Roadha Mihaaru

ހިރިމަރަދޫގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ: ހީނާ

ހދ. ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިޔަސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫގައި މީހުން އުޅޭނަމަ އަސާސީ ހިދުމަތްތައް ދޭނެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 ނޮވެމްބަރ 2025

ހދ. ހިރިމަރަދޫގެ މީހުން އެހެން ރަށަކަށް ބަދަލުކުރަން ނިންމިޔަސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި، ހިރިމަރަދޫއިން މީހުން ހުސްކޮށް، ހދ. ހަނިމާދޫއަށް ބަދަލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް، ސަރުކާރުން ދާދިފަހުން ވަނީ ހިރިމަރަދޫގައި ކުނި މެނޭޖުކުރާ ސެންޓަރެއް އަޅަން ބަޔަކާ ހަވާލުކޮށްފަ އެވެ.

އެކި ރަށްރަށުގައި 206 ޕްރޮޖެކްޓެއް ހިންގަން ތިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު މިދިޔަ ބުރާސްފަތި ދުވަހު ހަވާލު ކުރިއިރު، ހިރިމަރަދޫގައި 4.1 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހިންގަން ހަވާލުކުރީ ބިލްޑްޓެކް ކިޔާ ކުންފުންޏަކާ އެވެ.

ނަމަވެސް، މީހުން ބާލަން ނިންމާފައިވާ ރަށެއްގައި ޕްރޮޖެކްޓެއް ހިންގަން ނިންމުމުން ގިނަ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް އެކަމާ ގުޅިގެން ހީނާ "މިހާރު"އަށް ވިދާޅުވީ ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދާހާ ހިނދަކު ސަރުކާރުން ގާއިމްކޮށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މީހުން ހުސްކުރަން ނިންމާފައި ވަނިކޮށް، އެފަދަ ޕްރޮޖެކްޓެއް ހިންގުމަކީ އިސްރާފަކަށް ނުވާނެތޯ ސުވާލު ކުރުމުން ހީނާ އެކަމަށް ވަކި ޖަވާބެއް ނުދެއްވަ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އޮގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ހިރިމަދުއަަށް ވަޑައިގެން، ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ.

އޭރު ރައީސް ވިދާޅުވެފައިވަނީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ ކަމަށާއި އަދި 18 މަސް ތެރޭގައި އެތަންތަނުގެ މަސައްކަތް ނިންމައި، ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެރަށަށް ބަދަލުވާން މަޖުބޫރު ކުރުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީހުން ބަދަލުކުރަން ނިންމާފައި އޮތުމުން، ހިރިމަރަދޫން ގޯތި ދޫކުރުން ވެސް ފަހުން އޮތީ ހުއްޓުވައިފަ އެވެ.

ހައުސިން މިނިސްޓްރީން މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ނެރުނު އިއުލާނުގައި ބުނީ ހިރިމަރަދޫން އެ މަހުގެ 24 ގެ ނިޔަލަށް ގޯތި ލިބިފައިވާ މީހުންނަށް ހަނިމާދޫން ގޯތި ލިބޭނެ ކަމަށެވެ. އެހެންވެ، ގޭގެ ރަޖިސްޓްރީ ބަދަލުކުރުން ފަދަ ކަންކަން ނުކުރަން ވަނީ އަންގައިފަ އެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން އެނގޭ ގޮތުގައި އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.