Roadha Mihaaru

ހަންކެޑެ މަޝްރޫއާ ގުޅިގެން ނިޒާރުގެ ކަންބޮޑުވުން، ވިދާޅުވީ މައްސަލައަކީ ދެކޮޅު ނުޖެހޭ ސިޔާސަތު ކަމަށް

ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލަން ސަރުކާރުން މަޖުބޫރުވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

ހަންކެޑެ މަޝްރޫއާ ގުޅިގެން ނިޒާރުގެ ކަންބޮޑުވުން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޖޫން 2025

ހަންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއު ހުއްޓާލަން ސަރުކާރުން މަޖުބޫރުވީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.

މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ. ނަމަވެސް، އެ މަޝްރޫއުގައި ސަރުކާރުގެ ވިސްނުން މިހާރު ވަނީ ބަދަލުވެފަ އެވެ.

ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ނިންމާފައިވާ ރަށްތައް ޓޫރިޒަމް މިނިސްޓްރީން ރޭ އިއުލާންކުރިއިރު އޭގެ ތެރޭގައި އައްޑޫ ސިޓީ ހަންކެޑެ ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އައްޑޫގެ މޭޔަރު ވިދާޅުވީ، ހަންކެޑެ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ބާރުވެރި ކަމެއް ނެތުމާއި ރާއްޖެއަށް އެހީވުމަށް ތިބި ބޮޑެތި ގައުމުތަކާ އެކު އޮންނަން ޖެހޭ ގާތް ގުޅުން ނެތުމަކީ ވެސް އެ މަޝްރޫއު ކުރިއަށް ނުދިޔަ ސަބަބެއް ކަމަށެވެ.

"ސަރުކާރުގެ މާލީ ސިޔާސަތަށް ޗައިނާ ސަރުކާރުގެ އިތުބާރު ގެއްލިފައިވުމަކީ ހަންކެޑެ ޕްރޮޖެކްޓް ފެއިލްވުމުގެ އެންމެ ބޮޑު އެއް ސަބަބު،" އޭނާ ވިދާޅުވި އެވެ.

ހަންކެޑެ ތަރައްގީކުރަން އެމްއެފްއެމްސީ އިން އޭރު ހަވާލުކުރީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އެއީ 2،082 އެނދު ހިމެނޭ ގޮތަށް 1،041 ކޮޓަރި ހެދުމަށެވެ.

ހަލާލު ޓޫރިޒަމަށް އެ ރަށް ތަރައްގީ ކުރަން ނިންމިއަސް އޭގެ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

ނިޒާރު ވިދާޅުވީ 2،000 އެނދުގެ ބޮޑު މަޝްރޫއު އުވާލައި 50 ކޮޓަރީގެ ކުޑަ ހޮޓަލަކަށް ހަންކެޑެ ބަދަލުކޮށްލީ ކުރިއަށް ހުރި އިންތިހާބުތަކުގައި ހަންކެޑެ ޕްރޮޖެކްޓާ ގުޅިގެން އާއްމުކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތުމުން ކަމަށެވެ.

"ހަންކެޑެ ޕްރޮޖެކްޓް ކެންސަލްވުމަކީ އައްޑޫގެ އިގްތިސާދަށް ކުރެވުނު ޕްލޭންތައް ފުނޑުފުނޑު ކޮށްލުން. ދެން އެންމެ މުހިންމު ކަމަކަށް ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދެއްވަން ނިންމަވާ ހަދިޔާއަކީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ހަލާކުކޮށްލައި ރަށްތައް ބައިބައި ކުރުމަށް ފަހު އައްޑޫގެ ނަން ފޮހެލުން،" ނިޒާރު ވިދާޅުވި އެވެ.