Roadha Mihaaru

މަނާވި ދާއިރާތަކަށް އިންވެސްޓްކޮށްގެން ތިބި ބިދޭސީންނަށް މުހުލަތެއް

ރާއްޖޭގައި ބޭރުމީހުންނަށް އިންވެސްޓް ނުކުރެވޭނެ ކަމަށް ކަނޑައެޅި ދާއިރާތަކުން ކުރިން އިންވެސްޓްކޮށްގެން ތިބި ބިދޭސީންނަށް އެ މީހުންގެ އިންވެސްޓްމަންޓް އަނބުރާ ގެންދަން ނުވަތަ ދިވެއްސެއްގެ ނަމަށް ބަދަލުކުރަން ސަރުކާރުން މުހުލުތަކެއް ދީފި އެވެ.

މަނާވި ދާއިރާތަކުގެ ބިދޭސީ އިންވެސްޓަރުންނަށް މުހުލަތެއް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

12 އޮކްޓޯބަރ 2025

ރާއްޖޭގައި ބޭރުމީހުންނަށް އިންވެސްޓް ނުކުރެވޭނެ ކަމަށް ކަނޑައެޅި ދާއިރާތަކުން ކުރިން އިންވެސްޓްކޮށްގެން ތިބި ބިދޭސީންނަށް އެ މީހުންގެ އިންވެސްޓްމަންޓް އަނބުރާ ގެންދަން ނުވަތަ ދިވެއްސެއްގެ ނަމަށް ބަދަލުކުރަން ސަރުކާރުން މުހުލުތަކެއް ދީފި އެވެ.

ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް އަދި އިންވެސްޓް ކުރެވޭނެ ނިސްބަތް ކަނޑައަޅައި ކުރިން އާއްމުކޮށްފައި އޮތް އުސޫލު ބަދަލުކޮށް މިދިޔަ ހަފުތާގައި ވަނީ އާ އުސޫލެއް ގެޒެޓްކޮށްފަ އެވެ.

ބިދޭސީންނަށް އެއްގޮތަަކަށް ވެސް އިންވެސްްޓް ނުކުރެވޭނެ ދާއިރާތަކެއް އެ އުސޫލުގައި އޮތް އިރު، އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ އިންވެސްޓްކުރުމުގެ ފުރުސަތު ކުރިން އޮތް ދާއިރާތަކެވެ. އަދި ގިނަ އަދަދެއްގެ ބޭރު އިންވެސްޓްމެންޓް އެ ދާއިރާތަކުގައި ހިމެނެ އެވެ.

އެހެންވެ، އެ އިންވެސްޓްމެންޓްތަަކަށް ބަދަލުގެންނަން ކަނޑައެޅި މުހުލަތުތައް ވެސް އާ އުސޫލާ އެކު ގެޒެޓްކުރި އެވެ. އާ އުސޫލާ އެކު އާއްމުކުރި އެނެކްސް 2 ގައި އޮތީ މަނާވި ދާއިރާތަކުން އިންވެސްޓްކޮށްގެން ތިބި ބިދޭސީންނަށް އެ މީހުންގެ ހިއްސާ ދޫކޮށްލަން ނުވަތަ ގެންދަން ދީފައިވާ މުހުލަތުތަކެކެވެ.

ހިއްސާ ދޫކޮށްލަން ޖެހޭ ދާއިރާތަކާއި މުހުލަތުތައް

- ޖެނެރަލް ސޭލްސް އޭޖެންޓް: އެއް އަހަރު ދުވަސް

- ކާގޯ ސޭލްސް އޭޖެންޓް: އެއް އަހަރު ދުވަސް

- ޕެސެންޖާ ސޭލްސް އޭޖެންތް: އެއް އަހަރު ދުވަސް

- ޚިދުމަތް ދިނުމުގެ ވިޔަފާރިތައް: އެއް އަހަރު ދުވަސް

ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދިނުން

މި ދާއިރާގެ އިންވެސްޓްމެންޓް އަނބުރާ ގެންދަން ނުވަތަ ހިއްސާ ދޫކޮށްލަން މުހުލަތު ދިނުން ބިނާކުރާނީ ކޮށްފައިވާ އިންވެސްޓްމެންޓްގެ ބޮޑުމިނަށެވެ. ފަަސްމިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ތިން އަހަރު ދުވަސް ލިބޭ އިރު ފަސް މިލިޔަން ޑޮލަރާއި 10 މިލިޔަން ޑޮލަރާ ދެމެދުގެ އިންވެސްޓްމެންޓެއް ނަމަ ފަސް އަހަރު ދުވަސް ލިބޭ އިރު 10 މިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ހަތް އަހަރުދުވަސް ލިބޭނެ އެވެ.

އިންވެސްޓްކޮށްފައިވާ ފައިސާގެ އަދަދުކަމަށް ބަލާނީ އާ އުސޫލަށް އަމަލުކުރަން ފެށުމާ ހަމައަށް އިންވެސްޓްކޮށްފައިވާ ފައިސާގެ އަދަދެވެ. އިކޮނޮމިކް މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން، އިތުރަށް ފުޅާ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ޑޮމެސްޓިކް ލޮޖިސްޓިކް ސާވިސް: 3-7 އަހަރު ދުވަސް

ރިއަލް އެސްޓޭޓް ވިޔަފާރި/ ރެސިޑެންޝަލް ރިއަލް އެސްޓޭޓް ވިޔަފާރި: މި ދާއިރާއިން ކޮށްފައިވާ އިންވެސްޓްމެންޓާ އެކު ބިދޭސީންގެ ހިއްސާ ދޫކޮށްލަން ޖެހޭނީ މަޝްރޫއު ހިންގަން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

ހޯލްސޭލް އަދި ރީޓެއިލް ދާއިރާ: އެއް އަހަރު ދުވަސް

އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން. މަނާވި ދާއިރާތައް ހުއްދަކޮށް އޮތް އިރު އިންވެސްޓްކޮށްގެން ތިބި މީހުންނަށް ދޭ ޓްރާންސިޝަން މުހުލަތު ލިބޭނީ އޮންނަ އުސޫލުން އެކަމަށް އެދި ހުށަހަޅައިގެންނެވެ. ޓްރާންސިޝަން މުހުލަތު ހޯދަން ހުށަހަޅާ ފޯމާ އެކު އިންވެސްޓްމެންޓާ ގުޅޭ ހުރިހާ މައުލޫމާތެއް ހުށަހަޅަން ޖެހޭނެ އެވެ. އޮޑިޓްކޮށްފައިވާ އެކައުންޓްތަކުގެ ތަފްސީލާއި ހިއްސާ ބެހިފައިވާ ގޮތުގެ އޮނިގަނޑުގެ ތަފްސީލާއި ކޮންޓްރެކްޓްތަކުގެ ތަފްސީލާއި ޓެކްސް ކްލިއަރެންސް އަދި ޕްރޮޖެކްޓްތަކަށް ދީފައިވާ ކޮމިޓްމެންތްތަކުގެ ތަފްސީލު އެގޮތުން ހުށަހަޅަން ޖެހޭނެ އެވެ.