(އާދިއްތަ ދުވަހާ ގުޅޭ)
02 ޖުލައި 2025
(އާދިއްތަ ދުވަހާ ގުޅޭ)
ވަރަށް ބޮޑު ކޮރެއް ޖަހަމުންނެވެ. ނުވެސް އެނގި ނާސިފަށް ތެދުވެވުނެވެ. ހިބާގެ ފަހަތުން ހިނގައިގަނެވުނެވެ. ތިމާ ހޮސްޕިޓަލަށް އައީ ކީއްކުރަން ކަމާއި ތިމާގެ ބަލި ހާލު ނާސިފު ހަނދާން ނެތުނު ކަހަލައެވެ. ހިބާމެން ދިޔައީ ކަށީގެ ޑިޕާޓުމަންޓަށެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ ވެއްޓުނީބާއެވެ؟ ރާހިލް އަނިޔާކުރީ ބާއެވެ؟ ނާސިފު އިށީނީ ހިބާ އިށީން ގޮނޑީގެ ސީދާ ފުރަގަހުގައި ހުރި ގޮނޑީގައެވެ. ވަރަށް ސަމާލުކަން ދިނުމުން އެ މީހުން ދައްކާ ވާހަކަ ވެސް ނާސިފަށް ދޭހަވާ ވަރުވެއެވެ.
"އޭރު ވެސް މަ ބުނިން..." ރާހިލް ބުނި އެއްޗެއްގެ އެއްބައި ނާސިފަށް އިވުނެވެ. "ދެން މަ ވީ މި ހޮސްޕިޓަލުގަނޑުގަ އިންނަން؟ މި ތާ އިންނަންތަ މަ އައީ؟"
"ރާހީ ދާން ބޭނުންވާ ތާކަށް ދޭބަލަ!" ހިތާމަވެރި އަޑަކުން، މަޑުމަޑުން ހިބާ ބުންޏެވެ. "އަހަންނަށް އޯކޭއޭ! ނިމުނީމަ އައި ވިލް ކޯލް އިނގޭ!"
"ތި އުޅެނީ މަ ފޮނުވާލާފަ އޯލްޑް މޭންއަށް ގުޅަން،" ރާހިލް ބުންޏެވެ. "އައި ނޯ ހިމް. އެއީ ވަރަށް ބިޓިން މީހެކޭ. އަބަދު ވެސް ޖޮބަށް ވަންނަ ޔަންގް ކުދިން ގޮވައިގެން ޓްރެވަލް ކުރާނީ. ކަމެއް ވެގެން ދޯ ހޮޓެލްގެ ޖެހިގެން ހުރި ރޫމްގަ އޭނަ އެ ހުންނަނީ. ހިބާ ހީކުރަނީ ހިބާ އުޅޭ ވައްތަރު އަހަންނަށް ނޭނގޭ ކަމަށްތަ؟"
ނާސިފު ހިތަށް އެރިއެވެ. ޖެހިގެން ހުރި ކޮޓަރިއަށް އައުން އެއީ ހިބާގެ ނިންމުމެއްކަން ހިބާ ނުބުނަނީތާއެވެ.
"ކީއްވެތަ އަހަންނަށް ތި ވަރަށް ޝައްކު ކުރަނީ؟" ހިބާ އެހިއެވެ. "ރާހީ އަހަންނަކަށް ޓްރަސްޓެއް ނުކުރަންތަ؟"
އެ ދެމެދުގައި ހިނގަމުން ދިޔައީ ހިމޭން ޒުވާބެކެވެ. ރާހިލް ވާހަކަ ދައްކަނީ ކެރޭ ކަމާއި ކުޅަދާނަކަން ހިބާއަށް ސާބިތުކޮށްދޭ ކަހަލަ މޭރުމަކުންނެވެ. ހިބާ ވާހަކަ ދައްކަނީ ރާހިލްގެ ދަށުވެފައިވާ ކަމާއި ބިރުގެންފައިވާކަން ދޭހަވާ ކަހަލަ ބަހުރުވަޔަކާއި ރާގަކަށެވެ. ދެން ދިޔައީ ފަސް ވަރަކަށް މިނެޓުގެ ހިމޭން ވަގުތުކޮޅެކެވެ.
"މިއަދުގެ ދުވަސް މި ދިޔައީ،" ވަރަށް ފޫހިވެފައި ރާހިލް ބުނެލިއެވެ. "މީ އަހަރެން އެންމެ ފޫހިވާ ތަން. ވަނަސް ހީވާނީ ބައްޔެއް ޖެހިފަ ހުރިހެން. ހޭޓް ދިސް ޕްލޭސް."
"ރާހީ ދޭބަލަ އެންޖޯއި ކޮށްލަން،" އަނެއްކާ ވެސް ހިބާ ބުންޏެވެ. "އެކަމަކު ޕްލީޒް، ފާޑުފާޑުގެ ތަންތަނަށް ނުވަންނައްޗޭ!"
"އަހަރެން.. ކޮންޓްރޯލްކުރަން.. ނޫޅޭށޭ!" ރާހިލް ބުނެލިއެވެ. "ނިމުނީމަ ގުޅާ!"
އެ ހިސާބުން ރާހިލް ތެދުވެގެން ދިޔައެވެ. ނާސިފުގެ ކުރިމަތިންނެވެ. ނާސިފު އިނީ މޫނުގެ ފެންނަން ހުރި ތަންކޮޅު ވެސް ނުފެންނަ ވަރަށް އިސްޖަހައިގެން، ފޯނާކުޅޭ ކަމަށް ހެދިގެންނެވެ. ބީރައްޓެހި ހޮސްޕިޓަލަކަށް ހިބާ އެކަނި ދޫކޮށްލާފައި ދިޔައީތީ ނާސިފުގެ ހިތަށް ވަރަށް ތަދުވިއެވެ. އެހީވާން ބޭނުންވިއެވެ. ދެން ނާސިފަށް އިވުނު އަޑުން ހީވީ ހިބާ ރޯހެންނެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ ރޯކަށް ނުޖެހޭނެއެވެ. ދެރަވާކަށް، އެކަނިވެރިވާކަށް ވެސް ނުޖެހޭނެއެވެ. އެ އަށް ވުރެ މާ އުފަލުގައި ހިބާ ގެންގުޅެން ނާސިފު ހުރީ ތައްޔާރަށެވެ. ހިތާމައަކީ ހިބާއަށް ނުވިސްނުމެވެ. ނާސިފު ދިއްކޮށްލި އަތުގައި ހިބާ ނުހިފުމެވެ. އެއީ ކޮން ފަދަ މަޖުބޫރީއެއް ކަމެއް ނާސިފަކަށް ނޭނގެއެވެ. އަނެއްކާ ވެސް ނާސިފަށް ވިސްނައިދެވިދާނެއެވެ. އާދޭސް ކުރެވިދާނެއެވެ. ހިބާގެ ހިޔާލު ބަދަލުވެދާނެ ކަމުގެ އުންމީދުގައެވެ.
"ހަލޯ!" ހިބާ އެހެން ބުނި އަޑަށް ނާސިފަށް ބަލައިލެވުނެވެ.
ހިބާ އިނީ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ.
"ބިޒީތަ؟" ރޮވިފައިވާ އަޑަކުން ހިބާ އެހިއެވެ. "އެއީ ރޯގާ ޖެހިފަ."
ހިބާ ގުޅީ ކާކަށް ކަމެއް، އަނެއްކޮޅުން ދައްކާ ވާހަކައެއް ނާސިފަކަށް ނީވެއެވެ.
"ހޮސްޕިޓަލުގަ،" ހިބާ ބުންޏެވެ. "ނޯނޯ! ފައި ފުރޮޅުނީ. ސީރިޔަސްކޮށް. ދެން އަޑުއަހާބަލަ! އަހަރެން ބޭނުމެއް ނޫންކަން ނޭނގެ މިހެން އުޅޭކަށް. ޓޫ ޓޮކްސިކް! އެކަމަކު އަހަންނަކަށް ނެތޭ ޗޮއިސްއެއް."
އަނެއް ކޮޅުން ވަރަށް ދިގުކޮށް ވާހަކަ ދެއްކިއެވެ. ހިބާ އަޑު އެހީއެވެ.
"އަހަރެން ރުޅި ވެއްޖެއްޔާ ރާހީ އަހަރެން މަރާލާނެ،" ބިރުގެންފައި ހިބާ ބުންޏެވެ. "އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް. އެނގެއެއްނު ކުރީ ފަހަރު ވެސް ވީ ގޮތް. އަހަރެން ބޭނުމެއް ނޫންކަން ނޭނގެ ރުޅިވާކަށް."
ހިބާގެ މަޖުބޫރީ ނާސިފަށް މަޑުމަޑުން ވިސްނެން ފެށިއެވެ.
"އޭ އެނގޭތަ؟ މީހަކު އަހަރެން ކައިރީ މެރީކުރަން އަހައިފި!" ވަރަށް އުފާވެފައި ހިބާ ބުންޏެވެ. "ޔޭސް! ސީރިޔަސްކޮށް. ބޭނުން އޭނަޔާ މެރީ ކުރަން ބަޓް ކާންޓް! އޭރުން އޭނަ ވެސް މަރާލަފާނެ. ބޭނުމެއް ނޫން އަހަންނާ ހެދި އޭނަ އަށް ކަމެއް ވާކަށް. މިހާރު ވެސް މުޅި އެފްބީގަ އޭނަ ހިއުމިލިއޭޓް ކޮށްފި. ހަލޯ! ހަލޯ!"
އެ ފޯނު ކެނޑުމުން ހިބާ އަލުން ގުޅަން މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ނާސިފަކަށް ނީނދެވުނެވެ. ހިބާއަށް ގުޅިއެވެ. ހިބާގެ ފޯނު ރަނގަބީލުވި ނަމަވެސް ހިބާ އެ ފޯނެއް ނުނެގިއެވެ. ފޯނަށް ބަލަހައްޓައިގެން އިނީއެވެ. އެ ވާ ގޮތެއް ނާސިފަކަށް ނުވިސްނެއެވެ. ނާސިފު އިންނަން އެހީމައި އެ ކަމާ އުފާވެގެން ރައްޓެހިން ގާތުގައި އެ ވާހަކަ ދައްކާ އިރު ނާސިފުއާ ދުރުވާން ހިބާ މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟
ފޯނު ކެނޑުމުން އަނެއްކާ ވެސް ނާސިފު ގުޅިއެވެ. މަޑުމަޑުން ތެދުވެގެން އައިސް ހިބާއާ ޖެހިގެން އިށީނެވެ.
އޭރު ވެސް ހިބާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ.
"ނަގާ ބަލަ!" ނާސިފު މަޑުމަޑުން ބުންޏެވެ.
ހިބާ ކުޑަކޮށް ސިހުނެވެ. އެހެނަސް، ނާސިފަކަށް ނުބަލައެވެ.
"ކީއްކުރަން މި ތަނަށް ތި އައީ؟" ނުބަލާ އިނދެގެން ހިބާ ވާހަކަދެއްކިއެވެ. "ރާހީއަށް ފެނިއްޖެއްޔާ ވަރަށް ސަކަރާތްވާނެ."
"ކޮން ސަކަރާތެއް ވާނީ؟" ނާސިފު ވެސް ވާހަކަ ދެއްކީ ހިބާއާ ދިމާއަށް ނުބަލައި އިނދެގެންނެވެ.
"ބޮޑު ވަރަކަށް ތަޅައެއް ނުގަންނާނީ. އަހަރެން އެޑްމިޓެއްނު ކުރާނީ. މަ ބުނާނަން ހިބާގެ އެނދާ ޖެހިގެން ހުރި އެނދުގަ ބާއްވާށޭ އޭރުން އިރުކޮޅަކުން ރަނގަޅުވެދާނޭ!"
"ނޮޓް ފަނީ އިނގޭ!" ހިބާ ބުންޏެވެ. "ތީ ކުރިން ނާސިފު އުޅޭ ގޮތެއް ވެސް ނޫނެއްނު!"
"އާނއެކޭ!" ނާސިފު ވެސް އެ ކަމާ އެއްބަސްވިއެވެ. "އަހަރެން ވެސް އެ ކަމާ ހައިރާންވޭ! ހިބާ ބުނީ ތެދެއް. ކުރިން އަހަރެން ހިބާ ދެކެ ވަރަށް ފޫހިވި. އަސްލު ނާސިފު އުޅޭ ގޮތަކަށް ނޫން އަހަރެން މިހާރު މި އުޅެނީ. އަހަރެން އެއްކޮށް ޗޭންޖު ވެއްޖެ! އެނގޭތަ؟ އަހަރެން މިހާރު ފަހަތަށް އެނބުރި ބަލައިލީމަ އަހަރެންގެ ފިޔަވަޅެއް ނޫން ފެންނަނީ. ނުވެސް ދަންނަ ފިޔަވަޅުތަކެއް ހުންނަނީ. ހިބާ އަހަރެން ބަދަލުކޮށްލައިފި."
ދެން ހިބާ އުޅުނީ އެއްޗެއް ނުބުނާށެވެ. އެކަމަކު މާ ގިނަ އިރަކު ކެތެއް ނުވިއެވެ.
"އެކަމަކު އަހަންނަކަށް ނެތޭ ޗޭންޖު ވެވޭކަށް ނާސިފު،" ހިބާ ބުންޏެވެ. "ކީއްވެތަ އަންޑަސްޓޭންޑް ނުވަނީ؟ ޕްލީޒް އަހަރެން ދެކެ ފޫހިވެބަލަ ޕްލީޒް! ބުނޭ އަހަރެން ދެކެ ފޫހިވެޔޭ!"
"ލޯބިވޭތަ؟" ނާސިފު އެހީ އެހެން ސުވާލެކެވެ. "ޓެލް މީ!"
ހިބާ ޖަވާބެއް ނުދިނެވެ. އާނއެކޭ ބުނަން ބޭނުންވެއެވެ. ނާސިފުއާ އެކުގައި ދިރިއުޅުމެއް ފަށަން ވެސް ހިބާ ވަރަށް ބޭނުމެވެ. ހާލަތު ނިޔާކުރި ގޮތުން އެ ފުރުސަތު ނެތީއެވެ.
"ޑޫ ޔޫ ލަވް މީ؟" ނާސިފު އަނެއްކާ ވެސް އެހިއެވެ.
"އަޖައިބެއްނު!" ހިބާއަށް ބުނެވުނެވެ.
"އަހަންނަށް މާ އަޖައިބު،" ނާސިފު ވަގުތުން ބުންޏެވެ. "އަހަރެން ދެކެ ލޯބިވާ ވާހަކަ ދުނިޔޭގެ އެންމެން ކައިރީގަ ބުނެވޭ، އެކްސެޕްޓު މީ! ހިބާ ނުޖެހޭ ތިހެން އުޅޭކަށް. އެނގި ހުރެ ލައިފް ތި ހަލާކު ކޮށްލަނީ. ބިރު ނުގަނެބަލަ ހިބާ! ރާހިލް ކީއްކުރަން މުޅި ދުނިޔެއަށް ފޮރުވައިގެން ހިބާ ގެންގުޅެވޭ ވަރުގެ މީހެކޭ އަހަންނަކީ."
"އެއީ ކިހިނެއްބާ؟" ހިބާ ސުވާލުކުރިއެވެ.
"ފިލާނީ!" ނާސިފު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ފްލައިޓަކަށް އަރައިގެން ނައްޓައިލީމަ ނިމުނީ. ކޮންމެހެން ނުޖެހޭ ފްލައިޓަކަށް އަރާކަށް ވެސް. އިންޑިޔާއަކީ ބޮޑު ތަނެއް. އެހެން ރަށަކަށް ދިޔައިމަ ނިމުނީ. ރާހިލަކަށް ނުފެންނާނެ. އޭނަ ނޫޅޭނެ ހިބާ ހޯދާކަށް ވެސް. އަހަންނަށް ގެރެންޓީ."
"ދެން ކޯހަށް ކިހިނެއް ހަދާނީ؟" ހިބާ އެހިއެވެ.
"ކަޓުވާލާނީ!" ނާސިފު ބުންޏެވެ. "ހިބާ ބުނާ ގޮތަށް މި ބުނެލީ! ބޮޑު ވަރަކަށް އޮފީހުން ކަނޑާތާލާނީ. ކާކަށް ދެރަވާނީ؟ ހިބާ ނުޖެހޭނެ ޖޮބެއްގަ އުޅޭކަށް. ހީ ވެސް ނުކުރާހާ އަރާމުގަ ހިބާ ގެންގުޅޭނަމޭ!"
ހިބާ ވިސްނައިލިއެވެ. ނާސިފަށް ލިބުނީ ރަނގަޅު ދަނޑިވަޅެކެވެ.
"ވިސްނާލަބަލަ!" ހިބާއާ ދިމާއަށް ނާސިފު އެނބުރުނެވެ. "ފަޔަށް ތަދުވެފަ ހުއްޓާ ކީއްވެ ހިބާ ހިންގާފަ ގެންނަންވީ؟ އެ ކަހަލަ މީހަކަށް ހިބާއެއް ނުގެންގުޅެވޭނެ."
އެ ވަގުތު ހިބާގެ ނަން ގޮވިއެވެ. ހިބާ ތެދުވިއެވެ.
"މަޑުކުރޭ!" ނާސިފު އެދުނެވެ.
ނާސިފު ތެދުވެފައި ހިބާ އަތްދަނޑިމައްޗަށް އުފުއްލައިލިއެވެ. އެ ތަނުގައި ތިބި އެންމެންގެ ކުރިމަތީގައި ހިބާ އުރާލައިގެން ގޮސް ޑަކުޓަރު ކޮޓަރިއަށް ވަނެވެ. އެއީ ދުލުން ބަޔާން ނުކުރެވޭ ކަހަލަ އުފަލެއް ހިބާއަށް އިހުސާސް ކުރެވުނު ވަގުތުކޮޅެކެވެ. އެ ވަގުތު ހިބާ ނިންމުމެއް ނިންމިއެވެ. ހިބާ ގެންގުޅެވޭނީ ނާސިފަށެވެ. ރާހިލްއަކަށް ނޫނެވެ. އެކަމަކު، ކަމެއް ނިންމުމާއި އެ ގޮތަށް އަމަލުކުރުން އެއީ ތަފާތު ދެ ކަމެކެވެ. ފުރަތަމަ ހިބާ ވިސްނަންޖެހުނީ ޑަކުޓަރު ކޮޓަރީގައި ދެން ކުރިމަތިލާންޖެހޭ ކަންތަކަށެވެ.
"ކިހިނެއްވީ ފަޔަށް؟" ޑަކުޓަރު އިނގިރޭސިން އެހިއެވެ.
"ފައިފުރޮޅުނީ." ހިބާ ވެސް އިނގިރޭސިން ޖަވާބުދިނެވެ.
"ފައި ދައްކާލަބަލަ!" ޑަކުޓަރު އެދުނެވެ.
ނާސިފު ހުރުމުން ހިބާ ކުޑަކޮށް ޖެހިލުންވިއެވެ. ނާސިފަށް ބަލައިލިއެވެ. ހިބާ ބޭނުންވީ ނާސިފު ނުކުންނަންކަން ނާސިފަށް ވިސްނުނު ވެސް މެއެވެ. ވިސްނުނު ކަމަށް ނެހެދުނީއެވެ.
"ފައި ދައްކާ ހިބާ!" ނާސިފު ވެސް ވާހަކަ ދެއްކީ އިނގިރޭސިބަހުންނެވެ.
ހިބާ ދެއްކީ ކަކުލުން ތިރިއެވެ. ނާސިފަކީ ޑަކުޓަރެއް ނޫނެވެ. އެކަމަކު ހިބާގެ ފައި ފެނުމާ އެކު އެއްޗަކުން ޖަހާފައި ހުރިކަން ނާސިފަށް ވެސް އެނގުނެވެ.
"ތީ ފައި ފުރޮޅިފައެއް ނޫން،" ޑަކުޓަރު ޔަގީންކަމާ އެކުގައި ބުންޏެވެ. "އެއްޗަކުން ވަރަށް ބާރަށް ޖެހިގެން ތިހެން ވާނީ."
ޑަކުޓަރު ވަރަށް ރަނގަޅަށް ފައި ބެލިއެވެ. ނޫފައިގެންފައި ހުރި ތަނުގައި ކިތަންމެ މަޑުން އަތްލިޔަސް ހިބާއަށް ތަދުވެއެވެ. ޑަކުޓަރު އެދުނީ އެކްސްރޭއެއް ނަގާށެވެ. ފުރޮޅުލީ ގޮނޑިއެއް ވެސް ގެނުވިއެވެ. ހިބާ ގޮނޑީގައި އިށީނުމުން، ނަރުސް ކުއްޖާއަށް ވުރެ ކުރިން ނާސިފު ގޮނޑިޔާ ހަވާލުވިއެވެ. ހިބާގެ ހިތް އުފަލުން ފުރުނު ކަހަލައެވެ. ޑަކުޓަރު ކޮޓަރިން ނުކުތް އިރު ރާހިލް ހުރީ ކުރިމަތީގައެވެ. (ނުނިމޭ)