Roadha Mihaaru
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކުރަނީ

30 ސެޕްޓެމްބަރ 2021

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި މިހާރު ވެސް ހަތަރު ވަރަކަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި މިހާރު ވެސް ހަތަރު ވަރަކަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫގެ ޓޫރިޒަމްގެ މުސްތަގުބަލާ ބެހޭ ގޮތުން ކައުންސިލުން ރޭ ކުލަބްހައުސްގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަކީ ތަފާތު ގޮތްގޮތަށް އައްޑޫގެ ޓޫރިޒަމް ބައްޓަންކުރަން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފޭދޫގައި މިހާރު ރަސްމީ ބޯޅަދަނޑުގެ ގޮތުގައި ބޭނުންކުރާ ތަނާއި އެ ދިމާ ހިއްކި ސަރަހައްދުން ލައްކައަށް ވުރެ ބޮޑު އަކަފޫޓްގެ ސަރަހަދެއް އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންކުރެވޭނެ އެވެ.

"ފޭދޫގައި މިހާރު އޮތް ރަސްމީ ބޯޅަ ދަނޑާއި އެ ދަނޑާ ގުޅުން ހުރި ފޭދޫގެ ހިއްކި ބިމާއި އަދި ގަމުގެ ކޯޒްވޭ ސަރަހައްދާ އެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާއާ އެކު ސަތޭކަ ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާނެ ވަރުގަދަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްދާނެ ޕްރޮޖެކްޓެއް މިއީ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް މަޝްރޫއާ އެކު، އައްޑޫގެ މަލަމައްޗަށް ވެސް ވަރަށް ބޮޑު ހިތްގައިމުކަމަކާއި ޗާލުކަމެއް އަންނާނެ އެވެ.

މީގެ ކުރިން، 2008 ހިސާބުގައި އެކުލަވާލި "އައްޑޫ ވިޝަން" ގައި ޔޮޓް މެރީނާއެއް ހިމަނައި، އެތަން އޮންނާނެ ގޮތުފެ ކުރެހުންތަކެއް ވެސް ދައްކާފައިވެ އެވެ.

ގަމާއި ފޭދުއާ ދޭތެރޭ ކުރިން ބަނދަކުރި ޔޮޓެއް. ފޮޓޯ/ އަދުޝަން

ގަމާއި ފޭދުއާ ދޭތެރޭ ކުރިން ބަނދަކުރި ޔޮޓެއް. ފޮޓޯ/ އަދުޝަން

ކުރިން ވެސް ޔޮޓް މެރީނާއެއް ހެދުމުގެ ވާހަކަ ދެކެވުނީ ކައުންސިލުން މިހާރު ވެސް ޕްލޭންކޮށްފައި އޮތް ދިމާގައި އެކަން ކުރާ ގޮތަށެވެ. އައްޑު އަކީ ކުރިން ވަރަށް ގިނަ އަދަދަކަށް ޔޮޓްފަހަރު ޒިޔާރަތްކުރަމުން އައި ތަނެކެވެ. އެކަމަކު 2009 ގެ ފަހުން ޔޮޓްތައް އައުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވެ އެވެ.

އޭރު އައްޑު އަށް އަންނަ ޔޮޓްތައް އާންމުކޮށް ބަނދަރުކުރަނީ ފޭދު އާއި ގަމާ ގުޅޭ ކޯޒްވޭ ސަރަހައްދުގަ އެވެ.