Roadha Mihaaru

ޓީސީގެ ކުޅުންތެރިޔަކާއި، ކޯޗާއި، އޮފިޝަލަކަށް އަދަބުދީފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ކްލަބް އީގަލްސް އަތުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިވި މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުހިންގި އެ ޓީމުގެ ކުޅުންތެރިޔަކާއި، ކޯޗު އަދި އެސިސްޓަންޓް މެނޭޖަރަށް އެފްއޭއެމުން އަދަބުދީފި އެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެންމެ ބޮޑަށް އަދަބެއް ދިނީ އެ ޓީމުގެ ކުޅުންތެރިޔާ ހުސެއިން އީނާޒަށެވެ. އެގޮތުން އޭނާ ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށް 6000ރ. އިން ޖޫރިމަނާކޮށްފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އީނާޒަށް އަދަބު ދިނީ ރެފްރީ އޭނާ އަށް ކާޑު ދެއްކުމުން ހިތްހަމަނުޖެހި ކާޑު ދަމައިގަތުމުންނެވެ.

ކޯޗު އަހުސަން ރަޝީދު (ޗޭ) އަށް ދިން އަދަބަކީ ދެ މެޗަށް ސަސްޕެންޑްކޮށް، 2000ރ. އިން ޖޫރިމަނާކުރުމެވެ. އެސިސްޓަންޓް މެނޭޖަރު މުހައްމަދު ހަލަފް ވެސް ދެ މެޗަށް ސަސްޕެންޑްކުރި އެވެ. އޭނާ ޖުރިމަނާކުރީ 4000ރ. އިންނެވެ. ޗޭ އާއި ހަލަފް އަށް އަދަބު ދިނީ މެޗުގެ ފަހުކޮޅު ބެންޗުގައި ތިބެ، ރެފްރީއާ މެދު ހިތްހަމަނުޖެހި ހިންގި އަމަލުތަކަކާ ގުޅިގެންނެވެ.

އެފްއޭއެމުން ބުނީ މި ނިންމުން އިސްތިއުފާނުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.