Roadha Mihaaru
އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި ބާއްވަނީ

އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރުގައި، ދިވެހި ސޮފްޓްވެއާތަކަށް ހާއްސަ ފުރުސަތުތަކެއް

08 ސެޕްޓެމްބަރ 2016

އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އަންނަ ނޮވެމްބަރު މަހަށް ފަސްކޮށް، ސޮފްޓްވެއާ ހަދާ ދިވެހިންނަށް އެ ފޯރަމްގައި ހާއްސަ ފުރުސަތުތަކެއް ދޭން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އަންނަ ނޮވެމްބަރު މަހަށް ފަސްކޮށް، ސޮފްޓްވެއާ ހަދާ ދިވެހިންނަށް އެ ފޯރަމްގައި ހާއްސަ ފުރުސަތުތަކެއް ދޭން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ނޮވެމްބަރު 21 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އާއި އިންޑިއާ ސަރުކާރު މަޝްވަރާކުރުމަށް ފަހު، އެފަދަ ފޯރަމެއް ބޭއްވޭ ވަރުގެ ބޮޑު ތަނެއް ލިބެނީ އެ ތާރީހުގައި ކަމަށް ވާތީ އެވެ.

ކުރިން ނިންމާފައި އޮތީ އިންވެސްޓްމަންޓް ފޯރަމް އަންނަ މަހު ބާއްވާށެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ނިންމީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވެވި މަޝްވަރާތަކުގަ އެވެ. އެ ފޯރަމް ބާއްވަން އިންޑިއާ ސަރުކާރުން އެހީވާން ވެސް އެއްބަސްވެފައި ވާއިރު، ފޯރަމްގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިދިޔަ މަހު އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖާ އެކު މަޝްވަރާ ވެސް ކުރެއްވި އެވެ.

ދިއްލީގައި ބާއްވާ ފޯރަމްގައި، ދިވެހިން ހަދާފައިވާ ސޮފްޓެވެއާ ދައްކާލުމުގެ ފުރުސަތު ދޭން ވެސް ވަނީ ނިންމާފަ އެވެ.

މިހާ ގްލޯބަލައިޒްޑް ދުނިޔެއެއްގައި އައިޓީ ސެކްޓަރުގައި، އިންފޮމޭޝަން ޓެކްނޮލިޖީގައި ވެސް ދިވެހި އުފެއްދުން ހުންނަން ވާނެ -- މިނިސްޓަރު ސައީދު

ސައީދު ވިދާޅުވި ގޮތުގައި ސޮފްޓްވެއާ ހަދާ ދިވެހިން ބައިވެރިވާ މުބާރާތެއް ބާއްވައި އެ މުބާރާތުން އެންމެ މޮޅު ފަސް ސޮފްޓްވެއާ ހޮވުމަށް ފަހު އެ ފަރާތްތަކަށް އިންވެސްޓްމަންޓް ފޯރަމުން ފުރުސަތު ދޭނެ އެވެ. އެ ފަސް މީހުންގެ ޓިކެޓާއި އިންޑިއާގައި ތިބުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައި ދިނުމުގެ އިތުރަށް، އެ މުބާރާތުން ހޮވާލެވޭ އިތުރު 10 ފަރާތަކަށް އަމިއްލަ ހަރަދުގައި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިޔެލާ ޖެހުމާއި ކުނާ ވިޔުމާއި ދަޅުގައި މަސް ބަންދުކުރުމަކީ ވެސް ދިވެހި އުފެއްދުން. ހަމަ އެ ގޮތަށް، މިހާ ގްލޯބަލައިޒްޑް ދުނިޔެއެއްގައި އައިޓީ ސެކްޓަރުގައި، އިންފޮމޭޝަން ޓެކްނޮލިޖީގައި ވެސް ދިވެހި އުފެއްދުން ހުންނަން ވާނެ،" ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލޯނު ސްކީމް ހިންގުން ބީއެމްއެލްއާ ހަވާލުކުުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އައިޓީ ދާއިރާ އިން ދިވެހިންގެ ހުނަރު ތަރައްގީކޮށް، އިޝްތިހާރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ބާއްވާ މިފަދަ ފޯރަމްތަކުގައި އެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދިވެހިންނަށް ހާއްސަ ފުރުސަތުތަކެއް ހޯދައި ދޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ވބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހެވަން މަޝްރޫއު ހިމެނެ އެވެ.