Roadha Mihaaru

ހުޅުދޫ ފަޅުގައި އެޅި ދަލެއްގައި އޮޅި ވެލަޔާއި މިޔަރާއި މަޑިތައް މަރުވެފައި!

ސ. ހުޅުދޫގެ ބަނދަރާ ދިމާލު އަތިރިމައްޗަށް ސާނީ އާއި އޭނާގެ ރައްޓެހިންތަކެއް މިިދިޔަ އަންގާރަ ދުވަހު ދިޔައީ ފޮޓޯ ޝޫޓަކަށެވެ. މެންދުރު ފަހު 3:00 ހާއިރު ފޮޓޯ ނަގައި ނިންމާލުމަށް ފަހު، ރީތި ބޮއްޔާއި ރިނދަލި ފަދަ އެއްޗެހި ހޮވަން އުޅެނިކޮށް ފެނުނީ ހިތްދަތި މަންޒަރެކެވެ.

ދަލެއްގައި އޮޅި ވެލަޔާއި މިޔަރާއި މަޑިތައް މަރުވެފައި!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖޫން 2020

ސ. ހުޅުދޫގެ ބަނދަރާ ދިމާލު އަތިރިމައްޗަށް ސާނީ އާއި އޭނާގެ ރައްޓެހިންތަކެއް މިިދިޔަ އަންގާރަ ދުވަހު ދިޔައީ ފޮޓޯ ޝޫޓަކަށެވެ. މެންދުރު ފަހު 3:00 ހާއިރު ފޮޓޯ ނަގައި ނިންމާލުމަށް ފަހު، ރީތި ބޮއްޔާއި ރިނދަލި ފަދަ އެއްޗެހި ހޮވަން އުޅެނިކޮށް ފެނުނީ ހިތްދަތި މަންޒަރެކެވެ.

އެ މީހުންނަށް ފެނީ ބަޔަކު މޫދަށް ދޫކޮށްލާފައި އޮތް ދަލެއްގައި ޖެހި މިޔަރާއި ވެލަޔާއި މަޑި ފަދަ އެއްތައް އެއްޗެއް މަރުވެފައި ތިއްބަ އެވެ. ގިނައީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކެވެ.

ދަލުގައި އޮޅި މަރުވެފައި އޮތް މަޑިއެއް.-- ފޮޓޯ މަނާލް

ދަލުގައި އޮޅި މަރުވެފައި އޮތް މަޑިއެއް.-- ފޮޓޯ މަނާލް

ސާނީ ބުނިގޮތުގައި މޫދު ކައިރިއަށް ދިޔައިރު، އެއްވެސް ހަރަކާތެއް ނެތި، ތިން ވެލާ މޫދުގައި އޮތްތަން ފެނުނު ކަމަށެވެ. އޭގެ އެއްވެސް ހަރަކާތެއް ނެތުމުން ގޯހެއް އުޅޭކަމަށް އެމީހުންނަށް ވިސްނުނެވެ. އެއީ ރާޅު ޖަހާ ހިސާބުން ފެށިގެން ފަސް ވަރަކަށް މީޓަރު ބޭރެވެ.

"ކައިރިވެފައި ރަނގަޅަށް ބަލައިލިއިރު ނެޓެއްގައި ޖެހިފައިވާކަން މި އެނގުނީ. ފުރަތަމަ ނެޓު ދަމާލީމަ ގާތްގަނޑަކަށް ފޫޓެއް ވަރުގެ ތިން ވެލާ ފެނުނު. ވަޅިއެއް ގެނެސް އެ އެއްޗެހި ސަލާމަތްކުރަން އުޅުނީ،" ސާނީ ބުންޏެވެ.

މަރު ނުވެ އޮތް ކުޑަ ތިން ވެލާ ސަލާމަތްކުރަން އުޅެނިކޮށް ބޮޑު ވެލައެއް ވެސް ފެނުނެވެ. ނަމަވެސް އޭތި އޮތީ މަރުވެފަ އެވެ.

ދާ ނަގަން ދަމަމުން ދިޔަ ވަރަކަށް ދަލުގައި ޖެހިފައި ހުރި އެއްޗެހި ދިޔައީ އިތުރަށް ފެންނަމުންނެވެ. އޭގައި އެކި ވައްތަރުގެ މަޑި އާއި ކުދިކުދި ފަސް ވަރަކަށް މިޔަރު ފެނުނު ކަމަށެވެ. އެ ހުރިހާ އެއްޗެހީގެ ތެރެއިން ސަލާމަތްވީ ކުޑަ ތިން ވެލާ އެކަަންޏެވެ.

"ފަހަރަކު ވެލައެއް މޫދަށް ދޫކޮށްލަމުން ދިޔައީ. ވަރަށް ދެރަވި މަންޒަރެއް އެއީ،" އޭނާ ބުންޏެވެ.

ސާނީ ބުނީ، އެ އެއްޗެހި އަމިއްލައަށް ސަލާމަތްވުުމަށްޓަކައި ތެޅުމުން ދާ ވެސް އޮތީ ވަރަށް ބޮޑަށް ބާރުވެފައި ކަމަށެވެ.

ދާ އަޅައިގެން މަސް ހިފުމަކީ މަނާ ކަމަކެވެ. އެހެންވެ އެ އެކަން އެ މީހުން ވަގުތުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް އެންގި އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އަށް ގުޅުމުން އިއްޔެ ބުނީ އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ. އަދި ކައުންސިލުން ވެސް ބުނީ މިފަދަ ކަމެއް ހިނގިކަން އެނގިފައިނުވާ ކަމަށެވެ.

ސާނީ ގަބޫލުކުރާ ގޮތުގައި އެ ދަލަކީ އެ ހާދިސާ ހިނގުމުގެ އެއް ދުވަސްކުރިން އެ ސަރަހައްދުގައި މީހަކު އެޅި ދަލެކެވެ.

އެ ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އިންސާނިއްޔަތުކަން އިސްކޮށް ކަނޑުގެ ދިރުންތައް ސަލާމަތްކުރަން ވެސް ބައެއް މީހުން ގޮވާލާފައިވެ އެވެ.

ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ ޑައިވަރު ޒޫނާ ނަސީމް، ވީޑިއޯއާ އެކު އިއްޔެ ކުރި ޓްވީޓަށް ކޮމެންޓް ކުރި މީހަކު ބުނީ އެއްލައިލާ ދަލުން ކުރިމަތިވަނީ ކިހާ ބޮޑު ނުރައްކަލެއްކަން ފީނާ މީހަކަށް އެނގޭނެ ކަމަށެވެ. އެއީ ހިތާމަވެރި މަންޒަރެއް ކަމަށް ޓްވީޓުގައި ބުންޏެވެ.

ދާ އަޅައިގެން މަސް ހިފުމަކީ މަނާ ކަމަކަށް ވިޔަސް މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އަދި ހާއްސަކޮށް، ދަތުރު ގޮސް އުޅޭއިރު ފަސޭހައިން އަވަހަށް މަސް ހިފަން ދާ ބޭނުންކުރެ އެވެ. މިގޮތަށް ގެންގުޅޭ ދާ މޫދަށް އެއްލައިލުމުން ކަނޑުގެ ދިރުންތައް ނުރައްކަލަށް ހުށަހެޅެ އެވެ.