Roadha Mihaaru
ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓެއް

ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން އީޖާދުކޮށްފި

26 މާޗް 2017

ކެންސަރުގެ ނިޝާންތައް ފެންނަން ފެށުމުގެ ކުރިން، އެ ބަލި ޖެހިފައިވާކަން އެނގޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން އިޖާދު ކޮށްފި އެވެ. މި ޓެސްޓު ހެދުމުން އެނގެނީ ހަމައެކަނި ބަލި ހުރިކަން އެކަންޏެއް ނޫނެވެ. ބަލި ހުރީ ހަށިގަނޑުގެ ކޮން ތަނެއްގައި ކަން ވެސް ދެނެގަނެވޭނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކެންސަރުގެ ނިޝާންތައް ފެންނަން ފެށުމުގެ ކުރިން، އެ ބަލި ޖެހިފައިވާކަން އެނގޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން އިޖާދު ކޮށްފި އެވެ. މި ޓެސްޓު ހެދުމުން އެނގެނީ ހަމައެކަނި ބަލި ހުރިކަން އެކަންޏެއް ނޫނެވެ. ބަލި ހުރީ ހަށިގަނޑުގެ ކޮން ތަނެއްގައި ކަން ވެސް ދެނެގަނެވޭނެ އެވެ.

މިއީ ވަރަށް އާދައިގެ ޓެސްޓަކަށް ވާތީ ގަވާއިދުން ކޮންމެ އަހަރަކު ހަދާ މެޑިކަލް ޗެކަޕްގައި ކޮލެސްޓްރޯލާއި ހަކުރުގެ މިންވަރު ބަލާ ގޮތަށް މި ޓެސްޓް ހިމަނައިގެން، ކެންސަރު ހުރިތޯ ބެލިދާނެ އެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން އީޖާދުކުރި މި ޓެސްޓަށް ކިޔަނީ ކެންސާލޮކޭޓާ އެވެ. މި ޓެސްޓްކުރާއިރު ހޯދަނީ ޓިއުމަރުތަކުގައި ހުންނަ ޑީއެންއޭ އެވެ. މިއީ ކެންސަރު ޖެހިފައިވާ ބަލި މީހުންގެ ލޭގައި ދައުރުވަރުންދާ އެއްޗެކެވެ.

ސައިންސްވެރިންގެ މި ޓީމަށް ހޯދުނު ގޮތުގައި ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދޭ ޓިއުމަރުތަކުގައި ވަކި ޚާއްސަ ވައްތަރެއްގެ "ފުޓްޕްރިންޓް" އެއް ހިމެނެ އެވެ. މި ހާއްސަ ފާހަގަ ދެނެގަނެވިދާނެ އެވެ.

"ހަށިގަނޑުގެ ތަންތަން އޮޕަރޭޝަން ނުކޮށް، ކެންސަރު ހުރިކަން ދެނެގަނެވުމަކީ މުހިއްމު ކަމެއް. ސަބަބަކީ އޭރުން ބަލީގެ ކުރީކޮޅު އެކަން ދެނެގަނެވޭނެ ގޮތް ވާނެތީ. އަދި ކެންސަރު ހުރިކަން ދެނެގަނެވޭލެއް އަވަސްވާ ވަރަކުން ބަލި މީހަކަށް ކެންސަރާ ހަނގުރާމަކޮށް އެބަލިކުރުމުގެ ފުރުސަތު ބޮޑުވާނެ،" އެމެރިކާގެ ލޮސް އެންޖަލިސްގެ ޔުނިވަސިޓީ އޮފް ކެލިފޯނިޔާގެ ޕްރޮފެސާ ޖޭސްމީން ޒައު ވިދާޅުވި އެވެ.

ޕްރޮފެސަރު ޒައު އަކީ މި ދިރާސާ ރިޕޯޓު ލިޔުއްވުމުގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ.

"އަހަރެމެން ތައްޔާރުކޮށްފިން ކެންސަރު ހުރި ތަންތަން ކޮމްޕިއުޓަރުން ފާހަގަ ކުރެވޭ ކަހަލަ ޓެސްޓެއް. ހަމަ އެކަނި ލޭގެ ސާމްޕަލެއް ނަގައިގެން އެއީ ކޮން ވައްތަރެއްގެ ކެންސަރެއް ކަން ވެސް ދެނެގަނެވޭނެ،" ޕްރޮފެސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ޓެކްނޮލޮޖީ އޮތީ އަދި ވަރަށް ޅަފަތުގަ އެވެ. މިއީ ބަރާބަރު އެއްޗެއްކަން އެހެން މީހުންނަށް ވެސް ގަބޫލުކޮށްދީގެން ނޫނީ މިކަން ފެށޭ ގޮތެއް ނުވާނެ އެވެ. ނަމަވެސް މި ޓެސްޓުން ލިބޭ ފައިދާ އިންތިހާއަށް ބޮޑެވެ.

އިނގިރޭސި ވިލާތުގައި އެކަނިވެސް އަހަރަކު 350،000 މީހުންނަށް ކެންސަރު ޖެހެ އެވެ. ނަމަވެސް ބަލީގެ ކުރީކޮޅު ދެނެގަނެވޭ ވައްތަރުތަކުގެ ކެންސަރު ޖެހޭ މީހުންގެ 90 ޕަސެންޓް ފަސް އަހަރެއްހާ ދުވަހު ދުނިޔޭގައި ތިބެ އެވެ. ނަމަވެސް ބަލިހުރިކަން އެނގޭލެއް ލަސްވާ މީހުންގެ ތެރެއިން ފަސް އަހަރު ވަންދެން ދުނިޔޭގައި ތިބެވެނީ އެންމެ 15 ޕަސެންޓް މީހުންނެވެ.

އަލަށް އީޖާދުކުރި ޓެސްޓްތައް ޗެކްކުރުމަށްޓަކައި ފުރަމޭގެ ކެންސަރު ޖެހިފައިވާ 29 މީހެއްގެ ސާމްޕަލާއި ފުއްޕާމެއަށް ކެންސަރު ޖެހިފައިވާ 12 މީހެއްގެ ސާމްޕަލާއި އުރަމައްޗަށް ކެންސަރު ޖެހިފައިވާ ފަސް މީހެއްގެ ސާމްޕަލް 10 ފަހަރެއްގެ މަތިން ވަނީ ޗެކްކުރި އެވެ. ކޮންމެ 10 ސާމްޕަލަކުން 8 ސާމްޕަލެއްގައި ކެންސަރު ހުރިކަން މި ޓެސްޓުން ފެނުނެވެ. ޕޮޒިޓިވް ނުވަނީސް ޕޮޒިޓިވް ކަމަށް ދެއްކީ ކޮންމެ 100 އަކުން އެއް ފަހަރު އެވެ.

ކެންސަރުގެ ކުރީކޮޅުގެ ސްޓޭޖްތަކުގައި ލޭގައި ޓީއުމަރުގެ ޑީއެންއޭ ލެވެލް ހުންނަލެއް މަދުވިޔަސް، ބަލި ހުރިކަން ދެނެގަނެވޭނެ ގޮތް މި ޕްރޮގްރާމުން ލިބެ އެވެ. އަދި މިއީ ކެންސަރު ހުރިކަން ބަލީގެ ވަރަށް ކުރީކޮޅު ދެނެގަތުމުގެ ގާބިލްކަން ހުރި ޓެސްޓެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

އަޅާނުލާ ދޫކޮށްލައިގެން ނުވާނެ ކެންސަރުގެ ފަސް ނިޝާނެއް

• ޑައެޓްކުރުމަކާ ނުލައި ބަރުދަން ކުއްލިއަކަށް މާބޮޑަށް ލުއިވަމުން ދިއުން

• ކުޑަކަމު އަދި ބޮޑުކަމުދާ އެއްޗެހީގައި ލޭ ހުރުން

• ކެއްސާލުމުން ލޭ އައުން

• އުރަމަތީގައި، ކުރިމަތިފަރާތުގައި، ކަރުގެ ދެ ފަރާތުގައި އަދި ކިހިލިފަތްދޮށުގައި ގަނޑު ނުވަތަ ގޮށް ހުރުން

• ބުނަން ނޭނގޭ ކަހަލަ ތަދާއި ވޭން ހަށިގަނޑުގައި ހުރުން.

ޖާނަލް އޮފް ޖީނޯމް ބައޮލޮޖީގައި ޕްރޮފެސަރު ލިޔުއްވާފައިވާ މި ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތުގައި ޓިއުމަރެއްގައި ގިނައިން ޑީއެންއޭ ހުރި މިންވަރަކުން ލޭގެ ސާމްޕަލްގައި ވެސް އެ ޑީއެންއޭ ހުރުމުގެ ފުރުސަތު އޮވެ އެވެ. އަދި ކެންސަރު ހުރިތޯ ބަލަން ހަދާ ޓެސްޓުގެ ނަތީޖާ ރަނގަޅަށް ނެރެވެނީ ވެސް މިގޮތަށް ލޭގައި ޑީއެންއޭ ގިނަވި ވަރަކަށެވެ.