މާލޭގެ މޭޔަރު އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފި އެވެ.
05 ނޮވެމްބަރ 2025
މާލޭގެ މޭޔަރު އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފި އެވެ.
ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެންބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންވެ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ވެސް އަލުން އިންތިހާބުކުރަންޖެހޭނެ އެވެ.
އެ އިންތިހާބުގައި ވާދަކުރަން ނިންމަވައި އާޒިމް ވަނީ އޭނާގެ ބައެއް ސަޕޯޓަރުންނާ އެކު ރޭ ބައްދަލުވުމެއް ވެސް ބާއްވައިތާއީދު ހޯއްދެވުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފަ އެވެ. އެކަމަކު އާޒިމް ނިސްބަތްވާ، އިދިކޮޅު އެމްޑީޕީން މޭޔަރު ކަމުގެ މަގާމަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަދި ޕްރައިމަރީއެއް ނުބާއްވަ އެވެ.
އާޒިމް، "މިހާރު" އަށް ވިދާޅުވީ މިހާތަނަށް އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އޭނާ އެކަނި ކަމަށާއި އެހެންވެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެއްޓެވީ ކަމަށެވެ.
In Sha Allah , Vaane Kuraane @adamazim pic.twitter.com/0mj5vWOxXr
— Highrise Issey (@highriseissey) November 4, 2025
އާޒިމް ވިދާޅުވީ އޭނާ މި ވަގުތު ހުންނެވި ދެ އަހަރު ޓާމްގެ ތެރޭގައި، މާލޭގެ ރައްޔިތުން ދިމާވެފައިވާ އެކި މައްސަލަތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ. ފެން ބޮޑުވުމަކީ މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް ވެސް ބޮޑު ހައްލެއް ހޯދައިދެވިފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.
"ދެ އަހަރުގެ ޓާމެއްގައި މާލޭ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފެން ބޮޑުވުން ކަހަލަ މައްސަލަތައް ހައްލުކޮށްފައި އަޅުގަނޑުމެން ދެ ވަނަ ދައުރަކަށް މި އަންނަނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ފުރިހަމަ ފަސް އަހަރުގެ ދައުރެއް އަދާކުރެއްވިއްޖެ ނަމަ މިހާރު ކޮށްދެވިފައިވާ މަސައްކަތަށް ވުރެ މާ ގިނަ މަސައްކަތް ކޮށްދެވޭނެ ކަމަށް އާޒިމް ގަބޫލުކުރައްވާ ކަމަށެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި މި މަސައްކަތްތައް ކުރުމަށް ފުރިހަމަ ދައުރެއް ލިބުމަކީ މުހިއްމު ކަމެކެވެ.
މާލޭގެ މޭޔަރު ކަމުގެ މަގާމަށް އަލުން ވާދަކުރައްވަން ނިންމަވައި މޭޔަރު އާދަމް އާޒިމް ރޭ ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ.
"މާލޭގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާއި ބޯހިޔާވަހިކަމުގެ މައްސަލަ ކަހަލަ ކަންތައްތަކަށް މަސައްކަތް ކުރަންޖެހިފައި އޮތީ. އަޅުގަނޑު ކުރަންޖެހޭ ކަންތައްތަކަށް ހައްލު ހޯދުމަށް ފުލް ޓާމެއް ބޭނުންވާ ކަމަށް ގަބޫލުކުރެވޭތީ ދެވަނަ ދައުރަކަށް މި ކުރިމަތިލަނީ."
މޭޔަރުކަމުގެ ކެމްޕެއިން އާޒިމް ފެއްޓެވިއިރު އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް އަދި ނޭނގެ އެވެ. ކައުންސިލުގައި މިހާރު ވެސް އޮތީ، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ.
އާޒިމް މާލޭގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ ވާދަކުރައްވަ އެވެ.
ކައުންސިލްގެ 8 ކޮންސަލްޓަންޓުންނަށް މަހަކު ދެ ލައްކަ
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
އެމްޑީޕީ ޓިކެޓުން އިންތިހާބުވި ކައުންސިލަރު ޕީއެންސީއަށް
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!
ބުޅަލުގެ މައްސަލަ ހައްލުކުރަން އާޒިމްގެ ބޮޑު ޕްލޭނެއް
މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި
ބިން ވެރިންގެ ހައްގުގައި މަސައްކަތް ކުރާނަން: އާޒިމް