Roadha Mihaaru

ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޔޮޓް ޓުއާޒްގެ އެކައުންޓް ފްރީޒްކުރީ ގޯސްކޮށް: ހުކުމް
ނާޒިމް ހަސަން
ނާޒިމް ހަސަން

12 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އަންގައިގެން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެ އެވެ.

އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ޔޮޓް ޓުއާޒްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކުރީ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކުރި އެވެ.

އެކަމަކު، ޔޮޓް ޓުއާޒްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އިއްވި ހުކުމްގައި ބުނީ މީރާ އަށް ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު ލިބޭ ކަމަށް ދައްކާ ގާނޫނީ ހުއްޖަތްތައް ބަލިކަށި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި މައްސަލާގައި އޮތީ ވިޔަފާރީގެ މުއާމަލާތެއް ކަމަށާއި ވިޔަފާރީގެ އެއްބަސްވުމެއްގެ މައިގަނޑު އަސާސަކީ ދެ ފަރާތުގެ ރުހުމާއި އެއްބަސްވުމުގެ މާއްދާތަކާއި ކޮންޓްރެކްޓްގެ ބައިވެރިން ގާނޫނުގެ ކުރިމަތީގައި ހަމަހަމަވުން ކަން ހުކުމްގައި ފާހަގަކުރި އެވެ.

"ކޮންޓްރެކްޓްގެ ބައިވެރިޔަކީ ދައުލަތް ކަމަށްވީ ނަމަވެސް މަދަނީ އެއްބަސްވުންތަކުގައި ކޮންޓްރެކްޓްގެ ވަކި ބައިވެރިއަކަށް ކޮންޓްރެކްޓްގެ ބޭރުން އޭނާގެ ހައިސިއްޔަތުގެ ސަބަބުން ނުވަތަ މަގާމުގެ ސަބަބުން އިތުރު އިސްކަމެއް ނުވަތަ އިތުރު ފައިދާއެއް ނެތެވެ،" ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ބުނީ، ކުލި ނުދައްކާ ހާލަތުގައި އަމަލު ކުރަންޖެހޭ ގޮތް މި މައްސަލާގައި އޮތް އެއްބަސްވުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ކުލި ނުދައްކާ ނަމަ އެންމެ ފުރަތަމަ އަރަނީ ލިކުއިޑޭޓެޑް ޑެމެޖަސް ކަމަށެވެ. އޭގެ ފަހުން އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދީފައިވެ އެވެ.

ކުލި ނުދައްކާ ހާލަތުގައި ދައުލަތަށް އަމަލު ކުރެވޭނެ ގޮތްތައް ނުވަތަ ހޯދޭނެ ރެމެޑީސްތައް ބަޔާންކޮށްފައިވަނިކޮށް އޭގައި ނެތް ފިޔަވަޅެއްގެ ގޮތުން ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒް ނުކުރެވޭނެ ކަން ހުކުމްގައި ފާހަގަކުރި އެވެ.

"ހައްލުތަކުގެ ބޭނުން ހިފުމެއް ނެތި ގަވާއިދެއްގެ ދަށުން އެހެން ގޮތްތަކެއް ހިޔާރެއް ނުކުރެވޭނެ އެވެ،" ހުކުމްގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމްގައި ބުނީ މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒް ކުރުމުގެ ހައްލު ދައުލަތަށް ބޭނުން ކުރެވޭނީ ދެ ފަރާތް ދެމެދުވި އެއްބަސްވުންތަކުގައި ގަވައިދުގައިވާ އެ ހައްލު ބަޔާންކުރުމަށް ފަހު، އެކަމަށް އެއްބަސްވެގެން ކަމަށެވެ.

އެހެންވެ ކުލި ނުދައްކާ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ ބޭރުން މީރާ މެދުވެރިކޮށް ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.