Roadha Mihaaru
މިޔަރެއް ދިން ހަމަލާގައި ޒަހަމްވި މީހާ ލަންކާ އަށް

މިޔަރުގެ ހަމަލާގައި ޒަހަމްވި މީހާ އިތުރު ފަރުވާ އަށް ލަންކާ އަށް

31 މާޗް 2017

މިޔަރެއް ދިން ހަމަލައެއްގައި އަތަށް ބޮޑެތި ޒަހަމްތަކެއް ލިބުނު އިއްޒަތު ހަސަން އިތުރު ފަރުވާ އަށް ސްރީ ލަންކާއަށް މިރޭ ފުރައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިޔަރެއް ދިން ހަމަލައެއްގައި އަތަށް ބޮޑެތި ޒަހަމްތަކެއް ލިބުނު އިއްޒަތު ހަސަން އިތުރު ފަރުވާ އަށް ސްރީ ލަންކާއަށް މިރޭ ފުރައިފި އެވެ.

އއ. ނިކަ ރިސޯޓްގައި ވަޒީފާ އަދާކުރާ އުމުރުން 29 އަހަރުގެ އިއްޒަތު ލަންކާ އަށް ފުރުމުގެ ކުރިން "މިހާރު" އަށް ބުނީ މިދިޔަ ހޯމަދުވަހު އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނަށް ފަހު، އަތުގައި އެއްވެސް އިންފެކްޝަނެއް އުފެދިފައި ނުވާ ކަމަށެވެ. އިތުރު ފަރުވާ އަށް ލަންކާ އަށް ދިޔަ ނަމަވެސް އޭނާގެ ހާލު ގޯހެއް ނޫނެވެ.

އިއްޒަތުގެ އަތް އޮޕަރޭޝަންކޮށް، އަތުގެ ބައެއް ތަންތަން ފަހާފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ފާރުގަނޑު ރަނގަޅުވޭތޯ ބަލައި، 7-10 ދުވަސް ފަހުން، އަލުން ސާޖަރީއަކަށް ދާން ޑޮކްޓަރުން ލަފާ ދިން ކަމަށް އިއްޒަތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޑޮކްޓަރުން އެންގީ ހަށިގަނޑުގެ ބައެއް ތަންތަނުން މަސް ނަގައިގެން އަތަށް ލެއްވުމަށް ކުރާ ޕްލާސްޓިކް ސާޖަރީއެެއް ހެދުމަށެވެ.

"އެކަމަކު އަޅުގަނޑު ބޭނުން ނުވީ ޕްލާސްޓިކް ސާޖަރީ އައިޖީއެމްއެޗުން ކުރަން. އެހެންވެ އަމިއްލަ ގޮތުން ނިންމީ ރާއްޖޭން ބޭރުން މިކަމުގައި ފަރުވާ ހޯދަން،" އޭނާ ބުންޏެވެ.

އިއްޒަތު ބުނީ ލަންކާ އިން ފަރުވާ ހޯދަން ނިންމިއިރު، އޭނާ އަށް އާސަންދައިގެ ހިދުމަތް ވެސް ނުލިބޭނެ ކަން އަންގާފައިވާ ކަމަށެވެ. އެއީ އޭނާ ބުނި ގޮތުގައި އައިޖީއެމްއެޗުން ކުރެވެން އޮތް ސާޖަރީއަކަށް ވާތީ އެވެ.

އިއްޒަތު ބުނީ ކަނާތުގައި މިޔަރު ދަތް އެޅީ ޓޫރިސްޓުންނާ އެކު ފަތިހު މަހަށް ގޮސް އުޅެނިކޮށް، ބޭނުނު ހަތަރު ވަރަކަށް ފޫޓުގެ މިޔަރުގެ އަނގައިން ބުޅި ނައްޓަން އުޅެނިކޮށް ކަމަށެވެ. ހިބަރާއި ކުރުމަސް ބާނަން ކުރި މަސް ދަތުރުގައި މިޔަރެއް ބޭނުނީ އެހެން މީހަކު އެއްލި ނަނެއްގަ އެވެ.

އިއްޒަތު ބުނީ އޭނާ ބުޅި ނައްޓަން އުޅުނީ މިޔަރު ބޭނި މީހާ އަށް ބުޅި ނުނެއްޓޭނެ ކަމަށް ބުނުމުން ކަމަށެވެ. އެކަމަކު، ބުޅިއާއެކު މިޔަރު ވެސް ކަނޑަށް ދޫކޮށްލުމަށް ބުނުމުން، އެމީހާ އެކަމާ ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ. އެހެންވެ، މިޔަރު ދޯންޏަށް އަރުވަން މަސައްކަތް ކުރީ ކަމަށް ވެސް އިއްޒަތު ބުންޏެވެ.

"ފެން މައްޗަށް މިޔަރު އެރި ވަގުތު، އުރަފަތްގަނޑު ފެނުނީމަ އެނގުނީ މިޔަރެއް ކަން. ކަންފަތުގައި ހިފާފައި މިޔަރު ދޯންޏަށް ލާންވެގެން އުޅެނިކޮށް، މިޔަރު އެނބުރިލާފަ އަތުގައި ދަތް އެޅީ. އެހެންވެ ބޭ އިހްތިޔާރުގައި އަތް ދަމާލެވުނީމަ މަސްގަނޑު އިރައިގެން ދިޔައީ،" އިއްޒަތު ބުންޏެވެ.

"އެއްވެސް އިރެއްގައި މިޔަރުގެ އަނގައެއްގައި އަތެއް ނުލަން،"

އިއްޒަތުގެ އަތުގައި މިޔަރު ދަތްއެޅި، ބުޅި ނެއްޓުމަށްޓަކައި އޭގެ އަނގަޔަށް އަތް ކޮއްޕުމުން ކަމަށް މީގެ ކުރިން "މިހާރު" އިން ޖެހި ހަބަރެއްގައި ރިޕޯޓްކޮށްފައި ވެ އެވެ. އެކަމަކު އެއީ އެރި އޮޅުމަކުން ލިޔުނު އެއްޗެކެވެ.