މީހެއްގެ ބޭންކް އެކައުންޓުގެ ތަފުސީލް އާންމުކުރެއްވި މައްސަލާގައި އަސްލު ނިޔަތަކީ އެކަމާ ގުޅޭ ހަގީގަތް ހާމަކުރެއްވުން ކަމަށާއި އެކަން ކުރުމުގައި މީހާގެ ޒާތީ މައުލޫމާތެއް ހާމަކުރެއްވުނު ކަމަށްވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
25 ނޮވެމްބަރ 2025
މީހެއްގެ ބޭންކް އެކައުންޓުގެ ތަފުސީލް އާންމުކުރެއްވި މައްސަލާގައި އަސްލު ނިޔަތަކީ އެކަމާ ގުޅޭ ހަގީގަތް ހާމަކުރެއްވުން ކަމަށާއި އެކަން ކުރުމުގައި މީހާގެ ޒާތީ މައުލޫމާތެއް ހާމަކުރެއްވުނު ކަމަށްވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށާއި މަގުސަދަކަށް ވީ ޒަކާތުގެ ކަމަކާ ގުޅިގެން އެ މީހާ ހާމަކުރި މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހާމަކުރި މައުލޫމާތަކަށް ވާތީވެ، އެކަމުގެ ހަގީގަތް ބަޔާންކޮށްދެއްވުން ކަމަށެވެ.
އޭގެ މަގުސަދަކީ ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުން އަންނަނީ އަދުލުވެރިކަމާއި އިންސާފުންވެރިކަމާއި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިންކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އޭނާގެ މަގުސަދަކަށް ވީ ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުއީ ގޮތުން ޝަރުތު ފުރިހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިބި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާ އެކު ކަން ހާމަކުރެއްވުމެވެ. އަދި މީހަކު ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައި، ކަނޑައަޅާފައިވާ އުސޫލުތަކުން ފަގީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމަނާ ސަބަބު ސާފުކޮށްދެއްވުމެވެ.
"އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމްކުރަން،" ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނު ކަމަށް ވާ ނަމަ، އެކަމަށް ނިހާޔަތަށް މާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ."
ބަލި ކުއްޖަކު ހިމެނޭހެން ފަސް ކުދިން ބަލަމުން އަންނަ އެކަނިވެރި މަޔަކަށް ޒަކާތުން ހައްގު ނުވާ ކަމަށް ނިންމީ އެކައުންޓުގައި ފައިސާ ދައުރުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި ކަމަށް ތުހުމަތުކޮށް އަންހެނަކު ދެއްކި ވާހަކައަކަށް ޝަހީމް ރައްދު ދެެއްވައި، އެ މީހާގެ ބޭންކް އެކައުންޓްގައި ހުރި ފައިސާގެ އަދަދު ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރެއްވި އެވެ.
ޒަކާތު ފަންޑުން އެހީނުވި ކަމުގެ ޝަކުވާ އައިޝާ ނަމަކަށް ކިޔާ އަންހެނަކު އުފުލީ ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޝަހީމް ވެސް ބައިވެރިވެޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި އައިޝާ ބުނީ ވަރަށް ހާލުގައި ފަސް ދަރިން ބަލަމުން އަންނައިރު، އޭނާއަށް ވަޒީފާއެއް ލިބުނުތާ އަދި ވީ ހަ މަސްދުވަސް ކަމަށެވެ. އެ އާއިލާގެ ނިކަމެތި ހާލަތު ހުރިގޮތް ކަމަށް ބުނާ ގިނަ ތަފްސީލުތަކެއް އޭނާ ހާމަކުރި އެވެ.
އޭނާގެ ވާހަކަތައް ހިމެނޭ ވީޑިއޯއަކާ އެކު ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެހީއަކަށް އެދުމުން އޭނާއަށް ޒަކާތު ހައުސް އިން މިދިޔަ ސެޕްޓެމްބަރު މަހު 15،500ރ. ދިން ކަމަށެވެ. އޭނާ ފަގީރުންގެ ލިސްޓަށް ނާރަނީ އެކަނިވެރި މައިންގެ އިނާޔަތް ލިބޭ މީހަަކަށް ވެފައި، ވަޒީފާއިން ލިބޭ މުސާރައާ އެކު މަހަކު 22،000.ރ ގެ އާމްދަނީ އެއް ލިބޭތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަދި އޭނާގެ އަތުގައި 75،000 ރުފިޔާ އެބަހުރި ކަމަށް، މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން، މޯލްޑިވްސް ޒަކާތު ހައުސް އިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މި ދެންނެވީ،" އެ ޕޯސްޓްގައި ޝަހީމް ލިއުއްވާފައިވެ އެވެ.
ނަމަވެސް، އެ މީހާގެ އަމިއްލަ ބޭންކް އެކައުންޓުގައި ހުރި ފައިސާގެ އަދަދު ހޯއްދެވި ގޮތެއް ޝަހީމް ވިދާޅެއް ނުވެ އެވެ.
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި
ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު މަދުވެއްޖެ
މިނިސްޓަރަށް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް
"މުއިއްޒަކީ ރާއްޖެއަށް މިވަގުތަށް ލިބުނު ނިއުމަތެއް"
އެހީ ނުވިކަމަށް ބުނުމުން ހާމަކުރީ ޒާތީ މައުލޫމާތު!
މުނީޒާގެ ޖަވާބު: ޒަކާތް ފުޅާކުރަން ހޭލުންތެރިކަން ނެތީ
ޒަކާތު ފަންޑުން އެހީވުން ފުޅާކުރާނެ ގޮތް ކެބިނެޓަށް
ޒަކާތު ފަންޑުގެ ސްކޮލަޝިޕް 24 މީހަކަށް ލިބިއްޖެ