Roadha Mihaaru
އެކައުންޓް ފްރީޒްކުރާ މައްސަލާގައި މީރާ އެއްޗެއް ނުބުނި

އެކައުންޓްތައް ފްރީޒްކުރި މައްސަލައާ ބެހޭ ގޮތުން މީރާ އިން ވާހަކައެއް ނުދެއްކި

23 މާޗް 2017

ވިލާ ޝިޕިން އަދި ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުން ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވިލާ ޝިޕިން އަދި ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުން ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އެކައުންޓްތައް ފްރީޒްކުރި މައްސަލައާ ބެހޭ ގޮތުން ސުވާލުކުރުމުން ދައުލަތުގެ ޓެކްސް އިދާރާގެ އޮފިޝަލަކު ވިދާޅުވީ އުސޫލެއްގެ ގޮތުން ވަކި ވަކި ޓެކްސް ޕޭޔަރުންނާ ބެހޭ ގޮތުން މައުލޫމާތު ނުދެވޭނެ ކަމަށެވެ. އަދި މީރާ އިން އަންގަން ޖެހޭ އެއްޗެއް އަންގާނީ އެ ފަރާތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ކުރި އެއްވެސް ސުވާލަކަށް މީރާގެ އޮފިޝަލް ޖަވާބެއް ނުދެއްވި އެވެ. އެކަމަކު މީރާ އިން ބައެއް ފަހަރު ކުންފުނިތަކާ ދެކޮޅަށް ކޯޓުން ނެރޭ ހުކުމްތަކާ ގުޅިގެން ބަޔާންތައް ނެރެ، މީގެ ކުރިން މީޑިއާތަކަށް ފޮނުވާފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން އިއްޔެ ފްރީޒް ކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ވެސް މި ހަފުތާގެ ކުރީކޮޅު ވަނީ ފްރީޒްކޮށްފަ އެވެ.

ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހޯމަދުވަހަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. އަދި ވިލާ ކުންފުނީގެ މައްޗަށް ރާޅެއް ނަގަން އުޅޭހެން ހީވާ ކަމަށް ގާސިމް މީގެ ތިން ދުވަސް ކުރިން ވިދާޅުވެފައި އޮއްވަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ "ވިލާގެ 100 މިލިއަން ރުފިޔާގެ މައްސަލައިގައި އެކައުންޓްތައް ފްރީޒް" ކުރުން އެއީ މި ހާލަތުގައި ކޮށްފާނެ ކަމެއް ކަމަށާއި ހިތާމައަކީ އެފަދަ އަމަލަކުން ވިލާގެ 5000 ވަރަކަށް މުވައްޒަފުންނަށް މުސާރަ ނުދެވިދާނެ ކަމުގެ ބިރު އޮތުން ކަމަށެވެ.

ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރީ ހއ. އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖުރިމަނާ ފައިސާ ނުދައްކާތީ އެވެ. ނަމަވެސް ޖާބިރު ވިދާޅުވީ އެ ތިން ރަށުގެ މައްސަލަ ވެސް ކޯޓު މަރުހަލާގައި އޮތުމުން، ކުއްޔާއި ޖުރިމަނާ ފައިސާ ދެއްކުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

މީރާ އިން އެ ދެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ދައުލަތަށް ޓެކްސް ނެގުމަށް އެމްޑީޕީގެ ވެރިކަމުގައި އުފެއްދި މީރާ އިން ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އާއި ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރުމާ ގުޅިގެން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރު ސިޔާސީ ގޮތުން ތާށިވާ ކޮންމެ ވަގުތަކު ވިޔަފާރިވެރިންގެ އެކައުންޓްތައް ފްރީޒްކުރުމުން މީރާގެ އަމަލަކީ ސިޔާސީ ކަމެއްކަން ސާފުވާ ކަމަށެވެ. އަދި މީރާގެ ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.