޑަށް ގުޅިފައިވާ ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން ޝައިހް ހަސީނާ ދުުރުކުރި މުޒާހަރާތަކަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި މިދިޔާ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގައި 26 މީހަކު މަރާލި ހަމަލާއަށް ފަހު ބިދޭސީންގެ މައްސަލަތަކަށް ދޭ ސަމާލުކަން ވެސް އިންޑިއާއިން ވަނީ އިތުރުކޮށްފަ އެވެ. -- އޭއެފްޕީ