Roadha Mihaaru

4 ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގެ މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަނީ

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

4އިސްލާމީ މަރުކަޒާއިި 10މިސްކިތް އަޅަން ބަޔަކު ހޯދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 ޖޫން 2025

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން އެ މަޝްރޫއުތައް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށާއި އެހެންވެ ބިޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެެވެ.

އެ އިއުލާނުގައިވާ ގޮތުން އިސްލާމީ މަރުކަޒު އަޅަނީ ށ. ފުނަދު އާއި ހއ. އިހަވަންދު އާއި ޅ. ނައިފަރާއި ގއ. ވިލިނގިލީގަ އެވެ. އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ އަގަކީ 102،000ރ. އާއި 126،000ރ. އާ ދެމެދެވެ.

މިސްކިތް ބިނާކުރާ 10 ރަށް:

- ރ. މީދޫ

- ކ. ގުޅި

- އއ. މަތިވެރި

- އދ. ފެންފުށި

- ފ. ފީއަލި

- ދ. ރިނބުދޫ

- ގދ. ނަޑެއްލާ

- ގދ. މަޑަވެލި

- ގދ. ހޯނޑެއްދޫ

- ގދ. ފަރެސްމާތޮޑާ

އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 40،000ރ. އާއި 102،000ރ. އާ ދެމެދުގެ އަގެކެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.

މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ. ގެ ނިން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 30 އިން އަންނަ މަހުގެ 15 އަށް ބަންޑޭރި ޕޯޓަލުން ކަމަށެވެ.

އެކަމަށް އެދި ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލުން އަންނަ މަހުގެ 16 ގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮތީ ޖުލައި 17 ގެ މެންދުރު 11:00 ގަ އެވެ.