Roadha Mihaaru

ނުވަ އަހަރުގެ އުއްމީދު ހާސިލްވުމުން އުރާލީ މަންމަ

މިސްޓަ މޯލްޑިވްސްގެ މަގާމް ހާސިލްކުރަން އޭނާ މަސައްކަތްކުރާތާ ނުވަ އަހަރުވީ އެވެ. ވަރަށް ގިނަ ވަގުތާއި، ފައިސާ އަދި، ހަކަތަ އެކަމަށް ހޭދަކުރި އެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ރޭ ހަގީގަތަކަށްވީ އެވެ. އެކަމުގެ އުފަލުގައި އެންމެ ބޮޑަށް ބައިވެރިކުރީ މަންމަ އާއި ބައްޕަ އެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އަށް އެންމެ ބޮޑަށް ސަޕޯޓެއް ދިނީ އެ ދެ މީހުންނެވެ.

ނުވަ އަހަރުގެ އުއްމީދު ހާސިލްވުމުން އުރާލީ މަންމަ
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

09 ނޮވެމްބަރ 2025

މިސްޓަ މޯލްޑިވްސްގެ މަގާމް ހާސިލްކުރަން އޭނާ މަސައްކަތްކުރާތާ ނުވަ އަހަރުވީ އެވެ. ވަރަށް ގިނަ ވަގުތާއި، ފައިސާ އަދި، ހަކަތަ އެކަމަށް ހޭދަކުރި އެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ރޭ ހަގީގަތަކަށްވީ އެވެ. އެކަމުގެ އުފަލުގައި އެންމެ ބޮޑަށް ބައިވެރިކުރީ މަންމަ އާއި ބައްޕަ އެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާ އަށް އެންމެ ބޮޑަށް ސަޕޯޓެއް ދިނީ އެ ދެ މީހުންނެވެ.

ޕޮލިހުގައި ވަޒީފާއަދާކުރާ އަޒްނީން ރަޝާދު، މިސްޓަ މޯލްޑިވްސްގެ އޯވަރޯލް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ވަނީ ބޮޑީބިލްޑިން އޯޕަން ކެޓަގަރީން ވެސް އެއް ވަނަ ހޯދައިފަ އެވެ. މިސްޓަ މޯލްޑިވްސްގެ ޓްރޮފީ އޭނާއާ ރޭ ހަވާލުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

އަޒްނީން ވަނީ މި މުބާރާތުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީގެ ޗެމްޕިއަންކަން މީގެ ކުރިން ފަސް ފަހަރު ހޯދައިފަ އެވެ. އަޒްނީން ބުނީ، ފަހުން އައިސް އެ ކެޓަގަރީގައި އޭނާއާ ޗެލެންޖްކޮށްލާނެ މީހަކު ނުހުންނަ ކަމަށެވެ. އެހެންވެ ހަށިގަނޑު ރީތިވެ، މަސްތައް ވަރުގަދަވެފައިވާތީއާ އެކު، މިސްޓަ މޯލްޑިވްސްގެ އުއްމީދު ހާސިލްކުރަން މި ފަހަރު ބޮޑީބިލްޑިން އޯޕަން ކެޓަގަރީގައި ވާދަކުރަން ނިންމީ އެވެ.

"ވަރަށް އުފާވެފައި މިހިރީ،" ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުން ވިވިދިގެން ތިން އަހަރު ރަން މެޑަލް ހޯދާފައިވާ އަޒްނީން ބުންޏެވެ.

"މިއީ ވަރަށް ގިނަ ދުވަހުގެ ސެކްރިފައިސް."

އަޒްނީން (ކ) އަށް މާލޭ ސިޓީގެ މޭޔަރު އާޒިމް މެޑަލް ދެއްވަނީ. -- ފޮޓޯ: ބޮޑީބިލްޑިން އެސޯސިއޭޝަން

އަޒްނީން (ކ) އަށް މާލޭ ސިޓީގެ މޭޔަރު އާޒިމް މެޑަލް ދެއްވަނީ. -- ފޮޓޯ: ބޮޑީބިލްޑިން އެސޯސިއޭޝަން

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ވެސް ހޯދާފައިފާ އަޒްނީން ބުނީ މިކަމުގައި އޭނާ އަށް އަބަދުވެސް އެންމެ ބޮޑު ހިތްވަރަކާއި، އެހީތެރިކަމެއް ދިނީ މަންމަ އާއި ބައްޕަ ކަމަށެވެ.

ރޭ ޓްރޮފީ ލިބުމާ އެކު އަޒްނީން ވަނީ މަންމަ އާއި ބައްޕަ ސްޓޭޖަށް އަރުވައިފަ އެވެ. އަދި މަންމަގެ އަތަށް ޓްރޮފީ ދިނުމަށް ފަހު، އޭނާ މަންމަ އުރާލީ އެވެ. އެ ފޮޓޯ އަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. "އެއް ދުވަހު މަންމަ ގާތު ވައުދުވިން މިސްޓަ މޯލްޑިވްސްގެ މަގާމް ހާސިލްކުރާނެ ކަމަށް. އެކަން ކާމިޔާބުވުމުން ބޭނުންވީ މަންމަ އަތަށް ޓްރޮފީ ދޭން،" އޭނާ ބުންޏެވެ.

އަޒްނީންގެ ދެން އޮތް ޗެލެންޖަކީ އިންޑޮނީޝިއާގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕެވެ. މާދަމާ އެ މުބާރާތަށް ފުރާއިރު އަޒްނީންގެ އަމާޒަކީ، މީގެ ކުރިން ތިން އަހަރު އެ މުބާރާތުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީން ހޯދި ފަދަ ކާމިޔާބެއް ހޯދުމެވެ. މި އަހަރު ވާދަކުރާނެ ކެޓަގަރީ ނިންމާނީ އިންޑޮނީޝިއާ އަށް ގޮހެވެ.

މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި ޕޮލިސް ކްލަބް ތަމްސީލްކުރި އަޒްނީން މުބާރާތުގެ އޯޕަން ކެޓަގަރީން އެއް ވަނަ ހޯދީ ފިޓްކޮންގެ އިސްމާއީލް ޝުއާއު އަބްދުﷲ އާއި، ޖިމްނޭސިއާގެ ހުސެއިން ރިޔާޒުއާ ވާދަކޮށްގެންނެވެ.

އެހެން ކެޓަގަރީތަކަށް ބަލާއިރު، ސްޕޯޓްސް ފިޒީކްގެ ޗެމްޕިއަންކަން އަކީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު ނައީމެވެ. އެތުލެޓިކްސް ފިޒީކް އޯވަރޯލް ޗެމްޕިއަނަކީ އެކްސްޓްރީމްގެ އަލީ މަބްރޫކް ލަތީފެވެ. ޓީމު ޗެމްޕިއަންއަކީ، އެކްސްޓްރީމް ފިޓްނަސް އެވެ. ދެ ވަނަ ހޯދީ، ސިފައިންގެ ކްލަބެވެ. އަދި ތިން ވަނަ އަކީ ޕޮލިސް ކްލަބެވެ.